މި ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ތެރެއިން ނުހެދި ހުރި ރަށްތަކުގެ %50 ރަށްތައް މާކެޓަށް ނެރުންކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް މިރޭ ވިދާޅުވެއްޖެއެވެ.
ވަޒީރު ފައިސަލް މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ރޭ ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރުގެ ވާހަކާގައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭން ބޭރުގެ ޤައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި ކުރައްވާ މަސައްކަތްޕުޅުތަކުން ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް އިންވެސްޓަރުން ހޯދި، އިތުރު އިންވެސްޓަރުން ގެނެވޭނެކަމަށް ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މިގޮތުން ރައީސް އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ ތުރުކީވިލާތަށްކަން ފާހަގަކުރައްވައި، އެ ދަތުރުފުޅުގައި ކުރެއްވި މަސައްކަތްޕުޅުގެ ހެޔޮ ނަތީޖާ މިހާރު ވެސް ދަނީ ފެންނަމުން ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް ހުރި ދަތުރުފުޅުތަކުން އިތުރު ހެޔޮ ނަތީޖާ ލިބޭނެކަމަށް ވެސް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވިގޮތުގައި ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން 63 ރިސޯޓެއް އެވޯޑް ކުރެވި މިހާތަނަށް ވެސް މާކެޓަށް ނުނެރެވި އެބައޮތެވެ. އަދި އޭގެ ތެރެއިން ބައެއް ރަށްތަކަކީ 20 އަހަރު 10 އަހަރު 15 އަހަރު ވެފައިވާ ރަށްތައް ކަމަށް ވެސް ވިދާޅުވިއެވެ.
''އަޅުގަނޑުމެން ފުރަތަމަ ކަމަކަށް ޓޫރިޒަމް މިނިސްޓްރީން މި ކުރަމުންދާ މަސައްކަތަކީ އެރަށްތައް އައިޑެންޓިފައިކޮށް، އެރަށްތައްކަށް އިންވެސްޓްކޮށްފައި ތިބި ވިޔަފާރިވެރިން ހޯދައިގެން އެ ވިޔަފާރިވެރިންނާއެކީ ވަރަށް ގާތް އެކުވެރި މާހައުލެއްގައި މަޝްވަރާކުރެވިގެން ކޮބައިތޯ އެ ވިޔަފާރިވެރިންނަށް ހުރި ދަތިތަކަކީ." ވަޒީރު ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ، މިހެން ހުރި ރަށްތައް ހެދުމަށްޓަކައި ޤާނޫނާއި ޤަވާއިދުގެ ތެރެއިން ދެވޭނެ ފަސޭހަތަކާ ގުޅޭގޮތުން އެޓާނީ ޖެނެރަލްއާއެކު ވެސް މަޝްވަރާކުރައްވަމުން ގެންދަވާކަމަށެވެ.
"އަޅުގަނޑުގެ ވަރަށް ބޮޑު އަމާޒެއް ޓާގެޓެއް އެއީ އެހެން ނުހެދި ހުރި ރަށްތައް މި 5 އަހަރު ދުވަސްތެރޭގައި %50 ރަށްތައް މާކެޓަށް ނެރުން. އެ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދާދީގެން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކާއި ހަވާލާދެއްވައި، އަންނަ އަހަރު 12-15 ރިސޯޓް މާކެޓަށް އިތުރުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއާއެކު މި އަންނަ އަހަރު އެކަނި 1000 ބެޑް އިތުރުވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.
ކޮންމެ އަހަރަކު ވެސް ރަށްތައް މިވަރަށް މާކެޓަށް ނެރެވޭނެކަމަށް ބެލެވޭ ކަމަށާއި، އިންވެސްޓަރުންނާ ވާހަކަ ދައްކައިގެން 30-40 ޕަސެންޓް މި ފަސް އަހަރު ތެރޭ ހުޅުވިގެން ގޮސްފިނަމަ އެއީ ރާއްޖޭގެ އިގްތިސާދަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަން ވަޒީރުގެ ވާހަކާގައި ވަނީ ފާހަގަ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!