ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިފްތިތާހުކޮށް ދެއްވައިފިއެވެ.
"ރަސްމާލެ" ބިންހިއްކުމުގެ މި މަޝްރޫއު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ފުށިދިއްގަރު ފަޅުގައެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ މިއީ މިހާތަނަށް ހިއްކޭ އެންމެ ބޮޑު ބިން ކަމަށާއި މި ތަނަށް "ރަސްމާލެ" ނަމުން ނަން ދޭން ނިންމާފައިވާ ކަމަށެވެ.
ގައުމީ ބޮޑެތި މައްސަލަތައް ނަގާފައި އެންމެ އިސްކަމެއް ދެއްވާނީ ގެދޮރުވެރިކަން ގާއިމު ކުރުމަށް ކަމަށެވެ. މި މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ގާތްގަނޑަކަށް އަށް މަސް ދުވަހުގެ ތެރޭގައި ހިއްކާ ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމަ ވާ ވަރަށް ގާތްގަނޑަކަށް ތިން ގުނަ ބޮޑު ސަރަހައްދެއް ކަމަށާއި ފުށިދިއްގަރުފަޅާ އެކުގައި ގިރާވަރާއި ގުޅީފަޅު ވެސް ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ތަންތަނާ އެކީގައި ފުށިދިއްގަރުފަޅުގައި މި ހިއްކޭ ބިން ހިކިގެން ދިއުމުން މާލޭގެ ރައްޔިތުންނަށް މި ޒަމާންތަކެއް ވަންދެން ހައްލު ނުވެ އޮތް ގެދޮރުގެ މައްސަލައަށް ތާއަބަދަށް، އިރާދަކުރެއްވިއްޔާ ދާއިމަށް އެ މައްސަލަ ހައްލުވެގެން ދާނެ. ހައްލުކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ރައްޔިތުންގެ ތެރެއިން ގިރާވަރާއި ގުޅީފަޅާއި ފުށިދިއްގަރުފަޅުން ގޯއްޗާއި ފްލެޓު ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށް ދެއްވާނެ ކަމަށެވެ.
ފުށިދިއްގަރު ހިމެނޭ ހެން ހުޅުމާލެ އާއި ގުޅީފަޅާއި، ގިރާވަރު ފަޅުން ލިބޭ އެންމެ ބޮޑުމިނަކަށް ހިއްކައިގެން 65،000 ގެދޮރު ގާއިމް ކުރުމުގެ މަޝްރޫއު ކުރިއަށްގެންދަން ޕީޕީއެމް/ޕީއެންސީގެ މެނިފެސްޓޯގައި ވަނީ ހިމަނައިފައެވެ. އަދި ފުށިދިއްގަރުން އެކަނި 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރުމަށް މެނިފެސްޓޯގައިވެއެވެ.
މިރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި އެމަނިކުފާނުގެ އަނބިކަނބަލުން އައިޝަތު އަފްރީން މުހައްމަދާއި ސަރުކާރުގެ ވަޒީރުންނާއި އެކިއެކި މަގާމުތަކުގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ތަން ތަރައްގީ ކުރާނީ ރައްކާތެރި ރަށެއްގެ ގޮތުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެކުގައެވެ. އެގޮތުން މެދަށް ތިން މީޓަރު އަރި އަރިމައްޗަށް ގާތްގަނޑަކަށް ދެ މީޓަރުގެ އުސްމިން ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމަ އިންޓަނޭޝަނަލް މިންގަނޑުތަކުން ބަލާއިރުގައި ސޭފް އައިލެންޑެއްގެ ގޮތުގައި ކަނޑައެޅޭ އުސްމިނަށް މި ތަން ހިކިގެން ދާނެ،" ރަސްމާލެ ވެގެން ދާނީ ފެހިކަން ގަދަ ހިތްގައިމު، ޒީރޯ ކާބަން ސިޓީއަކަށް ހެދުމުގެ މުހިންމު ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!