ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓުންނާއި، އެ އިއްތިހާދުގެ ލީޑަރު، ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ބައްދަލުކުރައްވައިފިއެވެ.

މި ޕްރައިމަރީގެ ވޯޓުލުން އޮތީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

Ad
rt

ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުން ބުނީ، އެ ޕްރައިމަރީގައި ކާމިޔާބު ހޯދި ކެންޑިޑޭޓުންނާއި ރައީސް މުޢިއްޒު ރޭ ބައްދަލުކުރައްވާފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ނައިބު ރައީސް، ޕީއެންސީގެ ވެސް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އާއި، ޕީއެންސީގެ ޗެއާޕާސަން އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އަދި މިނޫން ވެސް އެ އިއްތިހާދުގެ ލީޑާޝިޕްގެ ބޭފުޅުން ވަނި ބައިވެރިވެފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގެ ވަގުތީ ނަތީ އެއިއްތިހާދުން ވަނީ އިއްޔެ އާންމުކޮށްފައެވެ.

އަންނަ މަޖިލީހުގެ އިންތިޚާބުގައި މަދުވެގެން 62 ގޮނޑި ކާމިޔާބު ކުރުމަކީ އަމާޒުކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދު އެކުލެވިގެން ވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މައްޗަށެވެ.

އަންނަ މާރިޗް 17 ވަނަ ދުވަހު އޮންނަ ވިހި ވަނަ މަޖިލީހުގެ އިންތިޚާބުގައި 93 އިދާރީ ދާއިރާއަށް 93 މެންބަރުން އިންތިޚާބު ކުރާނެއެވެ.