ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ "30 ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގެ އެއްވަނަ ޔުނީފޯމް ހޯދައިފިއެވެ.

ގްރޫޕް އޭގެ، ގްރޫޕް ސްޓޭޖް ފަހު މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ ޔުނީފޯމާއި ޔޫތު ފްރެންޑްސް އެވެ. މި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ޔުނީފޯމުންނެވެ. މި މޮޅާއިއެކު ގްރޫޕް ސްޓޭޖްގައި ޔުނީފޯމް ކުޅުނު ހަތަރު މެޗުން އެ ޓީމަށް ވަނީ 10 ޕޮއިންޓް ލިބިފައެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ރިއަލް ސްޓާސް އަށް ވެސް ވަނީ 10 ޕޮއިންޓް ލިބިފައެވެ. ޔުނީފޯމަށް އެއްވަނަ ލިބެނީ ފައިދާ ގޯލުންނެވެ.

Ad
rt

އިއްޔެ ކުޅުނު މެޗުގައި ޔުނީފޯމަށް ލަނޑުތައް ޖަހައިދިނީ އަބްދުﷲ މިސްބާހްގެ އިތުރުން އަބޫބަކުރު އަބްދުލް ކަރީމެވެ. މި މެޗުގައި މިސްބާހް ވަނީ ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މިއީ އޭނާ މި މުބާރާތުގައި ހެދި ދެވަނަ ހެޓްރިކެވެ. އިއްޔެ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ އޭނާއެވެ. ޔޫތު ފްރެންޑްސްގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަހްމަދު ޒަޔާން އެވެ.

މި މުބާރާތުގެ މެޗެއް މިއަދުވެސް އޮންނާނެއެވެ. ގްރޫޕް ބީގެ، ގްރޫޕް ސްޓޭޖް ފަހު މެޗުގައި ބައްދަލުކުރާނީ ރޫހް އާއި ޝީލްޑެވެ. މި މެޗުން މޮޅުވާ ޓީމަކަށް ގްރޫޕް ބީގެ އެއްވަނަ ލިބޭނެއެވެ. އެއްވަރު ވެއްޖެނަމަ އެއްވަނަ ލިބޭނީ ޝީލްޑަށެވެ.

މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ޖަނަވަރީ މަހުގެ ދެވަނަ އަދި ތިންވަނަ ދުވަހުއެވެ. ފުރަތަމަ ސެމީގައި ގްރޫޕް އޭގެ އެއްވަނަ ބައްދަލުކުރާނީ ގްރޫޕް ބީގެ ދެވަނަ ޓީމާއެވެ. ދެވަނަ ސެމީގައި ގްރޫޕް އޭގެ ދެވަނަ ހޯދި ޓީމް ބައްދަލުކުރާނީ ގްރޫޕް ބީގެ އެއްވަނަ ޓީމާއެވެ. މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހުއެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ލޯބި އިތުރު ކުރުމާއި ވާދަވެރި މާހައުލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ހަނިމާދޫގައި ފުޓްބޯޅަ ކުރިއެރުވުމެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ފުރަތަމަ ރަށު ފެންވަރުގައި ފުޓްބޯޅަ މުބާރާތެއް ބާއްވާފައި ވަނީ 1999 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ. އެ އަހަރު އެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ސާސްކަފް ކަޕްގެ ނަމުގައެވެ. އެއަށްފަހު މި މުބާރާތް 2002 ވަނަ އަހަރު ބާއްވާފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. އެ އަހަރަށް ފަހު (2003، 2004، 2005، 2006، 2007، 2010، 2012، 2014، 2019، 2021) ފާއިތުވި ދިހަ މުބާރާތް ވެސް ކުރިއަށް ގެންގޮސްފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. ނަމަވެސް މި އަހަރަކީ ޖަމިއްޔާއަށް 30 އަހަރު ފުރޭ އަހަރަށް ވުމުން މުބާރާތް އެކަމަށް ހާއްސަ ކުރުމުގެ ގޮތުން މުބާރާތުގެ ނަމަށް ވަނީ ބަދަލު ގެނެސްފައެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ފާއިތުވި 30 އަހަރު ހުއްޓުމެއްނެތި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2015 ވަނަ އަހަރު ހދ.އަތޮޅު ކައުންސިލުން، އަތޮޅަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދީފައިވާ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމް ދެ ދާއިރާއަކުން ހާސިލް ކޮށްފައެވެ. އެއީ އިޖްތިމާޢީ ދާއިރާއާއި ތަޢުލީމީ ދާއިރާއެވެ. މީގެއިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2016 ވަނަ އަހަރު ޤައުމީ އިނާމް ވެސް ހާޞިލް ކޮށްފައެވެ.