ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި ނައިބު ރައީސް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ)ގެ އިތުބާރުނެތްކަމުގެ މައްސަލައެއް މިއަދު މަޖިލީހަށް ވައްދައިފިއެވެ.

މި މައްސަލަ ވައްދާފައި ވަނީ ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް އިއްްތިހާދުން އިސްވެ އޮވެއެވެ.

Ad
rt

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރުނެތްކަމަށް ބުނެ މިއަދު މަޖިލީހަށް ހުށަހެޅި ގަރާރުގައި މަޖިލީހުގެ ތޭވީސް މެންބަރަކު ވަނީ ސޮއިކޮށްފައެވެ. މީގެ ތެރޭގައި ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ މެންބަރުންގެ އިތުރުން އެ އިއްތިހާދުގެ ސަރުކާރާއި އިއްތިހާދުވެފައިވާ އެމްއެންޕީގެ މެންބަރުނާއި އެމްޑީއޭގެ މެންބަރުން ވެސް ވަނީ ސޮއިކޮށްފައެވެ. އަދި ނޮޅިވަރަމް ދާއިރާގެ މިނިވަން މެމްބަރު މުހައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ވެސް ވަނީ ސޮއިކޮށްފައެވެ.

މި މައްސަލައިގެ ގަރާރުގައި އެ ދެ ބޭފުޅުން ވެސް ޤާނޫނުއަސާސީގެ 75 ވަނަ މާއްދާއާއި ޚިލާފްވެ، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއަރުވައި ޤާނޫނުއަސާސީން އެ މަގާމުތައް އަދާކުރުމުގައި މަތިކޮށްފައިވާ ޒިންމާތަކާއި ތަކުރާރުކޮށް ޚިލާފްވެފައިވާކަމަށް ބުނެފަވެއެވެ.

މީގެ އިތުރުން ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ މަރުހަލާގައި ވެސް އެ ދެ ބޭފުޅުން ޢަމަލުކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދާ ޚިލާފަށް ކަމަށް ބުނެފަވެއެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސް ވާނީ ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ދެބައިކުޅަ އެއްބައި ވޯޓުން ފާސްވެގެންނެވެ.