ގާސިމް، ސިޔާމް އަދި ނާޒިމް ވާދަކުރައްވާ ދާއިރާތަކަށް ޕީއެންސީ/ޕީޕީއެމުން ވާދަނުކުރާން ނިންމައިފި

photo_2024-01-25_14-35-02

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ތިން ދާއިރާއަކަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް އިއްތިހާދު) އިން ވާދަނުކުރަން ނިންމައިފިއެވެ.

އެ ތިން ދާއިރާ އަކީ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް ވާދަކުރައްވާ ދާއިރާ އާއި، މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް، މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ވާދަކުރައްވާ ދާއިރާ އާއި، އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވާދަކުރައްވާ ދާއިރާއެވެ.

މިތަނުން ޤާސިމާއި ސިޔާމް ވާދަކުރައްވަނީ މިހާރު ވެސް އެބޭފުޅުން ތަމްސީލް ކުރައްވަމުން ގެންދަވާ ދާއިރާ ތަކަށެވެ. އެނގިފައިވާގޮތުގައި ނާޒިމް މިފަހަރު ވާދަކުރައްވަނީ މާލޭގެ ދާއިރާ އަކަށެވެ.

އެ ތިން ދާއިރާ އަށް ޕްރޮގްރެސިވް އިއްތިހާދުން ވާދަނުކުރާނެކަން ހާމަކުރެއްވީ އެ އިއްތިހާދުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ޚާއްޞަ މުޝީރު، ޕީއެންސީގެ ޗެއާޕާސަން އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އެވެ.

އަދުރޭ ވިދާޅުވި ގޮތުގައި އެ ތިން ލީޑަރުންނަށް ދާއިރާތައް ދޫކޮށްލަން އެ އިއްތިހާދުން ނިންމީ އެ ލީޑަރުންނަށް އިޚްތިރާމް ކުރުމުގެ ގޮތުންނެވެ.

މީގެ ތެރެއިން ނާޒިމް އާއި ސިޔާމް އަކީ މި ސަރުކާރުގައި ރަސްމީކޮށް ބައިވެރިވާ ދެ ބޭފުޅުންނެވެ. އެ ދޭފުޅުންނާއި ޕާޓީން ރިޔާސީ އިންތިޚާބުގެ ފަހު ބުރުގައި ތާއީދުކޮށް މަސައްކަތް ކުރީ ޕްރޮގްރެސިވް އިއްތިހާދުގެ ކެންޑިޑޭޓް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް އިންތިޚާބު ކާމިޔާބުކޮށްދޭށެވެ. ނަމަވެސް ޤާސިމާއި ޖުމްހޫރީ ޕާޓީ ރަސްމީކޮށް އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރެއެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި