ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ "30 ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ޔުނީފޯމާއި ރިއަލް ސްޓާސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.
އިއްޔެ ހަވީރު ކުޅުނު މި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގައި އެއްވެސް ޓީމަކަށް ލަނޑުޖަހާނެ މާ ގިނަ ފުރުޞަތެއް ހޯދިފައި ނުވެއެވެ. ފުރަތަމަ ހާފުގައި ރިއަލް ސްޓާސްގެ އުފާލްއަށް ލިބުނު ހުސް ފުރުޞަތުގައި ބޮލުން ފޮނުވާލި ހަމަލާ ޔުނީފޯމްގެ ކީޕަރު ދިފާއުކުރިއިރު، ދެވަނަ ހާފުގެ ކުރީކޮޅު ޔުނީފޯމަށް ވަނީ ޕެންލޓީއެއް ލިބިފައެވެ. އެ ޓީމްގެ ސިނާން ފޮނުވާލި ޕެނަލްޓީ ރިއަލް ސްޓާސްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔުނީފޯމް ޓީމްގެ ޖޯޒީ ނަމްބަރު 29، ހުސެއިން ރަމީޒެވެ. އޭނާ ވަނީ އިއްޔެ މެޗުގައި ޔުނީފޯމް ޓީމްގެ ފަހަތުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
ގްރޫޕް އޭގެ ޕޮއިންޓް ތާވަލު މިހާރު އޮތްގޮތަށް ބަލައިލާއިރު ދެ މެޗު ކުޅެގެން ޔުނީފޯމަށާއި ރިއަލް ސްޓާސްއަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ލަނޑުގެ ތަފާތުން އެއްވަނާގައި އޮތީ ރިއަލް ސްޓާސްއެވެ. ތިންވަނާގައި ދެ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު އަހުލީ އޮތްއިރު ދެ މެޗުން ހޯދި ތިން ޕޮއިންޓާއިއެކު ހަތަރު ވަނާގައި އޮތީ ޑޮމިނޭޓާސްއެވެ. ފުލުގައި އޮތީ ކުޅުނު ދެ މެޗުން ބަލިވި ޔޫތު ފްރެންޑްސްއެވެ.
މި މުބާރާތުގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. ބައްދަލުކުރާނީ ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސްއާއި އަހުލީއެވެ. މިއީ މި ދެ ޓީމަށް ވެސް މުބާރާތުގައި ކުރިއަށް ދިޔުމަށް މޮޅުވުން މަޖުބޫރު މެޗެކެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ލޯބި އިތުރު ކުރުމާއި ވާދަވެރި މާހައުލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ހަނިމާދޫގައި ފުޓްބޯޅަ ކުރިއެރުވުމެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ފުރަތަމަ ރަށު ފެންވަރުގައި ފުޓްބޯޅަ މުބާރާތެއް ބާއްވާފައި ވަނީ 1999 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ. އެ އަހަރު އެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ސާސްކަފް ކަޕްގެ ނަމުގައެވެ. އެއަށްފަހު މި މުބާރާތް 2002 ވަނަ އަހަރު ބާއްވާފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. އެ އަހަރަށް ފަހު (2003، 2004، 2005، 2006، 2007، 2010، 2012، 2014، 2019، 2021) ފާއިތުވި ދިހަ މުބާރާތް ވެސް ކުރިއަށް ގެންގޮސްފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. ނަމަވެސް މި އަހަރަކީ ޖަމިއްޔާއަށް 30 އަހަރު ފުރޭ އަހަރަށް ވުމުން މުބާރާތް އެކަމަށް ހާއްސަ ކުރުމުގެ ގޮތުން މުބާރާތުގެ ނަމަށް ވަނީ ބަދަލު ގެނެސްފައެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ފާއިތުވި 30 އަހަރު ހުއްޓުމެއްނެތި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2015 ވަނަ އަހަރު ހދ.އަތޮޅު ކައުންސިލުން، އަތޮޅަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދީފައިވާ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމް ދެ ދާއިރާއަކުން ހާސިލް ކޮށްފައެވެ. އެއީ އިޖްތިމާޢީ ދާއިރާއާއި ތަޢުލީމީ ދާއިރާއެވެ. މީގެއިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2016 ވަނަ އަހަރު ޤައުމީ އިނާމް ވެސް ހާޞިލް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!