ބައެއް ވަޒީރުންނަށް ރުހުން ނުދޭން މަޖިލީހުގެ އިދިކޮޅު ދެ ޕާޓީން ނިންމުމުން މަޖިލިސްކުރާގޭ ދޮށުގައި އިހުތިޖާޖު ކުރަމުން އެބަދެއެވެ.
ބަންޑާރަނައިބު އަހްމަދު އުޝާމް ހިމެނޭހެން ތިން ވަޒީރަކަށް ރުހުން ނުދޭން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމާފައިވާއިރު، މަޖިލީހުގައި އެ ޕާޓީއާއި ބައިއަތު ހިފާފައިވާ ދަ ޑިމޮކްރެޓްސް އިން ވެސް ވަނީ އެ ތިން ވަޒީރުންނަށް ރުހުން ނުދޭން ނިންމާފައެވެ.
އެމްޑީޕީންނާއި ޑިމޮކްރެޓްސްއިން ރުހުން ނުދޭން ނިންމާފައިވާ ވަޒީރުންނަކީ، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދު އަދި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރު އެވެ.
މި ނިންމުމާ ދެކޮޅަށް ޝުޢޫރުފާޅުކުރަމުން މަޖިލިސްދޮށަށް ސަރުކާރުގެ ސަޕޯޓަރުންތަކެއް ވަނީ އެއްވެފައެވެ. އެ ސަޕޯޓަރުން ޝުއޫރުފާޅު ކުރަމުންދާއިރު ހިފައިގެންތިބި ލިޔުންތަކުގައި ''ސަރުކާރު ނުހުއްޓުވޭނެ''، ''ތަރައްގީއަށް ހުރަސްނާޅާ''، ''މެންބަރުންގެ ޒިންމާ އަދާކުރޭ'' ފަދަ އިބާރާތްތައް ލިޔެފަވެއެވެ.
ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީއާއި ޑިމޮކްރެޓްސް އިން ނިންމިއިރު، އެމްޑީޕީގެ ޕީޖީ ގްރޫޕްގައި 44 މެންބަރުން އަދި ޑިމޮކްރެޓްސްގެ ޕީޖީ ގްރޫޕްގައި 13 މެންބަރުން ތިބެއެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދުގެ ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގެ އެޖެންޑާގައި އޮތީ ހިމަނާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!