ކުޅުދުއްފުށި ސިޓީއަކަށްވީމަ ހދ އަތޮޅުގެ ވެރިކަން ކުރާ ރަށުގެ ގޮތުން އޮންނާނީ ހަމަ ކުޅުދުއްފުށީ ތޯ؟ މިސުވާލު އެންމެ ފުރަތަމަ އުފެއްދީ ޤާނޫނީ ގޮތުން ފުންނާބު އުސް އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު 2019 ވަނަ އަހަރަށް ދައުލަތު މަޖިލީހަށް ހުށަހެޅި ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ނަޝީދު ވިދާޅުވީ ކުޅުދުއްފުށީގެ އަބާދީގައި ދިހަހާސް ހަމަވެފައިވާކަން ކައުންސިލުން ހާމަކޮށްފައިވާ ކަމަށެވެ. އަދި ސިޓީއަކަށް ކުޅުދުއްފުށި ބަދަލުވާއިރު ގާނޫނީ ސުވާލުތަކެއް ހުރިކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އެ ސުވާލުތަކަށް ސީދާ ސާފު ޖަވާބެއް މުހިންމު ކަމަށެވެ.

Ad
rt

“ރާއްޖޭގައި މިހާތަނަށް އުފެދިފަ ހުރި އެހެން ސިޓީތަކާއި ކުޅުދުއްފުށި ސީޓީއާ ތަފާތުވާނެ. މިހާއްސަ ކަންތައް އަންނާތީ. ހދ އަތޮޅުގައި ވަކިން އެހެން ރަށްތަކެއްވެސް ހުންނާތީ. ސިޓީއަކަށްވީމަ އަތޮޅުގެ ވެރިކަން ކުރާ ރަށުގެ ގޮތުން އޮންނާނީ ހަމަ ކުޅުދުއްފުށީ ތޯ. މިކަހަލަ ބައިވަރު ސުވާލުތަކަށް ޖަވާބު ލިބެން ޖެހޭ އެބަ ސިޓީއެއްގެ ދަރަޖަދީ އިއުލާންކުރާއިރުގަ. ތެދުފުޅެއް ޝަރުތު މިހާރު އެއޮތީ ހަމަވެފަ. އަޅުގަނޑުމެންނަށް ވަގުތުން ސިޓީ ކައުންސިލަކަށް ބަދަލުކުރެވިދާނެ. ސަރުކާރުން ބޭނުންނަމަ.”

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ނަޝީދު އެއިރު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެހެންނަމަވެސް މި ނުގުތާތަކުގެ މައްޗަށް ބަލަން ޖެހޭނެ ކަމަށާއި ކުޅުދުއްފުށި ހދ އަތޮޅުގެ އެހެން ރަށެއްގެ ގޮތުގައި އޮވެ ވަކިން އޭގެ ޒާތުގައި ސިޓީއަކަށް ބަދަލުވެ ހދ އަތޮޅުގެ ތެރޭގައި ދެން ކުޅުދުއްފުށީ އޮންނާނީ ކޮން ހަސިއްޔަތަކުން ތޯ އެވެ. އަދި އަތޮޅު ކައުންސިލާ އަތޮޅުގެ އެހެން ކައުންސިލްތަކާއި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ގުޅުމަށްވާނީ ކިހިނެތްކަމާމެދު ސާފު، ސީދާ ޖަވާބުތަކެއް މުހިންމު ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.

ހދ. ކުޅުދުއްފުށީ ސިޓީއަކަށް ހެދުމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށްޓަކައި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ހުށަހެޅީ މިއަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގައެވެ. މިއިސްލާހުތަކަށް މަޖިލިސް ތަޅުމުގައި ބަހުސްކޮށް ވަނީ ފާސްކޮށްފައެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ތަޞްދީޤު ކުރައްވައިފައިވަނީ 15 ޑިސެމްބަރ 2019 ވަނަ ދުވަހުގައެވެ.

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައިވާ އިސްލާޙު ކޮށްފައިވާ ގޮތުން 51 ވަނަ މާއްދާ ގެ (ޅ) އަންނަނިވި ގޮތަށް އިޞްލާޙުކުރެވިފައިވެއެވެ.

(ޅ) އިދާރީ ދާއިރާއެއްގެ ވެރިކަން ކުރާ ރަށް މި ޤާނޫނު ގެ ދަށުން ސިޓީއެއްގެ ގޮތުގައި ކަނޑައެޅުނު ނަމަވެސް، އެ އިދާރީ ދާއިރާއެއް ހިންގާނީ އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލުންނެވެ. އަދި އަތޮޅު ކައުންސިލުން ބަލަހައްޓަމުން ގެންދިޔަ ތަންތަނާއި، ދެމުން ގެންދިޔަ ޚިދުމަތްތައްވެސް ކުރިއަށް ގެންދާނީ އަތޮޅު ކައުންސިލުންނެވެ.

