ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދިޔަ ބިދޭސީ މަސައްކަތްތެރިން ސްކްރީން ކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން ސްކްރީން ކުރި 17 މީހަކު ފައިލޭރިޔާ ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ.

ޑިސެމްބަރު 1 އިން 2 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ދުނިޔޭގެ އޭޑްސް ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ސްކްރީން ކުރި 17 ބިދޭސީއެއް ފައިލޭރިއާ އަށް ޕޮޒިޓިވްވެފައިވާކަން ހާމަކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އެ ބިދޭސީންނަކީ މިހާރު ވެސް ފައިލޭރިއާ ބަލި ފެންނަ ސަރަހައްދުތަކުގައި ދިރިއުޅުމަށްފަހު ރާއްޖެ އައިސްފައިވާ ބަޔެއް ކަމަށެވެ.

Ad
rt

އެ އެޖެންސީގެ ލަފާގެމަތިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އިން އެ ބިދޭސީން ސްކްރީންކޮށްފައިވާއިރު، މިހާތަނަށް ޕޮޒިޓިވް މީހުންގެ ބަލި ހުރިތޯ އިތުރު ޓެސްޓް ކުރުމާއި، ބަލި ހުރިނަމަ ފަރުވާ ދިނުމުގެ ކަންކަން ވަނީ އިންތިޒާމް ކުރެވިފައިކަމަށް އެ އޭޖެންސީން ބުނެއެވެ.

މީގެ އިތުރުން މި ކޭސްތަކާއި ގުޅިގެން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާއިގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާއި މަޝްވަރާ ހިންގަމުން އަންނަކަމަށް އެޗްޕީއޭއިން ބުނެއެވެ.

ފައިލޭރިއާ އަކީ އާންމުގޮތެއްގައި ''ކިއުލެކްސް'' ކިޔާ ބާވަތެއްގެ މަދިރީގެ ޒަރީރާއިން ޖެހޭ ބައްޔެކެވެ. މި މަދިރި އުފެދި އާލާ ވަނީ އާންމުގޮތެއްގައި ހަޑިވެ ތަޣައްޔަރުވެފައި ހުންނަ ފެނުގައެވެ.

ފައިލޭރިއާ ޖެހުމަށްފަހު އެތައް ދުވަހެއް ވަންދެން ބޭރަށް އަލާމާތް ނުފެނި ހުރުމުގެ ފުރުސަތު އޮންނައިރު، ދިގު މުއްދަތަށްފަހު ހަށިގަނޑުގެ އެކިތަންތަން ދުޅަވެ، ހަން ބޯވުން ފަދަ އަލާމާތްތައް ފެންނާނެއެވެ. ފައިލޭރިއާގެ އެންމެ އާންމު އަލާމާތަކީ ފައި ދުޅަވުމެވެ.