ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ފުޓްބޯޅަ މުބާރާތަށް ތާރީޚީ ނަޒަރެއް

އާދަމް ސަލީމްކަޕް 2012 ވަނަ އަހަރު ކާމިޔާބު ކުރި ޔޫތު ފްރެންޑްސްގެ ޓީމު
އާދަމް ސަލީމްކަޕް 2012 ވަނަ އަހަރު ކާމިޔާބު ކުރި ޔޫތު ފްރެންޑްސްގެ ޓީމު

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން މުޅިރަށަށް ހުޅުވާލައިގެން ފުރަތަމަ ފުޓްބޯޅަ މުބާރާތެއް ބާއްވަން ފަށާފައި 2000 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. އެކާވީސްވަނަ ގަރުނުގެ ފެށުން ރާއްޖޭގައި ފާހަގަ ކުރުމުގެ ގޮތުން އެކިކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް އެ ދުވަސްވަރު ހިންގިއިރު، މި މުބާރާތް ވެސް ގުޅިފައިވަނީ އެ ހަރަކާތްތަކާއެވެ.

ފުރަތަމަ މި މުބާރާތް ބާއްވާފައި ވަނީ "ސާސްކަފް ކަޕް" ގެ ނަމުގައެވެ. މުބާރާތް އެ ދުވަސްވަރު ކުޅެފައިވަނީ އޭރު ހަނިމާދޫގައި ރަސްމީކޮށް ފުޓްބޯޅަ ކުޅުމަށް ބޭނުންކުރި، މިހާރު އިޖުތިމާއީ މަރުކަޒާއި ޔޫތުސެންޓަރުގެ އިތުރުން މަލްޓިޕާޕަސް ޓާފް އަޅާފައިވާ ބިމުގައެވެ.

ސާސްކަފް ކަޕްގެ ނަމުގައި ފެށި ފުޓްބޯޅަ މުބާރާތް އާދަމް ސަލީމް ކަޕްގެ ނަމަށް ބަދަލުކޮށްފައި ވަނީ 2002 ވަނަ އަހަރުއެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ މެމްބަރު، ހަނިމާދޫ ނީރަންމާގޭ އަލްމަރްހޫމް އާދަމް ސަލީމްއަކީ ހަނިމާދޫގައި އުފެދުނުނު ވަރަށް މޮޅު ފުޓްބޯޅަ ކުޅުންތެރިއެކެވެ. އާލާސްކަންފުޅާ އުޅުއްވުމަށް ފަހު 2002 ވަނަ އަހަރުގެ ތެރޭގައި އާދަމް ސަލީމް ނިޔާވުމުން ޖަމިއްޔާގެ އޭރުގެ ހިންގާ ކޮމެޓީން މި މުބާރާތުގެ ނަން "އާދަމް ސަލީމް ކަޕް" ގެ ނަމަށް ބަދަލުކުރަން ނިންމި ހިސާބުން ފެށިގެން މި މުބާރާތް 2021 ވަނަ އަހަރާއި ސިސާބަށް ބާއްވަމުން އައިސްފައި ވަނީ މި ނަމުގައެވެ. ޖުމްލަ ހަތަރު ޓީމް 2002 ވަނަ އަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާއިރު އެ ޓީމް ތަކަކީ ބިލާދަރު، ބިލާދަރު ޖޫނިއާރސް، ކުއްލި ނުރައްކާގެ އިތުރުން ޓީމް ބަނގުރޫޓެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ބިލާދަރެވެ.

2003 ވަނަ އަހަރު އާދަމް ސަލީމް ކަޕް ބާއްވާފައި ވާކަން އެނގެން އޮތްނަމަ ވެސް އެ މުބާރާތާއި ގުޅޭ އިތުރު މައުލޫމާތެއް ލިބިފައިނުވާތީ މި ލިޔުމުގައި އެ އަހަރުގެ މައުލޫމާތު ހިމެނިފައި ނުވާނެއެވެ. 2004 ވަނަ އަހަރު އާދަމް ސަލީމް ކަޕް ވަނީ ބާއްވާފައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ޓީމް ހަބޭސްއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމުގައި 2004 ވަނަ އަހަރުގެ މުބާރާތާއި ހިސާބަށް އަމަލު ކުރެވިފައިވަނީ ރަށުގައި ފުޓްބޯޅަކުޅޭ ކުޅުންތެރިންގެ ތެރޭގައި ގުރުއަތު ލައިގެން ޓީމްތައް އެކުލަވާލާ އުސޫލަށެވެ. މުބާރާތް ފެށުމަށް ތާރީހެއް ކަނޑައަޅައި ޓީމްތައް އެކުލަވާލުމަށް ގުރުއަތުލުމަށް މުބާރާތުގައި ކުޅެން ބޭނުންވާ ހުރިހާ ކުޅުންތެރިނަށް ވަކި ގަޑިއަކަށް ވަކި ތަނަކަށް ދައުވަތުދޭނެއެވެ. އެއަށްފަހު ހާޒިރުވާ ކުޅުންތެރިންގެ ތެރެއިންގެ ނިސްބަތަށް ބަލައި އެކުލަވާލެވޭނެ ޓީމްތަކުގެ އަދަދު ކަނޑައަޅާނެއެވެ. ހަތަރު ޓީމް އެކުލަވާލެވޭ ވަރަށް ކުޅުންތެރިން ތިބިނަމަ ގިނަބަޔަކު އިއްތިފާގުވާ އެންމެ މޮޅު ހަތަރު ކުޅުންތެރިންގެ މެދުގައި ގުރުއަތުލައި ޓީމް ބަހާލެވޭނެއެވެ.

