ހދ. އަތޮޅުގައި ތަރައްގީކުރި ފުރަތަމަ ރިސޯޓް، ހޮނޑާފުށި އައިލެންޑް ރިސޯޓްގައި ސާވިސްޗާޖުގެ ގޮތުގައި ނޮވެމްބަރ މަހުގެ ގޮތުގައި ބަހަން ނިންމާފައިވަނީ 11 ޑޮލަރު (169.62 ރުފިޔާ) ކަމަށް އެރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުން ބުނެފިއެވެ.

އެރަށުން ވާހަކަ ދެއްކި މުވައްޒަފަކު ނަން ހާމަނުކުރުމަށް ޝަރުތުކޮސޤ މިނޫހަށް މަޢުލޫމާތު ދެމުން ބުނީ އެރިސޯޓުގައި އަބަދުވެސް ސާވިސްޗާޖު ދެނީ އެއްމަސް ފަހުން ކަމަށެވެ. މިދިޔަ މަހުގެ ސާވިސްޗާޖު އަދިވެސް ޖަމާ ނުކުރާކަމަށް އެފަރާތުން ބުނެފައިވެއެވެ.

Ad
rt

މިހާރު އެރަށުގައި 62 ރޫމުގައި ގެސްޓުންނަށް ޙިދުމަތް ދެމުންދާއިރު މިރަށް ހުޅުވުނީންސުރެ މުވައްޒަފުންގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ.

ވޭތުވެ ދިޔަ މަސްތަކުގައި ހޮނޑާފުށި އައިލެންޑް ރިސޯޓުން ދީފައިވާ ސާވިސްޗާޖްތަކަކީ ރާއްޖޭގެ ރިސޯޓެއްގައި ދީފައިވާ އެންމެ ކުޑަ އަދަދު ކަމުގައި ވެދާނެއެވެ. އެވެބްސައިޓްގައި ވާގޮތުން ޖުލައިމަހު އެރިސޯޓުން ދީފައިވާ އަދަދަކީ 8 ޑޮލަރު 123.36 ރުފިޔާ އެވެ. ޖޫންމަހު ދީފައިވާ އަދަދަކީ 5 ޑޮލަރު 77.10 ރުފިޔާއެވެ. އޮގަސްޓްމަހު 21 ޑޮލަރެވެ. ސެޕްޓެމްބަރ މަހު 40 ޑޮލަރު އަދި އޮކްޓޫބަރ މަހު 63 ޑޮލަރެވެ.

އެރަށުގައި ވަޒީފާ އަދާކުރާ މުވައްޒަފުން މިނޫހަށް މަޢުލޫމާތުދޭގޮތުގައި މިޢަދަދު ތަކަކީ ސައްޙަ ތެދު މަޢުލޫމާތެކެވެ. އެރިސޯޓުން މަޢުލޫމާތު ދިން މުވައްޒަފަކު ބުނި ގޮތުގައި އެރަށުގައި 200 މުވައްޒަފުން އުޅޭކަމަށާއި އެއިގެ ތެރިން ދިވެހިންގެ ނިސްބަތަކީ 20 މީހުން ކަމަށާއި އެހާ ކުޑަ އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި ދިނުން ގަބޫލު ނުކުރެވޭނެ ކަމަށާއި ސާވިސް ޗާޖު ދިނުމުގައި އެރިސޯޓުން އިޙްމާލުވާކަމަށް އެރިސޯޓުން މަޢުލޫމާތު ދިން މުވައްޒަފުން ބުނެއެވެ.

