ހަނިމާދޫ ކައުންސިލުން އެރަށު ކޮންމެ ކަނޑުމަހުގެ މަސްވެރި އުޅަނދަކަށް 5000ރ.ގެ ކޫޕަނެއް ދީފިއެވެ.
ހަނިމާދޫ ކައުންސިލުން މި ކޫޕަންތައް އެރަށުގެ ކަނޑުމަހުގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ދީފައި ވަނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެރަށުގެ މަސްވެރިންނަށް ދިން ޚާއްޞަ ޖާފަތެއްގައެވެ.
މި ދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި މި ޖާފަތުގައި އެރަށުގެ ގިނަ މަސްވެރިން ބައިވެރިވެފައިވާ ކަމަށް ހަނިމާދޫ ކައުންސިލްގައި މަސްވެރިކަމުގެ ދާއިރާ ބަލަހައްޓާ ކައުންސިލް މެންބަރު ހާރިސާ މުހައްމަދު ‘’ތިލަދުން’’ އަށް ވިދާޅުވިއެވެ.
ހާރިސާ ވިދާޅުވީ، މި ޖާފަތުގެ ހަވާސާގައި އެރަށު ކަނޑު މަހުގެ ކޮންމެ މަސްވެރި އުޅަނދަކަށއ ދަތުރުމަތީ ބޭނުންކުރުމަށް އެ އޮޑިއަކުން ބޭނުންކުރާ ސާމާނުގެ ތެރެއިން -/5000ރ ގެ މުދާ ނެގޭނެ ކޫޕަނެއް ވަނީ ހަދިޔާ ކޮށްފައެވެ.
’’އެއީ މަސްވެރިންގެ ގައުމީ ޚިދުމަތުގެ އަގުވަޒަން ކުރުމަށް ކައުންސިލުން ދިން ހަދިޔާއެއް، އެއީ މަސްވެރިންގެ މަސައްކަތާއި ބަލާއިރު ކުޑައެއްޗެއް ނަމަވެސް ބޭނުންވަނީ މަސްވެރިންގެ އަގު ވަޒަން ކުރަން، އަޅުގަނޑުމެން ކައުންސިލުން މަސްވެރިންގެ ބުރަ މަސައްކަތް ބަަލައިގަންނަން’’ ހާރިސާ ވިދާޅުވިއެވެ.
ހަނިމާދޫގައި ކަނޑުމަހުގެ މަސްވެރިކަން ކުރާ 4 އުޅަނދު އޮވެއެވެ.
ރާއްޖޭގައި ރަސްމީގޮތުން ފާހަގަ ކުރާ މަސްވެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!