2005 ވަނަ އަހަރުން ފެށިގެން މި މުބާރާތް ކުރިއަށް ގެންދާ ގޮތަށް ވަނީ ބަދަލުތަކެއް ގެނެވިފައެވެ. އެ އަހަރު މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޓީމްތައް ރަޖިސްޓަރީ ކޮށްގެންނެވެ. ބޭނުން ކޮންމެ ފަރާތަކަށް ވެސް ކަނޑައެޅިފައިވާ އަދަދަށް ކުޅުންތެރިން ހަމަކޮށް ޓީމް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލައިގެންނެވެ. އެ އަހަރަށް ފަހު މިއަދާއި ހިސާބަށް ވެސް މުބާރާތަށް ޓީމްތައް އެކުލަވާލުމުގައި އަމަލު ކުރެވެމުން އަންނަނީ މި އުސޫލަށެވެ. އެ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައި ވަނީ ޔޫތު ފުރެންޑްސްއާއި ރިއަލް ސްޓާރސްއެވެ. ފައިނަލް މެޗު 1-0 އިން ކާމިޔާބުކޮށް ތަށި ހޯދީ ރިއަލް ސްޓާރސްއެވެ.

2006 ވަނަ އަހަރު ވެސް އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތް ވަނީ ބާއްވާފައެވެ. އެ އަހަރު މުބާރާތުގައި ފަސް ޓީމެއް ވަނީ ވާދަ ކޮށްފައެވެ. އެ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ކަން ހޯދާފައި ވަނީ އޯލްޑް އިޒް ގޯލްޑެވެ. 2007 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަން ކަން ހޯދާފައި ވަނީ ޔޫތު ފްރެންޑްސްއެވެ.

2008 ވަނަ އަހަރަކީ ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ ސާއްބަ އެކުވެރި ކުލަބްގެ އަހަރީ ދުވަހާއި ގުޅުވާލައިގެން އެ ކުލަބުން ފުޓްބޯޅަ މުބާރާތެއް ބާއްވަން ފެށި އަހަރެވެ. ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ވިނަ އިނދާފައި އޮތުމުގެ ސަބަބުން އެ މުބާރާތް ކުޅެފައިވަނީ އެއާޕޯޓް ފުޓްބޯޅަ ދަނޑުގައެވެ. އެ މުބާރާތުގެ ޗެމްޕިއަން ކަން ހޯދާފައި ވަނީ ޔޫތު ފްރެންޑްސްއެވެ.

2010 ވަނަ އަހަރުގެ އާދަމް ސަލީމް ކަޕަކީ ފާއިތުވެދިޔަ މުބާރާތްތަކާއި ހިލާފަށް ބޮޑު ފައިސާގެ އިނާމަކާއި ބޮޑު ތައްޓެއް ދެވުނު މުބާރާތެކެވެ. ހަނިމާދޫ ސްޓާޓިން ޕޮއިންޓް ފިހާރައާއި، ޖަމިއްޔާގެ މެމްބަރ މުހައްމަދު އާދަމް (ލޯންގޭ) ސްޕޮންސަރ ކޮށް ބޭއްވި މި މުބާރާތުގައި ޗެމްޕިއަން ޓީމަށް ދިހަހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ޔޫތު ފްރެންޑްސްއެވެ.

2012 ވަނަ އަހަރު ވެސް އާދަމް ސަލީމް ކަޕް ވަނީ ބާއްވާފައެވެ. އެ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެސްޓީއޯއެވެ. ކޯ ސްޕޮންސާއަކީ ސްޓާޓިން ޕޮއިންޓެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 8000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، މި މުބާރާތް ވެސް ކާމިޔާބު ކޮށްފައިވަނީ ޔޫތު ފުރެންޑްސްއެވެ.

އާދަމް ސަލީމް ކަޕް 2014 ވަނަ އަހަރުގެ މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ވަނީ ވާދަކޮށްފައެވެ. އެ ޓީމް ތަކަކީ އަހުލީ، ބީޓޫ ސްޕޯޓްސް، ޔޫތު ފްރެނޑްސް، ޔޫތު ފްރެންޑްސް ޖޫނިއާރސް، ރިއަލް ސްޓާރސް، ރޫހްގެ އިތުރުން ޔުނީފޯމެވެ. ފައިނަލްގައި ވާދަކޮށްފައި ވަނީ ރިއަލް ސްޓާރސްއާއި ޔޫތު ފުރެންޑްސްއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ރިއަލް ސްޓާރސްއިންނެވެ.