އެރަށުން ވާހަކަ ދެއްކި މުވައްޒަފަކު ބުނިގޮތުގައި އޮކްޓޫބަރ މަހު ޓޫރިޒަމް މިނިސްޓްރީ ސާވިސްޗާޖާއި ރިސޯޓުގެ ކަންކަން ބެލުމަށްޓަކައި ޓީމެއްގޮސްފައިވާކަމަށް މަޢުލޫމާތުދެއްވިއެވެ. އިތުރަށް ބުނެފައިވަނީ އެއިނާއަކީ ރާއްޖޭގެ އެހެން ރިސޯޓުތަކުގައިވެސް މަސައްކަތް ކުރި މީހެއްކަމަށާއި ސްޓާފުންގެ ކެއުމާއި ސްޓާފުންގެ ޙިދުމަތުގެ ފެންވަރު ވަރަށް ދެރަކަމަށް، މިސާލެއްގެ ގޮތުން ފާހަގަ ކުރީ ސްޓާފުން ބޯން ސާފު ފެން ލިބެން ދަތިކަމަށާއި ބޯން ޖެހެނީ ސަޕްލައި ފެން ކަމަށެވެ.

ހޮނޑާފުށި ރިސޯޓުގެ ފެންވަރު ދަށްކަމަށް ބުނެ ކުޅުދުއްފުށީ ދެކުނުދާއިރާގެ މެންބަރ ޔާސިރު ލަތީފުވެސް ވަނީ މިކަން ބަލައިދިނުމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އަރިހުން އެދިފައެވެ.

މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ދީފައިވަނީ އެންމެ 63 ޑޮލަރު، އާންމު މުސާރައިގެ ގޮތުގައި ދެނީ 5000 ރުފިޔާ، އެރަށުގައި ހުރީ 62 ކޮޓަރި، މިއަހަރު އެއްވެސް ކޮޓަރިއެއް އަލަށް އަޅާފައި ނުވޭ، ނަމަވެސް ކޮންމެ އަހަރަކު 100 ކޮޓަރި ޖުމްލަ 400 ހަމަވަނެދެން އަޅަށް އަޅަންޖެހޭ، ދިވެހިންގެ ކެއުމުގެ ފެންވަރު ވަރަށް ދަށް

ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރ ޔާސިރު ލަތީފްގެ މިމަހުގެ 25 ވަނަ ދުވަހު ކުރި ޓުވީޓުގައި ބުނެފައިވެއެވެ.

ހޮނޑާފުށި ރިސޯޓް ހުޅުވީ 2018 ވަނަ އަހަރު މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ. ހުޅުވިއިރު އެތަނުގައި 160 އެނދުގެ 80 ކޮޓަރި ހުރެއެވެ. އެކި އަހަރުތަކަށް ބަހާލައިގެން ކޮންމެ އަހަރަކު 100 ކޮޓަރި ހުޅުވުމަށް ހަމަޖެހިފައިވާއިރު، މަސައްކަތް އެއްކޮށް ނިމުމުން 400 ކޮޓަރި އެ ރިސޯޓްގައި ހުންނާނެއެވެ.

ހަނިމާދޫގެ އުތުރުން ހަތް ކިލޯމީޓަރު ދުރުގައި އޮންނަ ހޮނޑާފުށި ރިސޯޓަކީ ތްރީ އޭ ކުންފުނިން ރާއްޖޭގައި ހުޅުވި ފަސްވަނަ ރިސޯޓެވެ. އަދި ހދ. އަތޮޅުގެ ފުރަތަމަ ރިސޯޓްވެސްމެއެވެ.

ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާފައިވާ މި ރިސޯޓަކީ ހަތަރު ތަރީގެ ރިސޯޓެކެވެ. ނަމަވެސް އެތަނުން ފަސް ތަރީގެ ޚިދުމަތް ލިބޭނެ ކަމަށް ތްރީއޭ ކުންފުނިން އެރިސޯޓު ހުޅުވިއިރު މީޑިޔާތަކަށް މަޢުލޫމާތު ދެއްވަމުން ބުނެފައިވެ އެވެ. ހޮނޑާފުށި ހުޅުވާފައިވަނީ އެރަށް ތްރީއޭ އަށް ލިބުނުތާ 12 ވަރަކަށް އަހަރު ފަހުންނެވެ.