ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ "30 ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ރިއަލް ސްޓާސް އިން ހޯދައިފިއެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިއަދު ބައްދަލު ކޮށްފައި ވަނީ ޝީލްޑާއި ރިއަލް ސްޓާސްއެވެ. މުޅި މެޗުގައި ވެސް ޝީލްޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ ވަރަށް ކުރީކޮޅު ރިއަލް ސްޓާސް އިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނދު ހަތްވަނަ މިނެޓުގައި ޖަހައިދިނީ އުފާލް އަބްދުﷲ އެވެ.

Ad
rt

ބައިކޮޅަށް ވަތް ލަނޑާއިއެކު ޝީލްޑުން ޓީމް ކުރިއަށް ޖައްސައިގެން ލަނޑުޖަހަން ވަރަށް ބޮޑަށް ވަނީ މަސައްކަތް ކޮށްފައެވެ. ޝީލްޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 37 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދިނީ ނައުފަލް އަބްދުލް ރައޫފެވެ. މިއީ ރިއަލް ސްޓާސްގެ އޭރިއާ ތެރެއިން އެ ޓީމްގެ މޫސާ ކައުޔަޝް ޝީލްޑްގެ ނައުފަލް އަށް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ.

މެޗުގެ ދެވަނަ ހާފުގައި ރިއަލް ސްޓާސް އިން ޑިފެންސަށް އިސްކަން ދީގެން ކުޅުމުގެ ނަތީޖާއެއްގެ ގޮތުން ލަނޑުޖަހާނެ ފުރުޞަތު ހޯދުމުގައި ޝީލްޑަށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނެވެ. ނަމަވެސް ދެވަނަ ހާފު ވެސް ޑޮމިނޭޓް ކޮށްގެން ކުޅެފައި ވަނީ ޝީލްޑުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ރިއަލް ސްޓާސް އިން ވަނީ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ. އެ ޓީމަށް ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ އަހްމަދު އަފްރާހް، ރައިޝާން، މޫސާ ކައުޔަޝް ކައިލްގެ އިތުރުން އިބްރާހީމް ޚަލީލްއެވެ. ރިއަލް ސްޓާސްގެ ޕެނަލްޓީ މިސް ކޮށްލީ ހުސެއިން ހާޒިމްއެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ޝީލްޑްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

ފަސް ޕެނަލްޓީގެ ތެރެއިން ޝީލްޑަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީއެވެ. އެ ޓީމަށް ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ އަހްމަދު މުޖުތަބާ، ނައުފަލްގެ އިތުރުން ހުޝާމް އެވެ. އެ ޓީމުން ޕެނަލްޓީތައް މިސްކޮށްލީ އަބޫބަކުރު ސިއްދީގުގެ އިތުރުން ތޯހާ ޔާސީންއެވެ. ބަކުރު ޖެހި ޕެނަލްޓީ ގޯލު ދަނޑި ކައިރިން ބޭރަށް ދިޔައިރު، ތޯހާ ފޮނުވާލި ޕެނަލްޓީ ރިއަލް ސްޓާސްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ރިއަލް ސްޓާސްގެ ފަހަތުގައި މޮޅު ކުޅުމެއް ދެއްކި އެ ޓީމްގެ ކެޕްޓަން މޫސާ ކައުޔަޝް ކައިލް އެވެ.

ރޫހާއި ރިއަލް ސްޓާސް ބައްދަލުކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހު ހަވީރުއެވެ. މެޗު ފަށާނީ 15:45 ގައެވެ.