ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު އަށް މަރުގެ އިންޒާރުދީފައިވާކަމަށާއި، އެކަން ތަހުގީގުކޮށް ފިޔަވަޅުއަޅަން ދިވެހި ފުލުހުންނަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މިރޭ ގޮވައިލައިފިއެވެ.
ޝިފާޢުއަށް މަރުގެ އިންޒާރުދިން މައްސަލައެއް މި ފެންްމަތިވީ، މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިވަގުތަށް އޮތް އެންމެ މުހިންމު މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުން ކަމަށާއި އެކަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވެފައި ވަނިކޮށެވެ.
ޝިފާޢުއަށް މަރުގެ އިންޒާރުދިން މައްސަލައާއި ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް އެމެމްބަރުންގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން އެ މެމްބަރުން ހާމަކުރައްވާ ހިޔާލުތަކާއި، މަޖިލީހުގައި ކުރައްވާ މަސައްކަތްތަކާ ގުޅިގެން މަރުގެ އިންޒާރުދިނުން އެ ޕާޓީން ހަރު އަޑުން ކުށްވެރިކުރާ ކަމަށެވެ.
މި ގޮތުން އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާޢުއަށް މަރުގެ އިންޒާރު ދީފައިވާތީ އެކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނަށް ގޮވައިލާކަމަށް އެމްޑީޕީން ބުނެފަވެއެވެ.
''ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ އިދިކޮޅު ޕާޓީއަކުން ކުރާނެ އެންމެ މާތް އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމުގައިވީހިނދު, އެ ދުސްތޫރީ ޒިންމާއަދާކުރުމުން މަރުގެ އިންޒާރުދީ އެފަދަ ލާއިންސާނީ ކުށެއްގެ ޝިކާރައަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެގެން ދިއުމަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ނުހަނު ކަންބޮޑުވާކަމެކެވެ.'' އެމްޑީޕީން ބުނެފަވެއެވެ.
އެ ޕާޓީން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ އެމެމްބަރުންނަށް ގާނޫނީ ގޮތުން ލިބިދޭ ހާއްސަ އިމްތިޔާޒުތަކުގެ ތެރެއިން ސަލާމަތާ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ބަޔެއް ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އެއްމެހާ މެމްބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަލާމަތީ ޚިދުމަތްތަކަށް އެ ޕާޓީން ވަނީ ގޮވައިލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!