ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ކުރިއަށް ގެންދިޔަ "30 ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރިއަލް ސްޓާސް އިން ހޯދައިފިއެވެ.
އިއްޔެ ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ރޫހް އާއި ރިއަލް ސްޓާސް އެވެ. މި މެޗު 8-0 ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރިއަލް ސްޓާސް އިންނެވެ. މިއީ މި މުބާރާތުގެ ތާރީހުގައި ވެސް ފައިނަލް މެޗެއްގައި ނުކުތް އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.
މުޅި މެޗުގައި ރިއަލް ސްޓާސްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ހަތްވަނަ މިނެޓުގައި އަބްދުﷲ ނާސިރު ޖަހައިދިންއިރު ދެވަނަ ލަނޑު 26 ވަނަ މިނެޓުގައި ޖެހީ އުފާލް އަބްދުﷲ އެވެ. ތިންވަނަ ލަނޑު 34 ވަނަ މިނެޓުގައި ޖަހައިދިނީ މުހައްމަދު ޒަމާއު އަމްޖަދެވެ.
މުޅި މެޗުގައި ވެސް ރޫހް އަށް ރިއަލް ސްޓާސްގެ ގޯލާއި އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައި ނުވެއެވެ. ރިއަލް ސްޓާސް އިން ދެވަނަ ހާފުގައި ވަނީ ފަސް ލަނޑު ޖަހާފައެވެ. މި ހާފުގައި އުފާލް ވަނީ އިތުރު ދެ ލަނޑުޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ދެން ރިއަލް ސްޓާސް އަށް ލަނޑު ޖަހައިދިނީ ތައުމީން ނޫހްގެ އިތުރުން ޒަމާއުއާއި އަލީ ރަޝީދެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ރިއަލް ސްޓާސްގެ ޖޯޒީ ނަމްބަރު 57، އުފާލް އަބްދުﷲ އެވެ.
މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ރޫހް ޓީމްގެ އަބްދުﷲ މުހައްމަދު ހޮވުނުއިރު، މުބާރާތުގެ ބެސްޓް ޔަންގް ޕްލޭއާއަށް ހޮވުނީ އެ ޓީމްގެ ސަމްހާން އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ވެސް ހޮވުނީ ރޫހް އެވެ.
މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ޔުނީފޯމްގެ އަބްދުﷲ މިސްބާހް އެވެ. މުބާރާތުގެ އެނެމް ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ދެ ކުޅުންތެރިޔަކު ވަނީ ހޯދާފައެވެ. އެއީ ޔުނީފޯމްގެ އަބްދުﷲ މިސްބާހް އާއި ޝީލްޑްގެ ނައުފަލް އަބްދުލް ރައޫފެވެ. މި ކޮންމެ ކުޅުންތެރިޔަކު ވަނީ ހަތް ލަނޑު ޖަހާފައެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ރިއަލް ސްޓާސްގެ ކޯޗް އަހްމަދު އަޝްރަފެވެ
މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރަކަށް ރިއަލް ސްޓާސްގެ މޫސާ ކައުޔަޝް އަށް ހޮވުނުއިރު މުބާރާތުގެ އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ ޝީލްޑްގެ ނައުފަލް އަބްދުލް ރައޫފެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ނައުފަލް އެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ލޯބި އިތުރު ކުރުމާއި ވާދަވެރި މާހައުލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ހަނިމާދޫގައި ފުޓްބޯޅަ ކުރިއެރުވުމެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ފުރަތަމަ ރަށު ފެންވަރުގައި ފުޓްބޯޅަ މުބާރާތެއް ބާއްވާފައި ވަނީ 1999 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ. އެ އަހަރު އެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ސާސްކަފް ކަޕްގެ ނަމުގައެވެ. އެއަށްފަހު މި މުބާރާތް 2002 ވަނަ އަހަރު ބާއްވާފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. އެ އަހަރަށް ފަހު (2003، 2004، 2005، 2006، 2007، 2010، 2012، 2014، 2019، 2021) ފާއިތުވި ދިހަ މުބާރާތް ވެސް ކުރިއަށް ގެންގޮސްފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. ނަމަވެސް މި އަހަރަކީ (2023) ޖަމިއްޔާއަށް 30 އަހަރު ފުރޭ އަހަރަށް ވުމުން މުބާރާތް އެކަމަށް ހާއްސަ ކުރުމުގެ ގޮތުން މުބާރާތުގެ ނަމަށް ވަނީ ބަދަލު ގެނެސްފައެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ފާއިތުވި 30 އަހަރު ހުއްޓުމެއްނެތި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2015 ވަނަ އަހަރު ހދ.އަތޮޅު ކައުންސިލުން، އަތޮޅަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދީފައިވާ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމް ދެ ދާއިރާއަކުން ހާސިލް ކޮށްފައެވެ. އެއީ އިޖްތިމާޢީ ދާއިރާއާއި ތަޢުލީމީ ދާއިރާއެވެ. މީގެއިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2016 ވަނަ އަހަރު ޤައުމީ އިނާމް ވެސް ހާޞިލް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!