ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދިޔަ ބިދޭސީ މަސައްކަތްތެރިން ސްކްރީން ކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން ސްކްރީން ކުރި އިތުރު 2 މީހަކު ފައިލޭރިޔާ ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ.
ދުނިޔޭގެ އޭޑްސް ދުވަހާއި ގުޅުވައިގެން ޑިސެމްބަރު 1 އިން 2 އަށް ކުރިއަށް ގެންދިޔަ ބިދޭސީން ސްކްރީން ޕްރޮގްރާމްގެ 17 ބިދޭސީއަކު އެރަށުން ވަނީ ފައިލޭރިއާ އަށް ޕޮޒިޓިވްވެފައެވެ. އެހެންވެ އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އިން އަންނަނީ ކުރަމުންނެވެ.
ކޭއާރުއެޗުގެ މީޑިއާ އޮފިސަރު މުހައްމަދު މޫސާ ''ތިލަދުން'' އަށް ވިދާޅުވީ، ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތުގެ ތެރެއިން އިތުރު ދެ ބިދޭސީއަކު ފައިލޭރިއާއަށް ޕޮޒިޓިވްވެ އެރަށުގައި އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 19 އަށް އަރާފަވާކަމަށެވެ.
މުހައްމަދު މޫސާ ވިދާޅުވީ ބަލި ހުރިތޯ ދެނެގަތުމަށް މިހާތަނަށް އެރަށުގައި އުޅޭ 100 އަށްވުރެ ގިނަ ބިދޭސީން ސްކްރީންކޮށްފައިވާކަމަށެވެ. އަދި ރެންޑަމްކޮށް ރަށުތެރެއިން ވެސް ސާމްޕަލް ނަގައި ސްކްރީން ކުރައްވާނެކަމަށް ވިދާޅުވިއެވެ.
''ޕޮޒިޓިވްވި އެންމެނަށް މިހާރު ވެސް ޑައިރެކްޓު އޮބްޒަވޭޝަންގައި ބައިތިއްބައިގެން ފަރުވާދިނުމުގެ މަސައްކަތް އަޅުގަނޑުމެންގެ ނަރުހުންގެ ޓީމުން މިހާރުވެސް ކުރަމުން އެބަގެންދޭ'' މުހައްމަދު ވިދާޅުވިއެވެ.
ކުޅުދުއްފުށީގައި 17 ބިދޭސީއަކު ފައިލޭރިއާ އަށް ޕޮޒިޓިވްވެއްޖެ
ފައިލޭރިއާ އަކީ އާންމުގޮތެއްގައި ''ކިއުލެކްސް'' ކިޔާ ބާވަތެއްގެ މަދިރީގެ ޒަރީރާއިން ޖެހޭ ބައްޔެކެވެ. މި މަދިރި އުފެދި އާލާ ވަނީ އާންމުގޮތެއްގައި ހަޑިވެ ތަޣައްޔަރުވެފައި ހުންނަ ފެނުގައެވެ.
ފައިލޭރިއާ ޖެހުމަށްފަހު އެތައް ދުވަހެއް ވަންދެން ބޭރަށް އަލާމާތް ނުފެނި ހުރުމުގެ ފުރުސަތު އޮންނައިރު، ދިގު މުއްދަތަށްފަހު ހަށިގަނޑުގެ އެކިތަންތަން ދުޅަވެ، ހަން ބޯވުން ފަދަ އަލާމާތްތައް ފެންނާނެއެވެ. ފައިލޭރިއާގެ އެންމެ އާންމު އަލާމާތަކީ ފައި ދުޅަވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!