ޑްރަގް ވިޔަފާރިކުރާމީހުންނަށް މިހާރަށް ވުރެ ބޮޑު އަދަބު ކަނޑައަޅަން ގޮވައިލައިފި

Mosque - Miskiy

ދިވެހި މުޖުތަމަޢުގައި ފެތުރިފައިވާ ނުރައްކާތެރި ބިރުވެރިވަބާ، މަސްތުވާތަކެތީ (ޑްރަގް) ގެ ނުރައްކާތެރިކަމާއި ގެއްލުން ބަޔާންކޮށްދިނުމާއެކު މަސްތުވާތެކެއްޗާއި ދެކޮޅަށް ތެދުވެ، މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާމީހުންނަށް މިހާރަށް ވުރެ ބޮޑު އަދަބު ރާއްޖޭގައި ވެސް ކަނޑައަޅަން މިއަދުގެ ހުކުރު ޚުޠުބާގައި ގޮވައިލައިފިއެވެ.

މިއަދުގެ ޚުޠުބާ ޚާއްޞަކޮށްފައިވާ މަޢުލޫއަކީ ''މަސްތުވާތެކެތީގެ ނުރައްކާ'' އެވެ.

ޚުޠުބާގައި ވަނީ އިންސާނާއަށް ފައިދާހުރި އެންމެހާތަކެތި މާތްﷲ ވަނީ ހަލާލުކޮށްދެއްވާފައިކަމާއި، އަދި ގެއްލުންދެނިވި އެންމެހާ ތަކެތި ޙަރާމް ކުރެއްވިކަން ހަނދާންކޮށްދީފައެވެ.

''އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައި މީހުންނަށް ދެއްވި ރަނގަޅުތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި މާތްﷲ އަށް އަޅުކަންކުރާކަމުގައިވާނަމަ، އެކަލާނގެއަށް ޝުކުރުވެރިވާށެވެ!'' (ސޫރަތުލް ބަޤަރާ، 172)

ޚުޠުބާގައި މާތްﷲ އިންސާނުންނަށް ދެއްވި ބުއްދިއާއި ވިސްނުމުގެ ސަބަބުން ޚަލްޤުންކުރެ އެންމެ މާތް ކުރައްވައި މަތިވެރިކުރައްވާފައިވާ ބަޔަކީ އިންސާނުންކަމަށް ވަނީ ބުނެފައެވެ. އަދި ބުއްދި ދެއްވީ ވިސްނައި ފިކުުރުކޮށް، ހެވާ ނުބައި ވަކިކުރުމަށް ކަމަށް ވެސް ބުނެފަވެއެވެ. އެހެންކަމުން ރަނގަޅުގޮތުގައި ބުއްދީގެ ބޭނުން ނުހިފާ މީހުންގެ ދަރަޖަ، މާތްﷲގެ ހަޟުރަތުގައި ހައިވާނުންގެ ދަރަޖައަށްވުރެ ވެސް ދަށްވެގެންދާކަމަށް ބުނެފަވެއެވެ.

ޚުޠުބާ އެއްކޮށް ކިޔައިލުމަށް: މަސްތުވާތެކެތީގެ ނުރައްކާ

ޚުޠުބާގައި މަސްތުވާތެކެތީގެ ނުރައްކާތެރިކަމާއި، އެކަމުގެ ސަބަބުން ކުރިމަތިވާ ކަންކަމުގެ މައްޗަށް ވެސް އަލިއަޅުވާލާފައިވެއެވެ. އަދި އެކަމުގެ ޝިކާރައަކަށްވާ މީހާ އަށް ކުރިމަތިވާ ހާލަތު ބަޔާންކޮށްފަވެއެވެ. އޭގެ ސަބަބުން ޢާއިލާތަކާއި، މުޖުތަމަޢު ހަލާކުގެތެރެއަށްވެއްޓި، ގެނބިގެންގޮސްފައިވާކަމަށް ބުނެފަވެއެވެ.

''މުސްލިމް އަޚުންނޭވެ! މަސްތުވާތަކެއްޗަކީ މުޅި އިންސާނިއްޔަތަށް ހުރި ބޮޑު ނުރައްކަލެކެވެ. މިއަދު މި ޤައުމުގެ ކުރިމަގުގެ ޒުވާނުންގެ ގިނަ ބަޔަކު ވަނީ މި ވަބާގައި ޖެހި، އެބައި މީހުންގެ އުންމީދުތައް ވެއްޔާއި މޮޑެވި މާޔޫސް ވެފައެވެ. މިވަބާގައި ޖެހިފައި ނެތް ފަރުދަކުނުވާ ޢާއިލާއެއް މަދުވާނެއެވެ.'' ޚުޠުބާގައި ބުނެފަވެއެވެ.

ޚުޠުބާގައި ވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ތެދުވުމަށް ގޮވައިލައި، އެއާއި ދެކޮޅަށް ހަނގުރާމަކުރަމުން ދަނީ ހަމައެކަނި މުސްލިމުން ނޫންކަމަށް ބުނެފައެވެ. މިގޮތުން ޣައިރު މުސްލިމް ބައެއް ޤައުމުތަކުގައި މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް މަރުގެ އުޤޫބާތް ދޭކަން ޚުޠުބާގައި ފާހަގަކޮށްފަވެއެވެ.

''މިރާއްޖޭގައި ވެސް އެފަދަ މީހުންނަށް މިހާރު އޮންނަވަރަށްވުރެ ހަރުކަށި ޢުޤޫބާތެއް ކަނޑައެޅުމަކީ ކޮންމެހެން ބޭނުންކަމެކެވެ. މި ސުންޕާ ވަބާ އަހަރެމެން މުޖުތަމަޢުން ފުހެލުމަށް އެންމެން ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަންވެއްޖެއެވެ.'' ޚުޠުބާގައި ބުނެފަވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *