ޕްރޮސެކިއުޓާ ޖެނެރަލް މުހައްމަދު ޝަމީމަށް ދިން ހަމަލާގެ ފުން ހަގީގަތް ހޯދައި މިކަމުގައި ޝާމިލްވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީން ގޮވާލައިފިއެވެ.
ޕީޕީއެމް/ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝަމީމަށް މަގުމަތިން ދިން ހަމަލާއާ މެދުގައި ކަންބޮޑުވާ ކަމަށާއި ދައުލަތުގެ ޒިންމާދާރު އިސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް ދިން މި ހަމަލާ ކުށްވެރި ކުރަނީ އެންމެ ހަރުކަށި އިބާރާތުން ކަމަށެވެ. މި ޖަރީމާ ހިންގުމުގައި ބައިވެރިވި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި ދައުލަތުގެ ހުރިހާ ވަސީލަތަކާއި ގާބިލްކަމަކާއި އިހްތިޔާރެއް ބޭނުން ކުރުމަށާއި މިކަން ހިންގި ބަޔަކު ހޯދުމާއި ތަހުގީގު ހަލުވި ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށް އެ ބަޔާނުގައިވެއެވެ.
"ރާއްޖޭގެ ދާހިލީ އަމްނު ގެއްލުވައިލުމަށް އަދި ދައުލަތުގެ ޒިންމާދާރު ހިދުމަތްތެރިންގެ ވާޖިބާއި މަސައްކަތްޕުޅުތަކަށް ހުރަސް އެޅުމަށް ހިންގޭ މިފަދަ އަމަލުތަކަކީ އަނިޔާވެރި ޓެރަރިސްޓް ހަމަލާތަކެކެވެ. ކަން ހިނގާފައިވާ ގޮތާ މެދުގައި މިހާތަނަށް މީޑިއާގައި އާންމުކޮށްފައިވާ މައުލޫމާތުތަކުގެ އަލީގައި މިއީ ދުރާލައި ރާވައި ފާރަލައިގެން ހިންގި އަމަލެއް ކަމުގައި ވަރަށް ބޮޑަށް ބެލެވޭތީ މިކަން ހިނގައިދިޔަ ގޮތުގެ އެންމެ ފުން ހަގީގަތްތަކާ ހަމައަށް ވާސިލްވުމަށް ތަހުގީގުގައި މަސައްކަތް ކުރުން މުހިންމު ކަމުގައި މި ޕާޓީން ދެކެމެވެ،" ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައިވެއެވެ.
ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައި ބުނީ ސަރުކާރު ހިންގާ މައި ޕާޓީގެ ގޮތުގައި ކޯލިޝަން އޮތް ހިނދު، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ކޮންމެ ހިދުމަތްތެރިއެއްގެ ސަލާމަތަށް އިސްކަން ދިނުމަށް ސަރުކާރުގެ އިސް މަސްއޫލުވެރިންނަށް ލަފާ އަރުވައި އެއްބާރުލުން ދިނުމުގައި ކޯލިޝަން އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!