ރައީސް ޑރ. މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ގާއިމު ކުރަން މިއަދު ނިންމައިފިއެވެ.
"މޯލްޑިވްސް ޒަކާތު ހައުސް" ޤާއިމުކުރުމަކީ ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ކަމެކެވެ.
މި އިދާރާ ހިންގާނީ އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ދަށުން ނެވެ.
މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ގާއިމު ކުރުމާގުޅޭ ކަރުދާހެއް ހުށަހަޅުއްވާފައެވެ.
ރައީސް މި ނިންމުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެ ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހު، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅު ހޯއްދެވުމަށްފަހުއެވެ.
ޒަކާތު ހައުސް ގާއިމުކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތު ސެކްޝަނުން މިހާރު ކުރަމުންގެންދާ މަސައްކަތްތަކާއި ޒަކާތުގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތުން ބައެއް ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ޒަކާތު ފަންޑު ތަރައްޤީކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ހިމެނެއެވެ.
މީގެ އިތުރުން ވެސް މުދަލު ޒަކާތާއި ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމާއި، ޒަކާތުގެ ކަންކަން ޝަރީޢާ ބޯޑަކުން ސުޕަވައިޒުކޮށް، ޒަމާނީ ފިޤްހުގެ އަލީގައި ކުރިއަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުމާއި، ޒަކާތާ ބެހޭގޮތުން އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ފުޅާ ދާއިރާއެއްގައި ހޭލުންތެރިކަމުގެ ޕްރޮގުރާމުތައް ހިންގައި، މުދަލު ޒަކާތް ނެރުން ވާޖިބުވާ މީހުންގެ ތެރެއިން މުދަލު ޒަކާތް ނެރޭ ޢަދަދު ބޮޑުތަނުން އިތުރުކުރުން ހިމެނެއެވެ.
ފަޤީރުންގެ ގޮތުގައި ދަފްތަރުކުރެވިފައިވާ ފަރާތްތައް މާލީ ގޮތުން ފުދުންތެރި އުފެންދުންތެރި ބަޔަކަށް ހަދައި ދިވެހިރާއްޖެއިން ފަޤީރުކަން ނައްތާލުމަށްޓަކައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުން ވެސް މި އިދާރާ ގާއިމުކުރުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!