14 ފެބްރުއަރީ 2016 ވަނަ ދުވަހަކީ ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑު ވިނަ ދަނޑަކަށް ބަދަލު ކުރުމުގެ މަސައްކަތް ފެށިގެން ދިޔަ ދުވަހެވެ. މިއީ މި ދަނޑުގެ ހަޔާތުގައި ބޮޑު ދުވަހެކެވެ. ޒުވާނުންނާއި ހަނިމާދޫ ކައުންސިލާއިއެކު ވައިބަރ ގުރޫޕްތަކާއި އަދި ރަސްމީކޮންނާއި ނުރަސްމީކޮށް ކުރެވުނު މަޝްވަރާތަކަށް ފަހު ދަނޑު ހެދުމުގެ އަމަލީ މަސައްކަތް ފެށިގެން ދިޔަ ތާރީހީ ދުވަހަކީ އެއީއެވެ. ވުމާއެކު 2016 ވަނަ އަހަރާއި 2017 ވަނަ އަހަރުގައި ހަނިމާދޫގައި ބޮޑު ފުޓްބޯޅަ މުބާރާތެއް ބާއްވާފައިނުވެއެވެ.

ހަނިމާދޫ ފުޓްބޯޅަ ދަނޑު ވިނަހެއްދުމަށް ފަހު ފުރަތަމަ ބޭނުން ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ހދ.އަތޮޅު ފުޓްބޯޅަ މުބާރާތުގެ މެޗުތައް ކުޅުމަށެވެ. ދަނޑުގައި ވިނަހެއްދުމަށް ފަހު އެންމެ ފުރަތަމަ އާދަމް ސަލީމް ކަޕް ބާއްވާފައި ވަނީ 2019 ވަނަ އަހަރުއެވެ. މި މުބާރާތުގައި ވާދަކޮށްފައި ވަނީ ޖުމްލަ ހަ ޓީމެކެވެ. އެ ޓީމް ތަކަކީ ޔޫތު ފްރެންޑްސް، ރިއަލް ސްޓާރސް، އަހުލީ، ރޫހް، ޔުނީފޯމްގެ އިތުރުން ޝީލްޑެވެ. މި މުބާރާތުގެ ފައިނަލް މެޗުގައި 3-1 ގެ ނަތީޖާއަކުން ޝީލްޑް ބަލިކުރުމަށް ފަހު ޗެމްޕިއަންކަން ހޯދާފައި ވަނީ ރިއަލް ސްޓާރސްއެވެ.

އާދަމް ސަލީމް ކަޕް 2021 ފުޓްބޯޅަ މުބާރާތް ފެށީ އެ އަހަރުގެ ނޮވެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ. ޖުމްލަ ހަތް ޓީމް އެ އަހަރު މުބާރާތުގައި ވާދަކުރިއެވެ. އެ ޓީމްތަކަކީ ޔޫތު ފްރެންޑްސް، ރިއަލް ސްޓާރސް، އަހުލީ، ރޫހް، ޔުނީފޯމް، ޝީލްޑްގެ އިތުރުން ޓީމް ވިކިލާނެއެވެ.

މި މުބާރާތުގެ މެދަކާއި ހިސާބަށް ކުޅެފައި މުބާރާތް މެދުކަނޑާލަން ޖެހުނެވެ. ރަށުގައި ކޯވިޑްގެ ހާލަތު ގޯސްވުމުންނެވެ. މެދުކަނޑާލުމަށް ފަހު މި މުބާރާތުގެ ބާކީބައި ކުރިއަށް ގެންގޮސްފައި ވަނީ ޖެހިގެން އައި 2022 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.

މި މުބާރާތުގެ ފައިނަލުގައި ބައްދަލުކުރީ ޝީލްޑާއި އަހުލީއެވެ. ފައިނަލް މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ތަށި ހޯދީ ޝީލްޑުންނެވެ.

މި އަހަރު މުބާރާތް (15 ޑިސެމްބަރ 2023) ގައި ފަށާފައިވާއިރު، މިއީ އަނެއްކާ ވެސް ހާއްސަ މުބާރާތެކެވެ. މި އަހަރަކީ ޖަމިއްޔާއަށް 30 އަހަރު ފުރޭ އަހަރަށް ވުމުން، އާދަމް ސަލީމް ކަޕް ނަމުގައި ކުރިއަށް ގެންދަމުން އައި މި މުބާރާތުގެ ނަން މި އަހަރު ވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ "30 ޗެމްޕިއަންޝިޕް" ފުޓްބޯޅަ މުބާރާތުގެ ނަމަށް ބަދަލު ކޮށްފައެވެ. މި މުބާރާތުގައި ރަށުން ބޭރު ދެ ޓީމް ވާދަކުރެއެވެ. އެއީ ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސްއާއި ފިނޭ ޑެޒަޔަރ ކްރޫ އެވެ. މިއީ މި މުބާރާތުގައި ވާދަ ކުރަން ރަށުން ބޭރު ޓީމަކަށް ދައުވަތު ދެވުނު ފުރަތަމަ ފަހަރެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *