ތިލަދުންމަތީ ދެކުނުބުރީ ކުރިނބީގައި އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ޕޮލިސް ޕޯސްޓެއް ހުޅުވައި، އެ ރަށުގައި ރަސްމީކޮށް ފުލުހުންގެ ޚިދުމަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.
މި ޕޯސްޓްގެ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާލައްވައި އެ ރަށު ކައުންސިލާއި ބައްދަލުކުރެއްވުމަށް ހދ.އަތޮޅުގެ ޕޮލިސް ކޮމާންޑަރ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަހުމާ ސައީދު ވަނީ އިއްޔެ އެ ރަށަށް ޒިޔާރަތް ކުރައްވާފައެވެ.
ކުރިނބީގައި ޕޮލިސް ޕޯސްޓް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާ ކުރަމުން އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް ބުނީ އެ ރަށުގައި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފެށިގެން ދިޔުމާއިއެކު ރަށަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. މިގޮތުން ރަށުގެ އާންމު ރައްޔިތުންނާއި ގުޅުންހުރި ގިނަ ކަންތައްތަކެއްގައި ފުލުހުންގެ ފުރިހަމަ އެހީތެރިކަން ލިބި، ކާމިޔާބު ކަމާއިއެކު ކަންކަން ކުރިއަށް ގެންދަން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މިއަދުގެ ބައްދަލުވުމުގައި އެ މަޝްވަރާތައް ކުރެވިފައިވާކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
އަސްލަމް އިތުރަށް ބުނީ ވައްކަމާއި އަދި މިނޫންވެސް ކުށްތައް ވަރަށް މަދުން އެ ރަށުގައި ރިޕޯޓް ކުރިނަމަވެސް އެ ރަށަކީ ކުށްމަދު އަމާން ވެއްޓެއް ލިބިގެންވާ ހިތްފަސޭހަ ރަށެއްކަމުގައެވެ. ފުލުހުންގެ ޚިދުމަތް ފެށިގެންދިޔުމާއިއެކު ރަށުގެ ވެށި މިހާރަށް ވުރެވެސް އަމާންވެ، ރަށުގެ ކަންކަން އުސޫލުގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ފަސޭހަތަކެއް ލިބިގެންދާނެކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
އެ ރަށުގައި ރަސްމީކޮށް ޕޮލިސް ޕޯސްޓް ހުޅުވައި ރަސްމީކޮސް ޚިދުމަތް ދޭން ފަށާނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!