ދިވެހި ރައްޔިތުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ސަރުކާރަށް ދޭނެ ކަމަށާއި، އޭރުން ރާއްޖެއާ މެދު އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ އިތުރު އިންވެސްޓްމަންޓްތައް ލިބޭނެކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް މިރޭ ވިދާޅުވެއްޖެއެވެ.

ވަޒީރު ފައިސަލް މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން މިރޭ ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ރާއްޖޭގަައި ފަތުރުވެރިކަން ތަރައްގީކުރަން ދޫކޮށްފައި ހުރި ގިނަ އަދަދެއްގެ ރަށްތަކުގެ މަސައްކަތް ހުއްޓިފައިއޮތް މައްސަލައާއި ގުޅިގެން ޕްރޮގްރާމްގެ ޕްރެޒެންޓާ ކުރި ސުވާލުގެ ޖަވާބު ދެއްވަމުން ފައިސަލް ވަނީ ރާއްޖޭގެ އެންމެ ވަރުގަދަ އިންޑަސްޓްރީ (ސިނާއަތަކީ) ފަތުރުކަމުގެ ސިނާއަތްކަން ފާހަގަކުރައްވާފައެވެ.

‘’ވޯލްޑްލީޑިން ޑެސްޓިނޭޝަން ވީމަ ދުނިޔޭގައި ތިބި ވަރަށް ވަރުގަދަ ވިޔަފާރިވެރިން އެބަ ބޭނުންވޭ އިންވެސްޓް ކުރަން، އެ ގޮތައް ބަލާއިރު އާ ސަރުކާރެއް އުފެދިގެން އައީމަ އިންވެސްޓަރުން ވަރަށް ބޮޑަށް ލުކްފޯވަޑްކުރާނެ އަލަށް އުފެދޭ ސަރުކާރަކަށް، ކޮބާތޯ މި ގައުމުގެ ޕޮލިޓިކަލް ސްޓޭބިލިޓީއަށް،’’ ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، އެގޮތުން ބައްލަވާއިރު، ނިމުނު ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބު ކުރެއްވީ 129،000 ވޯޓުން، 54 އިންސައްތަ ހޯއްދަވައިގެން ކަމަށް ވުމުން އެއީ ވަރަށް ޕޮޒިޓިވް ފާލެއް ކަމަށެވެ.

‘’އެހެންވީމަ އަޅުގަނޑު ޤަބޫލުކުރާ ހިތް އޮތީ ދިވެހި ރައްޔިތުން އަންނަ މަޖިލީހުގެ އިންތިޚާބުގައި ޑރ. މުޢިއްޒުގެ ސަރުކާރަށް ފުރިހަމަ އަގުލަބިއްޔަތު ދެއްވާނެ ކަމަށް، އެހެންކަމަށް ވަންޏާ އިންވެސްޓަރުންގެ ކޮންފިޑެންސް ރާއްޖެއާއި މެދު އިތުރު ވެގެން ދާނެ، އިތުރު އިންވެސްޓަރުން ރާއްޖެއަށް އިންވެސްޓް ކުރަން ވަޑައިގަންނަވާނެ،’’ ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވިގޮތުގައި، އެއީ ވެސް އިތުރު ރަށްތަކެއް ހުޅުވުމަށް ވަރަށްބޮޑު ކުރިއެރުމަކަށް ވެގެންދާނެ ކަމެކެވެ. އަދި އާ އިންވެސްޓަރުންނާއެކު އިތުރު 30-40 ރިސޯޓު މާކެޓަށް ނެރެވިއްޖެނަމަ ދައުލަތުގެ އާމްދަނީ އަށް ހެޔޮ އަސަރުކޮށް، ވަޒީފާގެ ބާޒާރު ތިޔާގިވެގެން ދާނެކަން ފައިސަލް ވަނީ ފާހަގަ ކުރައްވާފައެވެ.