ލާމަރުކަޒީ ޤާނޫން އިސްލާހު ކުރެވިގެން ދިޔައިރު އަތޮޅު ކައުންސިލް އެކުލެވިގެން ވާގޮތައްވެސް ވަނީ އިސްލާހު ކުރެވިފައެވެ. އެގޮތުން އެޤާނޫނުގެ 11 މާއްދާގެ ނ. ގައިބުނެފައިވަނީ

އެ އިދާރީ ދާއިރާއެއްގައި ސިޓީއެއް ހިމެނޭނަމަ އެ ސިޓީއެއްގެ މޭޔަރު ގެމައްޗަށެވެ.

އެހެން ކަމުން އަތޮޅު ކައިންސިލުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު ހިމެނޭނެއެވެ. އިދާރީ ދާއިރާއެއްކަމުގައި ލާމަރުކަޒީ ގާނޫނުގައި ތިލަދުންމަތީ ދެކުނުބުރި (ހދ. އަތޮޅު) ބަޔާން ކޮށްފައިވަނީ ވަކި ދާއިރާއެއްގެ ގޮތުގައެވެ.

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވުމާއި ގުޅިގެން އަތޮޅުގެ ވެރިކަން ބަދަލުވުމާއިގުޅޭ ގޮތުން އަނެއްކާވެސް މިވަނީ ބަހުސް ކުރުން އިތުރުވެފައެވެ.

މިސުވާލުގެ ޖަވާބު ދެއްވަމުން ގާނޫނީ ވަކީލަކު ބުނީ މިހާރު ލާމަރުކަޒީ ގާނޫން އިސްލާހުކޮށް ތަސްދީގުކޮށްފައި ވަނީ އަތޮޅުގެ ވެރިކަން ބަދަލު ނުވާގޮތައްކަމަށެވެ. މިއަދު ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ހދ. ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމުގައި ކަނޑައަޅާ ނިންމެވި އިރު އަތޮޅުގެ ވެރިކަން އެހެން ރަށަކަށް ބަދަލު ނުކުރެއްވީ އެހެން ވެގެންނެވެ. ރައީސް އެކަން އިޢުލާން ކުރައްވާ ކުރެއްވި ޓުވީޓު ބަލާލުމުންވެސް އެކަން ވަރަށް ސާފުކޮން ބުނެދޭ ކަމަށެވެ. އެއީ ކުޅުދުއްފުށި ލިޔެފައިވާއިރު ހދ. ކުޅުދުއްފުށި ބަޔާން ކުރައްވާ ފައިވުމުން ނެވެ. ކުޅުދުއްފުއްޓަކީ ހދ. އަތޮޅުގެ ވެރިކަން ކުރާރަށެވެ. ހދ. އަތޮޅުގެ ވެރިކަން ކުރާރަށް ސިޓީއަކަށް ބަދަލުވީމާ އިތުރަށް އަތޮޅުގެ އެހެން ރަށެއް ވެރިކަން ކުރާރަށުގެ ގޮތުގައި ކަނޑައަޅާނެ ޖާގައެއް ގާނޫނުގައި މިހާރު ނެތްކަމަށެވެ.

އަތޮޅެއްގެ ތެރޭގައި އޮތް ވަކި ރަށެއް ސިޓީއަކަށް ބަދަލުވި ފުރަތަމަ ރަށަކީ ކުޅުދުއްފުށި ކަން ފާހަގަ ކުރަމުން އޭނާ ވިދާޅުވީ ކުރިން ސިޓީ އެއްގެ ދަރަޖަ ދެވިފައިހުރީ މުޅިންވެސް އަތޮޅަކަށް އެކީ ކަމަށާއި މާލެ ސިޓީ އަކީ ރާއްޖޭގެ ވެރިކަން ކުރާރަށްވުމުން ހާއްސަ ހާލަތެއް ޤާނޫނުގައި ބަޔާން ކޮށްފައިވާކަމަށެވެ. މިހާރަކު ކ. މާލެއެއް ނުކިޔާނެ ކިޔާނީ މާލެ ސިޓީ.

މިހާރު އަތޮޅު ކައުންސިލްގެ ރައީސް ހޮވުމަށް ކުޅުދުއްފުށީ މީހުން ވޯޓުލާނެ، އެއީ އަތޮޅު ކައުންސިލް ހިމެނިގެން ވަނީ ސިޓީ ކައުންސިލްގެ މޭޔަރުގެ މައްޗަށް، އެހެންވީމަ ކުޅުދުއްފުށި މޭޔަރު އިންނާނީ އަތޮޅު ކައުންސިލްގެ ދަށުގައި، ޤާނޫނު އިސްލާހު ވެގެން ދިޔައިރު މިކަންކަމަށް މެންބަރުން އިސްލާހު ހުށަނޭޅީމަ ވީގޮތް. ލާމާރުކަޒީ ޤާނޫނުގެ އިސްލާހުތައް ތަސްދީޤު ކުރުމާއި ހިސާބުން އަތޮޅުގެ ވެރިކަން އެހެން ރަށަކަށް ބަދަލުވުމުގެ ވާހަކަ އޮތީ ނިމިފަކަމަށް އަޅުގަނޑު މާނަ ކުރަނީ، ތަންފީޒީ އިދާރާތަކުން ނިންމާ ގޮތެއް ދެން މިކަމުގައި އޮތީ

މިކަމާއި ގުޅިގެން ވާހަކަ ދެއްކި ގާނޫނީ ވަކީލަކު ބުނެފައިވެއެވެ.