ދަ ޑިމޮކްރެޓިކްސްގެ ފުރަތަމަ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ފުރަތަމަ ރައީސްގެ މަގާމު އެ ޕާޓީގެ މުއައްސިސް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކާމިޔާބު ކުރައްވައިފިއެވެ.

ހޮނިހިރު ދުވަހު އޮތް އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ ރައީސްކަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަން ވެސް ކުރެއްވި ހަސަން ކާމިޔާބު ކުރެއްވީ، އެސްޓީއޯގެ ކުރީގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދެވެ.

Ad
rt

އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާ އަށް ދިގު އިންތިޒާރެއް ކުރަންޖެހުނުއިރު، އެ ޕާޓީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕީޖީ ގްރޫޕު ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިއުލާންކުރެއްވި ވަގުތީ ނަތީޖާ ދައްކާގޮތުން 1,704 ވޯޓުން ހަސަން ވަނީ ޕާޓީގެ ރައީސްކަން ކާމިޔާބު ކުރައްވާފައެވެ. އަދި އަމްރުއަށް ލިބުނީ 1,300 ވޯޓެވެ.

ދަ ޑިމޮކްރެޓިކްސްގެ އެތެރޭގެ އިންތިޚާބުގައި އިންތިޚާބުވި އިތުރު ބައެއް ބޭފުޅުން

  • ޕާޓީގެ ނައިބު ރައީސް (ޔޫތު): ހުސައިން ފިރުޝާން (މަޑަވެލި ދާއިރާގެ)
  • ޕާޓީގެ ނައިބު ރައީސް (އަންހެން): އައިޝަތު އަލައިކާ އަދުނާން
  • ވިމެން ޑިމޮކްރެޓްސް ލީޑަރު: ފާތުމަތު ހަމްދާ
  • ޔަންގް ޑިމޮކްރެޓްސް ލީޑަރު: މުހައްމަދު މާސިހު (މާޗީ)

އާޒިމް ރޭގައި އިއުލާން ކުރައްވާފައި ވަނީ މި މަގާމުތަކަށް އިންތިޚާބުވި ބޭފުޅުންގެ ނަންތައް އެކަންޏެވެ. އިތުރު މަގާމުތައް ޕާޓީން އިއުލާން ކުރައްވާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ދައްކާ ގޮތުގައި މިދިޔަ އޮގަސްޓު މަހާ ހަމައަށް އެ ޕާޓީގައި ތިބީ 3280 މެންބަރުން ތިބިއިރު، ޑިމޮކްރެޓްސްގެ ދަފުތަރަށް ބަލައި، އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި 5000 އަށް ވުރެ ގިނަ މެންބަރުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ދަ ޑިމޮކްރެޓިކްސް ރަޖިސްޓްރީކޮށް، އިލެކްޝަން ކޮމިޝަން (އީސީ)ގެ ދަފުތަރުގައި މި ޕާޓީ ހިމަނާފައިވަނީ 12 ޖުލައި 2023 ގައެވެ.