ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ "30 ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ރިއަލް ސްޓާސް ޖެހިލައިފިއެވެ.

އިއްޔެ ހަވީރު ގްރޫޕް އޭގައި ޔޫތު ފްރެންޑްސް އާއި ރިއަލް ސްޓާސް ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ރިއަލް ސްޓާސް އިންނެވެ. މި މޮޅާއިއެކު ކުޅުނު ތިން މެޗުން 7 ޕޮއިންޓް ހޯދައިގެން ގްރޫޕް އޭގެ އެއްވަނައަށް ރިއަލް ސްޓާސް ޖެހިލައި ވަނީ ސެމީގެ އުންމީދު ބޮޑު ކޮށްފައެވެ. މި ގްރޫޕްގެ ދެވަނާގައި ތިން މެޗުން ލިބުނު 6 ޕޮއިންޓާއިއެކު އަހުލީ އޮތްއިރު ތިންވަނާގައި ހަތަރު ޕޮއިންޓާއިއެކު އޮތީ ޔުނީފޯމެވެ. ތިން ޕޮއިންޓާއިއެކު ހަތަރު ވަނާގައި އޮތީ ޑޮމިނޭޓާސްއެވެ. ފުލުގައި އޮތީ ކުޅުނު ތިން މެޗުން ވެސް ބަލިވި ޔޫތު ފްރެންޑްސްއެވެ. މި ގްރޫޕުން ސެމީގެ ޖާގަ ހޯދުމުގެ ބާރު މިހާރު އޮތީ ރިއަލް ސްޓާސް އަށާއި އަހުލީގެ އިތުރުން ޔުނީފޯމަށެވެ. ޑޮމިނޭޓާސްއާއި ޔޫތު ފްރެންޑްސް ވަނީ ކަޓާފައެވެ.

Ad
rt

އިއްޔެގެ މެޗުގައި ފެނިގެންދިޔަ ތިން ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 18 ވަނަ މިނެޓުގައި ތައުމީން ނޫހް ޖަހައިދިންއިރު ދެވަނަ ލަނޑު އޭގެ ދެ މިނެޓް ފަހުން ކާމިޔާބު ކޮށްދިނީ މުހައްމަދު ޒަމާއު އަމްޖަދެވެ. ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓްގައި ޖަހައިދިނީ ތައުމީން އެވެ.

މެޗުގެ ދެވަނަ ހާފުގެ ފަހުކޮޅު ޔޫތު ފްރެންޑްސްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެ ޓީމްގެ ހުސެއިން ޝަރީފް ފޮނުވާލި ޕެނަލްޓީ ރިއަލް ސްޓާސްގެ ކީޕަރު މިފްޒާލް ވަނީ މަތަކޮށްފައެވެ. މިއީ އޭނާ މި މުބާރާތުގައި މަތަކުރި ދެވަނަ ޕެނަލްޓީއެވެ. ޔުނީފޯމާއި ރިއަލް ސްޓާސް ބައްދަލުކޮށް އެއްވަރުވި މެޗްގައި ޔުނީފޯމަށް ލިބުނު ޕެނަލްޓީ ވެސް އޭނާ ވަނީ މަތަކޮށްފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއާއަށް ހޮވުނީ ރިއަލް ސްޓާސްގެ ޖޯޒީ ނަމްބަރު 47، މޫސާ ކައުޔަޝް ކައިލް އެވެ. މި މެޗުގައި ރިއަލް ސްޓާސްގެ ޑިފެންސްގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މި މުބާރާތުގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. ބައްދަލުކުރާނީ ޔޫނީފޯމާއި ޑޮމިނޭޓާސްއެވެ. މިއީ ގްރޫޕް އޭގެ މެޗެކެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ލޯބި އިތުރު ކުރުމާއި ވާދަވެރި މާހައުލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ހަނިމާދޫގައި ފުޓްބޯޅަ ކުރިއެރުވުމެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ފުރަތަމަ ރަށު ފެންވަރުގައި ފުޓްބޯޅަ މުބާރާތެއް ބާއްވާފައި ވަނީ 1999 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ. އެ އަހަރު އެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ސާސްކަފް ކަޕްގެ ނަމުގައެވެ. އެއަށްފަހު މި މުބާރާތް 2002 ވަނަ އަހަރު ބާއްވާފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. އެ އަހަރަށް ފަހު (2003، 2004، 2005، 2006، 2007، 2010، 2012، 2014، 2019، 2021) ފާއިތުވި ދިހަ މުބާރާތް ވެސް ކުރިއަށް ގެންގޮސްފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. ނަމަވެސް މި އަހަރަކީ ޖަމިއްޔާއަށް 30 އަހަރު ފުރޭ އަހަރަށް ވުމުން މުބާރާތް އެކަމަށް ހާއްސަ ކުރުމުގެ ގޮތުން މުބާރާތުގެ ނަމަށް ވަނީ ބަދަލު ގެނެސްފައެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ފާއިތުވި 30 އަހަރު ހުއްޓުމެއްނެތި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2015 ވަނަ އަހަރު ހދ.އަތޮޅު ކައުންސިލުން، އަތޮޅަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދީފައިވާ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމް ދެ ދާއިރާއަކުން ހާސިލް ކޮށްފައެވެ. އެއީ އިޖްތިމާޢީ ދާއިރާއާއި ތަޢުލީމީ ދާއިރާއެވެ. މީގެއިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2016 ވަނަ އަހަރު ޤައުމީ އިނާމް ވެސް ހާޞިލް ކޮށްފައެވެ.