ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމެޓީއަށް ފޮނުވާލައިފިއެވެ.
މިއަދުގެ ޖަލްސާގައި ސަރުކާރުން އަލަށް އުފެއްދި ވުޒާރާތަކުގެ މެންޑޭޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ފޮނުވާފައި ނުވާތީ، އެކަން އެހެން އޮއްވައި ވަޒީރުންނަށް ރިޕޯޓްގެ މަސައްކަތް ކުރިއަށް ގެންދެވިދާނެކަމާމެދު ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސައިން ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ.
ރިޔާސަތުން، މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ އެއީ ނިޒާމެއް ނުކުތާއެއްކަމަށް ބަލައިގަނެ އެކަމާ ބެހޭ ގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ( އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު) އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އާއި، މައިނޯރިޓީ ލީޑަރު (ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު) މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާ އެކަމުގައި މަޝްވަރާ ކުރެއްވުމަށެވެ.
އެ މަޝްވަރާއަށްފަހު ހުސްވަގުތުކޮޅަކަށްފަހު ޖަލްސާ އަލުން ފަށައި، އެ މައްސަލަ އަލުން ސަރުކާރު މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމެޓީއަށް ފޮނުވާލެއްވިކަން އަސްލަމް ވަނީ ޢިއުލާން ކުރަައްވާފައެވެ.
މިއަދަކީ މަޖިލީހުގެ މި ދައުރުގެ ފަހު ދުވަސްކަމުން، މި މަސައްކަތް ނިންމަން ދައުރު ދަންމާލުމާމެދު މިއަދުގެ ވޯޓު ގަޑީގައި ވޯޓު ނަންގަވާނެ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.
އަސްލަމްގެ މި ނިންމުމާއިގުޅިގެން ބައެއް މެންބަރުން ވަނީ ނިޒާމް މައްސަލަނަންގަވައި، ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ އެޖެންޑާ ކުރުމަށްފަހު، ޖަލްސާ ހިނގަމުން ދަނިކޮށް މަޖިލީހުގެ ރައީސަށް، އެޖެންޑާކުރެވިފައިވާކަމެއް އެޖެންޑާއިން އުނި ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!