ހދ. ކުޅުދުއްފުށީ ސިޓީގެ އެއާޕޯޓުގެ ފަސިންޖަރުންގެ ޓާމިނަލް ބޮޑުކޮށް ތަރައްގީކުރުމަށްޓަކައި، އެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާންކޮށްފިއެވެ.
ކުޅުދުއްފުށީ ސިޓީގެ އެއާޕޯޓުގެ ފަސިންޖަރުންގެ ޓާމިނަލް ބޮޑުކޮށް ތަރައްގީކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ) އިން ކޮށްފައިވާ ޢިއުލާންގައިވާގޮތުން އެކަމަށް ޝައުގުވެރިވާ ކުންފުނިތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް( އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ވަނީ މި ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައެވެ.
އެ އާޕޯޓުގެ ޓާމިނަލް ބޮޑުކޮށް ތަރައްގީކުރުމުގެ ތެރެއިން 11،345 އަކަފޫޓުގެ ޓާމިނަލެއް ތަރައްގީކުރުމަށް ވަނީ ހުޅުވާލައިފައެވެ. އަދި ޓާމިނަލް ސަރަހައްދުގައި ޝޭޑިން އެއް ލުމާއި އަދި މިހާރު ހުރި ޓާމިނަލްގެ ސްޓްރަކްޗާއަށް ގެންނަންޖެހޭ ބަދަލުތަށް ގެނައުން ވެސް ވަނީ މި މަސައްކަތުގެ ތެރޭގައި ހިމަނާފައެވެ.
މީގެ އިތުރުން ފަސެންޖަރުންނަށް ދެވޭ ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ތަންތަން ގާއިމްކުރުން ވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
މި މަސައްކަތްތަކަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅުމުގެ ސުންގަޑި އަކީ 9 ޖެނުއަރީ 2024ގެ ނިޔަލަށެވެ.
ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ އަޅައި، އެ ރަންވޭ އިފްތިތާހުކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އޭރުގެ ރައީސް ޔާމީން އަބުދުލްޤައްޔޫމެވެ. ނަމަވެސް އެ އެއާޕޯޓު ރަސްމީކޮށް ޝެޑިއުލް ދަތުރުތައް ފަށާފައި ވަނީ މިދިޔަ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި 9 އޯގަސްޓް 2019 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!