ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކ. ގުޅީފަޅުން އިތުރު 85 ހެކްޓަރާއި ގިރާވަރުފަޅުން 50 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފިއެވެ.
"ރަސްމާލެ" ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ގެދޮރުވެރިކަމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދަކީ މާލެ ރައްޔިތުން އެދިއެދި ތިބި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަދޭނެ ސަރުކާރަކަށް އެމަނިކުފާނުގެ ސަރުކާރުވާނެ ކަމުގެ ވައުދު ވެވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަޝްރޫއުގެ ދަށުން ފެށޭ އެންމެ މުހިންމު މަޝްރޫއަކީ ރަސްމާލެ ނުވަތަ ފުށިދިއްގަރުފަޅު ހިއްކުން ކަމުގައި ރައީސް ވިދާޅުވިއެވެ. މިއާއެކީގައި ގުޅީފަޅާއި ގިރާވަރުފަޅު ވެސް މިހާރު ހިއްކަމުން އަންނަ ތަނަށް ވުރެ މާ ބޮޑު ތަނެއް ހިއްކަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"24 މިލިއަން ކިއުބިކް މީޓަރުގެ ވެލި މިހާރު އެ އަޅަނީ. އިތުރު 21 މިލިއަން ކިއުބިކް މީޓަރުގެ ވޮލިއުމް ރިކްލެމޭޝަންގެ ގޮތުގައި ކުރިއަށްދާނެ. އޭގެ ސަބަބުން 85 ހެކްޓަރުގެ ބިން އިތުރުވެގެންދާނެ ގުޅިފަޅަށް." ރައީސް ވިދާޅުވިއެވެ.
"ހަމައެއާއެކު ގިރާވަރުފަޅުގައި ވެސް މިހާރު އެ ކުރިއަށްދާ މިންވަރަށްވުރެ މާ ބޮޑުތަނުން އިތުރުކުރެވި، އިތުރު 50 ހެކްޓަރު ގިރާވަރުފަޅުން ވެސް އަޅުގަނޑުމެން ހިއްކާނަން. އަދި މި ދެންނެވި ތަންތަން ބުރިޖުން ގުޅި، މުޅި އެ ސަރަހައްދަކީ އެކުއެކީގައި ލާމެހިފައިވާ ސަރަހައްދަކަށް ވެގެންދާނެ،"
ރައީސް ވިދާޅުވީ މާލޭގައި އުޅޭ އެހެން ހުރިހާ ރައްޔިތުންނަށް ވެސް ރަސްމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ބޯހިޔާވަހިކަމަށް ހައްލު ގެނެސްދެއްވާނެ ކަމަށެވެ. ރާއްޖޭގެ އެހެން ރަށްރަށުން ވެސް އެ ތަންތަނުން ގޯތިގެދޮރު ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބޭގޮތަށް ޕްލޭން ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފުލެޓު ހިމެނޭގޮތަށް 65،000 ހައުސިން ޔުނިޓު ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފުށިދިއްގަރު ހިމެނޭ ހެން ހުޅުމާލެ އާއި ގުޅީފަޅާއި، ގިރާވަރު ފަޅުން ލިބޭ އެންމެ ބޮޑުމިނަކަށް ހިއްކައިގެން 65،000 ގެދޮރު ގާއިމް ކުރުމުގެ މަޝްރޫއު ކުރިއަށްގެންދަން ޕީޕީއެމް/ޕީއެންސީގެ މެނިފެސްޓޯގައި ވެސް ވަނީ ހިމަނައިފައެވެ. އަދި ފުށިދިއްގަރުން އެކަނި 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރުމަށް މެނިފެސްޓޯގައިވެއެވެ.
ގުޅިފަޅުން އިތުރު 85 ހެކްޓަރު، ގިރާވަރުން 50 ހެކްޓަރު ހިއްކަވާނެ ކަމަށް ރައީސް ވިދާޅުވި އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ގިރާވަރުންނާއި ގުޅީފަޅުން ގޯތި ދިނުމަށް ބިން ހިއްކުމުގެ މަޝްރޫއެއް ފަށާފައިވެއެވެ. އެކަމަކު، މިހާތަނަށް އައިއިރު ވެސް އެ މަޝްރޫއު ނިންމާލެވިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!