ރައްޔިތުންގެ މަޖިލީހުގެ 'ސުޕަރ މެޖޯރިޓީ' ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ލިބިފައިވީނަމަވެސް އޭގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެކަމުގެ ޔަޤީންކަން ސަރުކާރުން މިއަދު ދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަންގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު، އެންސްޕާގެ ސިއީއޯގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ހީނާ ވަލީދު މިއަދު ވަނީ ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ބައްދަލުކުރައްވާފައެވެ.
މި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިއެއް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ، ވަނީ މި ސަރުކާރުން 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އާމްދަނީ އިތުރުކޮށް، އިޤްތިޞާދީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މި ޤައުމަށް ތަރައްޤީ ގެނައުންކަމުގައި ވެސް ޗީފް ސްޕޯކްސްޕަރސަން ހީނާ ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރުން 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެކަމުގެ ޔަޤީންކަން ސަރުކާރުން ދިންއިރު މި އޭޕްރިލް މަހުގެ 21 ވަނަ ދުވަހު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން އިންތިޚާބީ މިނިވަން ހަތް މެންބަރަކު އެ ޕާޓީއާއި މިހާތަނަށް ގުޅިފައިވުމާއެކު ސަރުކާރުން މަޖިލީހުގައި ތަމްސީލްކުރާ ގޮނޑިތަކުގެ ޢަދަދު މިހާރު ވަނީ 73 އަރާފައެވެ.
މި އިންތިޚާބުގައި 93 ގޮނޑިއަށް މެންބަރުން އިންތިޚާބުކުރިއިރު އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުވީ 12 ގޮނޑިއެވެ. އެހެންކަމާއެކު ބާކީ ހުރިހާ މެންބަރުން ވެސް ސަރުކާރަށް އެއްބާރުލުން ދޭނެކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!