ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ "30 ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ޔުނީފޯމާއި ރޫހް އަދި ރިއަލް ސްޓާސްއާއި ޝީލްޑް ވާދަކުރަން ޖެހިއްޖެއެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހު މެޗުގައި މިއަދު ހަވީރު ރޫހް އާއި ޝީލްޑް ބައްދަލުކުރި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބުކޮށް ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައި ޝީލްޑް ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. ޝީލްޑަށް ކުޅުނު ތިން މެޗުން 9 ޕޮއިންޓް ލިބިފައިވާއިރު، މި ގްރޫޕުން ދެވަނައަށް ދިޔަ ރޫހަށް ތިން މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ.
ގްރޫޕް އޭގެ އެއްވަނަ ހޯދީ ޔުނީފޯމެވެ. ދެވަނަ ހޯދީ ރިއަލް ސްޓާސްއެވެ. މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި އަންނަ ޖަނަވަރީ މަހުގެ ދެވަނަ ދުވަހު ޔުނީފޯމް ނުކުންނާނީ ރޫހް އާއި ދެކޮޅަށެވެ. ޖަނަވަރީ ތިންވަނަ ދުވަހު ހަވީރު ސެމީ ފައިނަލް ދެވަނަ މެޗުގައި ރިއަލް ސްޓާސް ނުކުންނާނީ ޝީލްޑާއި ދެކޮޅަށެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހުއެވެ.
މިއަދު މެޗުގައި ޝީލްޑަށް ލަނޑުތައް ޖަހައިދިނީ އަބޫބަކުރު ސިއްދީގް، ތޯހާ ޔާސީންގެ އިތުރުން ނައުފަލް އަބްދުލް ރައޫފެވެ. ތޯހާ ވަނީ ދެ ލަނޑު ޖަހައިދީފައެވެ. ރޫހް ގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަލީ ރަމީޒެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޝީލްޑްގެ ނައުފަލް އަބްދުލް ރައޫފެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ލޯބި އިތުރު ކުރުމާއި ވާދަވެރި މާހައުލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ހަނިމާދޫގައި ފުޓްބޯޅަ ކުރިއެރުވުމެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ފުރަތަމަ ރަށު ފެންވަރުގައި ފުޓްބޯޅަ މުބާރާތެއް ބާއްވާފައި ވަނީ 1999 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ. އެ އަހަރު އެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ސާސްކަފް ކަޕްގެ ނަމުގައެވެ. އެއަށްފަހު މި މުބާރާތް 2002 ވަނަ އަހަރު ބާއްވާފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. އެ އަހަރަށް ފަހު (2003، 2004، 2005، 2006، 2007، 2010، 2012، 2014، 2019، 2021) ފާއިތުވި ދިހަ މުބާރާތް ވެސް ކުރިއަށް ގެންގޮސްފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. ނަމަވެސް މި އަހަރަކީ ޖަމިއްޔާއަށް 30 އަހަރު ފުރޭ އަހަރަށް ވުމުން މުބާރާތް އެކަމަށް ހާއްސަ ކުރުމުގެ ގޮތުން މުބާރާތުގެ ނަމަށް ވަނީ ބަދަލު ގެނެސްފައެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ފާއިތުވި 30 އަހަރު ހުއްޓުމެއްނެތި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2015 ވަނަ އަހަރު ހދ.އަތޮޅު ކައުންސިލުން، އަތޮޅަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދީފައިވާ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމް ދެ ދާއިރާއަކުން ހާސިލް ކޮށްފައެވެ. އެއީ އިޖްތިމާޢީ ދާއިރާއާއި ތަޢުލީމީ ދާއިރާއެވެ. މީގެއިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2016 ވަނަ އަހަރު ޤައުމީ އިނާމް ވެސް ހާޞިލް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!