ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ "30 ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ރޫހް ޓީމުން ހޯދައިފިއެވެ.

މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ ރޫހް އާއި ޔުނީފޯމެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ރޫހް ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައެވެ.

Ad
rt

މިއަދު މެޗު ފަށައިގެން ޔުނީފޯމުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑުޖަހައި ލީޑު ނެގީ ރޫހުންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައިވަނިކޮށް ދުރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބު ކޮށްދިނީ އަހްމަދު އަލީއެވެ. ރޫހްގެ ދެވަނަ ލަނޑު 69 ވަނަ މިނެޓުގައި ޖަހައިދިނީ ނައިޝަމް އާދަމް ސައީދެވެ.

މެޗުގެ ދެވަނަ ހާފުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތު ޔުނީފޯމުން ތަނަވަސް ކުރި ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. މެޗުގެ ފަހު ދިހަމިނެޓް ތެރޭ ޔުނީފޯމަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެ. އެ ޓީމްގެ އަބްދުﷲ މިސްބާހް ފޮނުވާލި ޕެނަލްޓީ، މުޅި މެޗުގައި ވެސް ރޫހް ޓީމްގެ ގޯލުގައި މޮޅު ކުޅުމެއް ދެއްކި އަބްދުﷲ މުހައްމަދު ވަނީ މަތަކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ އޭނާއެވެ.

މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ރިއަލް ސްޓާސް އާއި ޝީލްޑެވެ. މި މެޗު ފަށާނީ ހަވީރު 15:45 ގައެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މި މަހު ފަސްވަނަ ދުވަހުއެވެ.