މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު، ރަސްމާލެ ހިއްކާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށް އާބަންކޯ އިން ބުނެފިއެވެ.

ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު "ރަސްމާލެ" ބިންހިއްކުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ފައްޓަވައިދެއްވައިފައެވެ. ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ މިއީ މިހާތަނަށް ހިއްކޭ އެންމެ ބޮޑު ބިން ކަމަށާއި މި ތަނަށް "ރަސްމާލެ" ނަމުން ނަން ދޭން ނިންމާފައިވާ ކަމަށެވެ.

Ad
rt

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އާ ހަވާލުކޮށްގެންނެވެ.

އާބަންކޯ އިން ނެރުނު ބަޔާނެއްގައި ބުނީ މި މަޝްރޫއުގެ ދަށުން 1،153 ހެކްޓަރގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް ކުރިއަށް ގެންދެވޭނީ 2 ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. ސީއެމްސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ދުނިޔޭގައި ބިންހިއްކުމުގެ މަސައްކަތުގައި އެންމެ ގާބިލު އަދީ ރާއްޖޭގައި ވެސް މަޝްރޫއުތައް ހިންގަމުންދާ ކުންފުންޏެއް ކަމަށްވާ ބޮސްކާލިސް ވެސްޓް މިނިސްޓަ ކޮންޓްރެކްޓިން ކޮމްޕެނީން ކަމަށް އާބަންކޯ އިން ބުންޏެވެ.

ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއު "ރަސްމާލެ" ރައީސް އިފްތިތާހުކޮށް ދެއްވައިފި

އާބަންކޯ އިން ބުނި ގޮތުގައި ރަސްމާލެ ހިއްކަނީ މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތްކުރުމަށް މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރު އުސްމިނަށެވެ. އަދި މިއީ ހުޅުމާލެ އަށްވުރެ އިތުރު 0.5 މީޓަރު އުސްކޮށް ހިއްކޭ ރަށެކެވެ.

ރަސްމާލޭގައި އަންދާޒާ ކުރެވޭ ގޮތުން 240،000 އަށް ވުރެ ގިނަ މީހުން އާބާދުކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ފުށިދިއްގަރުފަޅު ވެގެންދާނީ، ރާއްޖޭގައި މިހާތަނަށް ހިންގޭ ބޯހިޔާވާހިކަމުގެ އެންމެ ބޮޑު މަޝްރޫއަށެވެ. މިގޮތުން މިއީ ބިމުގެ ބޮޑު މިނަށް ބަލާނަމަ ހުޅުމާލެ ފޭސް ދެ ހިމެނޭހެން، މިއަދު މިއޮތް ހުޅުމާލޭގެ ތިންގުނަ ބޮޑު ސަރަހައްދެކެވެ.

ފުށިދިއްގަރުފަޅު ޕްލޭންކޮށް ތަރައްގީ ކުރެވިގެންދާނީ ވިޔަފާރިތަކަށާއި އިންޑަސްޓްރިއަލް އެކި ބޭނުންތަކަށް އަދި ޓޫރިޒަމްގެ އެކި ބާވަތްތައް ވެސް ހިމަނައިގެން ކަމުގައި އާބަންކޯ އިން ބުންޏެވެ.