ހއ. ދިއްދޫގައި ފެނަކަ ބްރާންޗަށް ނަގާފައި ތިބި ކޮންޓްރެކްޓް މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް އައު ނުކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމާފައިވާއިރު، އެކަން ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަހީދު (ވައްޑޭ) ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.
ފެނަކައިން ދިއްދޫގައި އިމާރާތް ކުރާ އާ އިންޖީނުގޭގެ މަސައްކަތަށް ކޮންޓްރެކްޓަށް ނަގާފައި ތިބި މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމުމުން އޭގެ ތެރެއިން 50 އަށް ވުރެ ގިނަ މީހުން މިއަދު ވަނީ އިހުތިޖާޖު ކޮށްފައެވެ.
މިކަމާއިގުޅިގެން މެންބަރު ވައްޑޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ މިދިޔަ އެމްޑީޕީގެ ސަރުކާރުން ދިއްދޫގައި އަޅަން ފަށާފައިވާ އިންޖީނުގެއާއި، އައިސްޕްލާންޓްގެ މަސައްކަތަށް ފެނައިކައިން ވަޒީފާ ދީފައިވާ 57 ކޮންޓްރެކްޓް މުވައްޒަފުން އެއްވެސް ނޯޓިހެއް ވެސް ނުދީ ވަޒީފާއިން ވަކިކުރިކަމަށް އެ މުވައްޒަފުން އޭނާ އަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން އެ މުވައްޒަފުންނާއި އެމީހުންގެ ޢާއިލާތައް ނުތަނަވަސްވެފައިވާ ކަމަށާއި، އެކަމުގެ ޝަކުވާ ދިއްދޫގައި އިންތިހާއަށް ބޮޑުވެފައިވާކަމަށް ވައްޑޭ ވިދާޅުވެފަވެއެވެ.
ދިއްދޫގައި އަޅަން ފަށާފައިވާ އާ އިންޖީނުގެއާއި، އައިސްޕްލާންޓްގެ މަސައްކަތް އަދި ނުވެސް ނިމޭކަމަށާއި، އެހެން އެކަންއޮއްވާ އެ މުވައްޒަފުން ވަކިކޮށްލުމުން އެ މަސައްކަތް ހުއްޓި، މުވައްޒަފުންގެ ޢާއިލާތައް ނިކަމެތިކަންލިބޭނެ ކަމަށް ވައްޑޭ ވިދާޅުވެފަވެއެވެ. އެހެންވެ އެ މުވައްޒަފުން ވަކިކުރުން ކުށްވެރިކުރާ ކަމަށް ވެސް ވިދާޅުވެފަވެއެވެ.
''ވީމާ، މި މައްސަލާގައި ކަން ހިނގާފައިވާގޮތް ބެލުމަށާއި، ދިއްދޫ އާ އިންޖީނުގެއާއި، އައިސްޕްލާންޓްގެ މަސައްކަތް އަވަހަށް ނިންމަން ބާރު އެޅުމަށާއި، އެ މަސައްކަތް ނިމެންދެން މުވައްޒަފުން ވަޒީފާގައި ބޭތިއްބެވުމަށް ފެނަކައަށް ދެންނެވުމަށްޓަކައި މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީއަށް ފޮނުވައިދިނުމަށް އަޅުގަނޑު ހުށަހަޅަމެވެ.'' ވައްޑޭގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ކޮންޓްރެކްޓް އާ ނުކުރަން ނިންމުމުން އިހުތިޖާޖު ކުރި ބައެއް މުވައްޒަފުން ބުނެފައިވާގޮތުން ކޮންޓްރެކްޓް އާ ނުކުރަން ނިންމިކަން އެނގުނީ ހެނދުނު އޮފީހަށް ނުކުތުމުންނެވެ. އަދި ބައެއް މީހުން ވަކިކުރީ ކޮންޓްރެކްޓްގެ މުއްދަތު ބާކީ އޮއްވާ ކަމަށް އެ މީހުން ބުނެ އެވެ.
ދިއްދޫގައި ފެނަކައިން ނަގާފައި ތިބި ކޮންޓްރެކްޓް މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް އައު ނުކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމާފައިވާއިރު އެކަމާއިގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެފައި ވަނީ، އެ މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމީ އެ ރަށު އާ އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި އޮތުމުން ކަމަށެވެ. އިންޖީނުގޭގެ މަސައްކަތަށް 70 މީހުން ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި ނަގާފައި ތިބިއިރު، އެ މީހުންނަށް 23.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި ކަމަށް އޭނާ ވިދާޅުވެފަވެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ފެނަކައިން ކޮންޓްރެކްޓަށް ނަގާފައި ތިބި މުވައްޒަފުންގެ ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ، ކުންފުނި ހުއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށް މުއާޒު ވަނީ ވިދާޅުވެފައެވެ. އަދި ރިޔާސީ އިންތިޚާބާ ދިމާކޮށް، އެ ކުންފުންޏަށް ބޭނުންވާ އަދަދަށް ވުރެ އިތުރަށް މުވައްޒަފުން ނެގި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!