ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ ވާދަކުރައްވަން ފޯމު ހުށަހަޅުއްވައިފިއެވެ.

ނާޒިމަކީ ނިމުނު ރިޔާސީ އިންތިޚާބުގައި ޤާސިމްގެ ކެމްޕޭން ކޮންސަލްޓަންޓުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ނާޒިމް ޖޭޕީއާ ގުޅިވަޑައިގަތީ މި އަހަރުގެ އޯގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ. އިނގިފައިވާ ގޮތުގައި ނާޒިމް ޖޭޕީން ވަކިވީ އިއްޔެއެވެ.

Ad
rt

ނާޒިމް މިއަދު ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތުގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ޕީއެންސީގެ ޓިކެޓްގައި ދިއްގަރު ދާއިރާއަށް ވާދަކުރުމަށް، އޭނާ ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

ނާޒިމަކީ 18 ވަނަ މަޖިލީހުގައި ވެސް ދިއްގަރު ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ އަށް ހުޅުވައިލީ 7 ޑިސެމްބަރުން 11 ޑިސެންބަރު 2023 އަށެވެ.

މި ޕްރައިމަރީގެ ވޯޓުލުން ބާއްވަން ނިންމާފައި ވަނީ 23 ޑިސެންބަރު 2023 ގައެވެ.