ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލްގެ ހުނަރުވެރި ޒުވާން ފޯވާޑް ވިކްޓޯ ރޮކޫގެ ހަމައެކަނި ލަނޑުން ބާސާއިން އޮސަސޫނާ ބަލިކޮށްފިއެވެ
ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި އޮސަސޫނާ ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
މިއީ ބާސާގެ ކޯޗްގެ މަގާމުގައި ހުރި ޒަވީ މި ސީޒަނަށް ފަހު އެ ޓީމް ދޫކޮށްލާން ނިންމާފައިވާކަން އިއުލާން ކުރުމަށް ފަހު އެ ޓީމް ކުޅުން ފުރަތަމަ މެޗެވެ. މި މެޗުގެ ބާސާގެ ފޯވާޑް ފެރާން ޓޯރޭސް ވަނީ ފުރަތަމަ ފަސް މިނެޓްގެ ތެރޭ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ބަދަލު ކޮށްފައެވެ.
ބާސާއިން މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ހޯދިއެވެ. ކޯނަރުން ތަނަވަސްވީ ދެ ފުރުސަތެއްގައި އެ ޓީމްގެ ޑިފެންޑަރ ކޫންޑޭ ފޮނުވާލި ދެ ހަމަލާއެއް ހުރަސް ދަނޑިމަތިން ބޭރައް ދިޔައިރު، ގުންޑޮގާންއަށާއި ލެވަންޑޯސްކީއަށް ބޮލުން ގޯލަށް ފޮނުވާލަން ލިބުނު ދެ ފުރުސަތުގައި ފޮނުވާލި ބޯޅަ ވެސް ދިޔައީ ގޯލާއި އަމާޒުނުވެއެވެ.
ބާސާގެ ހަމައެކަނި ލަނޑު 63 ވަނަ މިނެޓުގައި ކެންސެލޯ ބޫޓުގެ ބޭރުފަރާތުން ޖަހައި އޮސަސޫނާގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ރޮކޫއެވެ. އޭނާ ކުޅެން ނުކުތީ އޭގެ މިނެޓެއް ކުރިން ފާމިންގެ ބަދަލުގައެވެ. މިއީ ރޮކޫ ބާސާއަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
މެޗުގެ 67 ވަނަ މިނެޓުގައި އޮސަސޫނާގެ އުނާއީ ގާސިއާ ރިކޫއަށް ކުރި ފައުލަކާއި ގުޅިގެން ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދެއްކުމުން މެޗުގެ ފަހުބައި އޮސަސޫނާއިން ކުޅެފައި ވަނީ އެކަކު މަދުކޮށެވެ.
އެކަކު މަދުކޮށް ކުޅުނު ނަމަވެސް މެޗުގެ ފަހުބައިގައި ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތެއް އޮސަސޫނާގެ ރައުލް ގާސިއާއަށް ލިބުނެވެ. އޭނާއަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ރޭ އެތުލެޓިކޯ މެޑްރިޑުން ވަނީ 2-1 ގެ ނަތީޖާއިން ރަޔޯ ވަޔެކާނޯގެ މައްޗަށް ކުރި ހޯދުމާއިއެކު އެ ޓީމް ވަނީ ތާވަލުގެ ތިންވަނަ އަށް ކުރިއަށް ޖެހިލާފައެވެ. މިވަގުތު އެތުލެޓިކޯ ތިންވަނާގައި އޮތީ 22 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ. ބާސާ ހަތަރުވަނާގައި އޮތީ ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނާގައި ޖިރޯނާ އޮތީ 22 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ. އެއްމެޗު މަދުންކުޅެ ރެއާލް ދެވަނާގައި އޮތީ 54 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ 01:00 ގައި ރެއާލް ނުކުންނާނީ ގެތާފޭއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ރެއާލަށް އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!