ފެން ބިލު ނުދައްކާތިބި ފަރާތްތަކަށް ލުއި ފަސޭހަ ވާނޭހެން، ބިލުގެ ދަރަނި ފިލުވާލެވޭނެ ފަސޭހަ ގޮތްތަކެއް ދައުލަތުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީން ހަމަޖައްސައިދީފިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ކަސްޓަމަރުންގެ ފަރާތުން މަހުން މަހަށް ބިލުތަކަށް ފައިސާދެއްކުމަކީ އެ ކުންފުނީގެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށްޓަކައި އެ ކުންފުނިން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް ކަމަށެވެ.

Ad
rt

ފެން ބިލު ނުދައްކާ ތިބި ކަސްޓަމަރުންނަށް ފެންކުންފުނިން ހުޅުވާލަ ދިން ލުއި ގޮތްތަކުގެ ތެރޭގައި، އަންނަ އަހަރުގެ ޖޫން މަހުގެ 16 ގެ ކުރިން ބިލްތައް ނުދެއްކި ހުރި ފަރާތްތަކުން އެމްޑަބްލިއުއެސްސީއާއި ބައްދަލުކޮށް އެ ފަރާތްތަކުގެ ދަތިތައް އެމްޑަބްލިއުއެސްސީއާ ހިއްސާ ކުރުމުން، ބިލްތައް ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާއި،

އެ މުއްދަތުގައި ބިލު ދައްކާ ފަރާތްތަކުން ފައިސާ އެއްކޮށް ދައްކައިފިނަމަ ޖޫރިމަނާ ފައިސާ މާފުކޮށްދިނުމާއި، އެ މުއްދަތުގައި 30 އިންސައްތަ ފައިސާ ދައްކައިފިނަމަ ޖޫރިމަނާއިން 30 އިންސައްތަ މާފުކޮށްދިނުން ހިމެނެއެވެ.

މިކަންކަން ހާމަކުރައްވަމުން އެމްޑަބްލިއުއެސްސީގެ އެމްޑީ އާދަމް އާޒިމް ވިދާޅުވީ އޭރަށް އެއްވެސް ބޭފުޅަކު އެކުންފުންޏަށް ދަރަނިވެފައި ނޯންނާނެ ކަމަށާއި މިއީ ދަރަނި ފިލުވާލަން ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ ފެން ބިލަށް ފައިސާ ނުދެއްކި ލަސްވާ ހާލަތްތަކުގައި ކޮމްޕައުންޑް އިންޓްރެސްޓްގެ ގޮތުގައި އިތުރު އަދަދުތަކެއް އަރަމުން ދިއުމުން ފައިސާ ދެއްކުމުގައި ކަސްޓަމަރުންނަށް އިތުރު ބުރަތަކެއް އުފުލަން ޖެހޭ ކަމަށެވެ.

އެހެންކަމުން ޖޫރިމަނާ ނަގަމުން އައި އުސޫލު ބަދަލުކޮށް، ކޮމްޕައުންޑް އިންޓްރެސްޓުން ސިމްޕަލް އިންޓްރެސްޓަށް ޖޫރިމަނާ ނަގާ އުސޫލު މިހާރު ބަދަލުކޮށްފައިވާނެ ކަންވެސް އާޒިމް ފާހަގަކުރެއްވިއެވެ.

އާޒިމް މިއަދު ވިދާޅުވިގޮތުގައި އެއް އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ފެން ބިލް ނުދައްކާތިބި 1751 ކަސްޓަމަރުން އަދި، ދެމަހަށްވުރެ ގިނަ ދުވަހުގެ ބިލް ނުދައްކާ ތިބި 4492 ކަސްޓަމަރުން އެބަތިއްބެވެ.

އެކުވެރި ފެންކުންފުނިން ދަނީ ރައްޔިތުންނާ ވަރަށްކައިރިން ރައްޔިތުންނަށް ލުއިފަސޭހަކަން ލިބޭނޭހެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.