އެއީ ބިރުވެރި ފިލްމެއްގެ މަންޒަރެއް ނޫނެވެ. ހަމަ ހަގީގަތެވެ. ހިންދު ކަނޑުގައި މި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ނާމާން ކާރިޘާގެއެވެ. 2004 ވަނަ އަހަރުގެ، ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިއާގެ ސުމަތުރާއަށް އައި 9 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ އަސަރު، އެތަކެއް ހާސް ކިލޯ މީޓަރުގެ ދުރަށް ކުރިއެވެ. އެއާއެކު، އުފެދުނު ބިޔަ ރާޅުގެ ވާހަކައަކީ ހަމަ ޔަގީނުންވެސް ދިވެހީންގެ ހަނދާނުން ފިލައިގެން ނުދާނޭ ފަދަ ބިރުވެރި އަދި ހިތާމަވެރި ވާހަކައެކެވެ.
އިންޑޮނޭޝިއާގެ ބަންޑާރަ އަސޭ ސަރަހައްދުގައި އުފެދުނުބިޔަ ރާޅުތައް ނުވަތަ ސުނާމީ 49-98 ފޫޓަށް އުފުލުނެވެ. ހަމަ އެހެންމެ ރާއްޖެ ހިމެނޭގޮތަށް، ހިންދު ކަނޑުގެ ގިނަ ގައުމުތަކަށްވެސް 10-30 ފޫޓު އުސްމިނުގެ ބިޔަ ރާޅުތައް ތަހައްމަލުކުރާން ޖެހުނެވެ. މި ހިތާމަވެރި އަދި ބިރުވެރި ސުނާމީ ކާރިޘާގައި މަރުވި މީހުންގެ އަދަދު ދެލައްކަ ތިރީސް ހާހާ ގާތްކުރެއެވެ.
ޑިސެމްބަރ، 26، 2004 ދުވަހު ހެނދުނު 9:23 ކަންހާއިރު ރާއްޖެއަށް ކުރިމަތިވި ބިރުވެރި ކާރިޘާގައި މިގައުމުން، އެކި އުމުރު ފުރައިގެ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދީން ހިމެނޭގޮތަށް 82 މީހަކު ނިޔާވިއެވެ. ވީނުވީއެއް ނޭނގި 26 މީހަކު ގެއްލުނެވެ. ޖުމުލަ 108 މީހުން ނެތިގެން ދިޔައީއެވެ. ބައެއް ރަށްރަށުގެ މުޅި ރައްވެހިކަން އެކުގައި ފޮހެވިގެން ދިޔައީއެވެ. ގާތްގަނޑަކަށް 15،000 މީހުންގެ ގެދޮރު ގެއްލިގެން ދިޔައެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކުގެ އަސަރު، ރާއްޖޭގެ އާބާދީގެ 65 އިންސައްތައަށް ކުރިއެވެ.
ތިރީގައިމިވާ ވީޑިއޯތައް ބަލާލުމުން އެދުވަހުގެ ހަނދާންތައް އާލާވެގެން ދާނެއެވެ. ބޮޑު ރާޅަށްފަހު ފަހުން އެދުވަހުގެ ހަވީރާއި ޖެހެންދެން ލޮނުގަނޑުގެ ބާނިތަކާއި ކަންކަން ވެގެން ދިޔަގޮތް ކޮންމެސްވަރަކަށް ތަސައްވަރު ކުރެވިގެން ދާނެއެވެ. ފުރަތަމަ ހިމަނާލާފައިމިވާ 2 ވީޑިއޯ އަކީ ޕެސިފިކް ސުނާމީ ވާރނިންގް ސެންޓަރުން ހަދާފައިވާ އެނިމޭޝަން ވީޑިއޯއެކެވެ. އެދުވަހުގެ ކާރިޘާ ސިފަކޮށްދިނުމަށް ގިނަ މަޢުލޫމާތުތަކާއި އެކު ހަދާފައިވާ ވީޑިއޯއެކެވެ. މިވީޑިއޯއިން ބިންހެލުން އައި ވަގުތާއި ރާއްޖެއަށް އަދި ސުނާމީގެ އަސަރު ގައުމުތަކަށް ކުރި ވަގުތު ވަރަށް ސާފުކޮން ބުނެދެއެވެ.
______
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!