ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ "30 ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ރޫހް ޖާގަ ހޯދައިފިއެވެ.

ގްރޫޕް ބީގައި އިއްޔެ ހަވީރު ފަލްކަން އާއި ރޫހް ބައްދަލުކުރި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ރޫހުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ރޫހުން ވަނީ ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ފުރަތަމަ މިނެޓްގައި ޖަހައިދިނީ މުހައްމަދު ޔޫސުފެވެ. ދެވަނަ ލަނޑު 26 ވަނަ މިނެޓުގައި ޖަހައިދިނީ ނިޝާމް އަލީއެވެ. ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓްގައި ޖެހީ އަހްމަދު އަލީއެވެ.

Ad
rt

މެޗުގައި ފަލްކަންއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު 61 ވަނަ މިނެޓުގައި ޖަހައިދިނީ މާއްދު އަދުނާން އެވެ. ރޫހްގެ ހަތަރުވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަމިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ނިޝާމް އަލީއެވެ.

ގްރޫޕް ބީގައި ކުޅުނު ދެ މެޗުން މޮޅުވެ ރޫހް މިވަނީ ހަ ޕޮއިންޓް ހަމަކޮށް ސެމީގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. ކުޅުނު ދެ މެޗުން ބަލިވުމުން ފަލްކަން ވަނީ މުބާރާތުން ކަޓާފައެވެ. މި ގްރޫޕްގެ ދެވަނާގައި އެއް މެޗު ކުޅެ ހޯދި ތިން ޕޮއިންޓާއިއެކު އޮތީ ޝީލްޑެވެ. ތިންވަނާގައި ޕޮއިންޓއް ނުލިބި އޮތީ ޑެޒަޔަ ކްރޫއެވެ.

މި މުބާރާތުގައި މިއަދު ވެސް މެޗެއް ކުޅޭނެއެވެ. ބައްދަލު ކުރާނީ ރިއަލް ސްޓާސްއާއި ޔޫތު ފްރެންޑްސްއެވެ. މިއީ ގްރޫޕް އޭގެ މެޗެކެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ލޯބި އިތުރު ކުރުމާއި ވާދަވެރި މާހައުލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ހަނިމާދޫގައި ފުޓްބޯޅަ ކުރިއެރުވުމެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ފުރަތަމަ ރަށު ފެންވަރުގައި ފުޓްބޯޅަ މުބާރާތެއް ބާއްވާފައި ވަނީ 1999 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ. އެ އަހަރު އެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ސާސްކަފް ކަޕްގެ ނަމުގައެވެ. އެއަށްފަހު މި މުބާރާތް 2002 ވަނަ އަހަރު ބާއްވާފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. އެ އަހަރަށް ފަހު (2003، 2004، 2005، 2006، 2007، 2010، 2012، 2014، 2019، 2021) ފާއިތުވި ދިހަ މުބާރާތް ވެސް ކުރިއަށް ގެންގޮސްފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. ނަމަވެސް މި އަހަރަކީ ޖަމިއްޔާއަށް 30 އަހަރު ފުރޭ އަހަރަށް ވުމުން މުބާރާތް އެކަމަށް ހާއްސަ ކުރުމުގެ ގޮތުން މުބާރާތުގެ ނަމަށް ވަނީ ބަދަލު ގެނެސްފައެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ފާއިތުވި 30 އަހަރު ހުއްޓުމެއްނެތި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2015 ވަނަ އަހަރު ހދ.އަތޮޅު ކައުންސިލުން، އަތޮޅަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދީފައިވާ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމް ދެ ދާއިރާއަކުން ހާސިލް ކޮށްފައެވެ. އެއީ އިޖްތިމާޢީ ދާއިރާއާއި ތަޢުލީމީ ދާއިރާއެވެ. މީގެއިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2016 ވަނަ އަހަރު ޤައުމީ އިނާމް ވެސް ހާޞިލް ކޮށްފައެވެ.