ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ "30 ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި އަހުލީއާއި ހިރިމަރަދޫ ކުލަބް ޑޮމިނޭޓާސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ސެމީ ފައިނަލުގެ އުންމީދު އަހުލީން ދަމަހައްޓައިފިއެވެ.
އިއްޔެ ހަވީރު ކުޅުނު މި މެޗުގައި އަހުލީން ޑޮމިނޭޓާސްގެ މައްޗަށް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އަހުލީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި ހާފުގައި އެ ޓީމުން ތިން ލަނޑު ޖެހިއިރު ފުރަތަމަ ލަނޑު 16 ވަނަ މިނެޓުގައި ޖަހައިދިނީ ފަޔާޒް މޫސާއެވެ. ދެވަނަ ލަނޑު 31 ވަނަ މިނެޓުގައި ސަނާން ރަޝީދު ޖަހައިދިންއިރު ތިންވަނަ ލަނޑު 41 ވަނަ މިނެޓުގައި ސަނާން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ މުހައްމަދު ޚާލިދެވެ.
ފުރަތަމަ ހާފާއި ހިލާފަސް ދެވަނަ ހާފުގައި ޑޮމިނޭޓާސްގެ ފަރާތުން ފެނުނީ ރަނގަޅު ކުޅުމެކެވެ. ނަމަވެސް ކައުންޓަ އެޓޭކްގައި އަހުލީން އައީ ޑޮމިނޭޓާސްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މެޗުގެ 59 ވަނަ މިނެޓުގައި އަހުލީން އުފެއްދި ކައުންޓަ އެޓޭކެއްގައި ސަނާން ވަނީ ލަނޑުޖަހައި އަހުލީއަށް ހަތަރު ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. މުޅި މެޗުގައި ވެސް އަހުލީގެ އެޓޭކްގައި ސަނާން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ވެސް އޭނާއަށެވެ.
ދޫނުދީ ކުރި މަސައްކަތުން ޑޮމިނޭޓާސްއިން ވަނީ މެޗު ނިމުމާއި ދާދި ކައިރި ވެފައި ވަނިކޮށް ކައިރި ކައިރީގައި ދެ ލަނޑުޖަހައި އަހުލީއަށް ޕްރެޝާ ކޮށްފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 81 ވަނަ މިނެޓުގައި މުހައްމަދު ނަޝީދު (ފޯވާޑް) ޖަހައިދިންއިރު ޖެހިގެން އައި މިނެޓްގައި އޭނާ ވަނީ އެ ޓީމަށް ދެވަނަ ލަނޑު ޖަހައިދީފައެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާއަށް ތިންވަނަ ލަނޑުޖަހަން ރަނގަޅު ފުރުޞަތެއް ލިބުނެވެ. އެ ބޯޅަ ބޭރަށް ދިޔައީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ.
މި ނަތީޖާއައިއެކު ގްރޫޕް އޭގެ އެއްވަނާގައި މިވަގުތު އޮތީ އަހުލީއެވެ. އެ ޓީމަށް ތިން މެޗުން 6 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް ރިއަލް ސްޓާސްއަށާއި ތިންވަނާގައި އޮތް ޔުނީފޯމަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ހަތަރުވަނާގައި ތިން ޕޮއިންޓާއިއެކު ޑޮމިނޭޓާސް އޮތްއިރު ފުލުގައި އޮތީ ޔޫތު ފްރެންޑްސްއެވެ. މި ގްރޫޕުން ސެމީން ޖާގަ ހޯދުމުގެ އަމިއްލަ ބާރު މިހާރު އޮތީ އަހުލީއާއި ރިއަލް ސްޓާސްގެ އިތުރުން ޔުނީފޯމަށެވެ.
މުބާރާތުގެ މެޗެއް މިއަދު ވެސް ކުޅޭނެއެވެ. ބައްދަލުކުރާނީ ފަލްކަން އާއި ރޫހް އެވެ. މިއީ ގްރޫޕް ބީގެ މެޗެކެވެ. މުބާރާތުގައި ރޫހް ކުޅުން ފުރަތަމަ މެޗުން އެ ޓީމް ވަނީ މޮޅުވެފައެވެ. ނަމަވެސް ފަލްކަން ކުޅުނު ފުރަތަމަ މެޗުން ބަލިވެފައި އޮތުމުން ސެމީން ޖާގަ ހޯދުމަށް އެ ޓީމށް މި މެޗުން މޮޅުވުން މަޖުބޫރުވާނެއެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ލޯބި އިތުރު ކުރުމާއި ވާދަވެރި މާހައުލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ހަނިމާދޫގައި ފުޓްބޯޅަ ކުރިއެރުވުމެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ފުރަތަމަ ރަށު ފެންވަރުގައި ފުޓްބޯޅަ މުބާރާތެއް ބާއްވާފައި ވަނީ 1999 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ. އެ އަހަރު އެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ސާސްކަފް ކަޕްގެ ނަމުގައެވެ. އެއަށްފަހު މި މުބާރާތް 2002 ވަނަ އަހަރު ބާއްވާފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. އެ އަހަރަށް ފަހު (2003، 2004، 2005، 2006، 2007، 2010، 2012، 2014، 2019، 2021) ފާއިތުވި ދިހަ މުބާރާތް ވެސް ކުރިއަށް ގެންގޮސްފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. ނަމަވެސް މި އަހަރަކީ ޖަމިއްޔާއަށް 30 އަހަރު ފުރޭ އަހަރަށް ވުމުން މުބާރާތް އެކަމަށް ހާއްސަ ކުރުމުގެ ގޮތުން މުބާރާތުގެ ނަމަށް ވަނީ ބަދަލު ގެނެސްފައެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ފާއިތުވި 30 އަހަރު ހުއްޓުމެއްނެތި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2015 ވަނަ އަހަރު ހދ.އަތޮޅު ކައުންސިލުން، އަތޮޅަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދީފައިވާ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމް ދެ ދާއިރާއަކުން ހާސިލް ކޮށްފައެވެ. އެއީ އިޖްތިމާޢީ ދާއިރާއާއި ތަޢުލީމީ ދާއިރާއެވެ. މީގެއިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2016 ވަނަ އަހަރު ޤައުމީ އިނާމް ވެސް ހާޞިލް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!