ގުޅިގެން މަސައްކަތްކުރުމާމެދު އެމްޑީޕީން ޖޭޕީއާއެކު ވެސް މަޝްވަރާއަށް

IMG_3022

ކުރިއަށް ހުރި އިންތިހާބުތަކުގައި ގުޅިގެން މަސައްކަތް ކުރުމާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) މިއަދު މަޝްވަރާކޮށްފިއެވެ.

އެމްޑީޕީން އިއްޔެ ވަނީ، ކުރިއަށް ހުރި އިންތިހާބުތަކުގައި އެ ޕާޓީ އާއި އަދާލަތު ޕާޓީ އާއެކު ގުޅިގެން މަސައްކަތްކުރުމާމެދު ވެސް މަޝްވަރާ ކޮށްފައެވެ.

އޭޕީއާއެކު މަޝްވަރާ ހިންގާފައި ވަނިކޮށް، މިއަދު އެފަދަ މަޝްވަރާއެއް ޖޭޕީއާއެކު ވެސް ކުރިއަށް ގެންގޮސްފައިވާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީން ބުނިގޮތުގައި އެމްޑީޕީގެ 2018 ގައި އުފެދުނު ސަރުކާރުގައި  ޖޭޕީއާއި އެކުގައި ސިޔާސީ ގިނަ މަސައްކަތްތަކެއް އެ ޕާޓީން ވަނީ ކޮށްފައެވެ.

ޖުމްހޫރީ ޕާޓީއާއެކު ކުރިއަށް ހުރި އިންތިހާބުތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެ ޕާޓީގެ އޮފިޝަލުންނާ އެކު މިއަދު ބައްދަލުވުމެއް ބާއްވާފައިވާއިރު، މި ބައްދަލުވުމުގައި ދެ ޕާޓީގެ ވާހަކަތަކަށް ފަހު, ކުރިއަށް ހުރި އިންތިހާބު ތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ވެސް ވަނީ ނިންމައިފައި ކަމަށް އެމްޑީޕީން ބުނެފަވެއެވެ.

ޖުމްހޫރީ ޕާޓީއަކީ 2015 އަހަރުން ފެށިގެން އެމްޑީޕީއާއެކު ގައުމަށް ދިމާވާ މުހިއްމު ދަނޑިވަޅުތަކުގައި ސިޔާސީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޕާޓީއެއްކަމަށް ވެސް އެމްޑީޕީން ބުނެފަވެއެވެ.

މީގެ އިތުރުން 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ދައުރު ނިމުމާ ހަމައަށް އެއްބާރުލުންދީ ރައްޔިތުންނަށް ފައިދާހުރި ސިޔާސަތުތައް ތަންފީޒުކުރުމުގައި ބައިވެރިއެއްގެ ގޮތުގައި ޖޭޕީ ހަރަކާތްތެރިވެފައިވާކަން އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.

އެމްޑީޕީއާއި ޖޭޕީ މަޝްވަރާއެއް ކުރިއަށް ގެންދިޔައިރު، އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ދެ ޕާޓީން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

އެމްޑީޕީން މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރާނެކަމަށް ކުރިން ބުނެފައިވާއިރު، ޖޭޕީން ވެސް ފަނަރަ ވަރަކަށް ގޮނޑިއަށް ވާދަކުރުމުގެ ވިސްނުން ގެންގުޅޭކަމަށް އިނގިފަވެއެވެ.

މިހާރު މަޖިލީހުގެ ގޮނޑީގެ އަދަދަކީ 87 ނަމަވެސް، 20 ވަނަ މަޖިލީހަށް 93 އަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.

އަންނަ މަޖިލީހުގެ އިންތިޚާބު ރޯދައިގެ ކުރިން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) ނިންމި ނަމަވެސް، އެ އިންތިޚާބު ރޯދައިގެ ފަހަށް ބާއްވަން މަޖިލީހުން ވަނީ އީސީ އަށް މަޝްވަރާ ދީފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި