ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ތާއިދުކޮށް އެއްބާރުލުންދިނުމުގައި ދިވެހި ރައްޔިތުން އަބަދުވެސް ދެމިތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޗެއާމަން އަދި ރައީސް، ޕްރޮފެސާ ޑޮކްޓަރު ނޫމާން ކުރްތުލުމުސްއާ އަދި ޕާލަމަންޓުގައި ވަޑައިގެން ތިއްބެވި މެންބަރުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިންގެ ފަރާތުން ވެދެވެންއޮތް ހުރިހާ އެހީތެރިކަމެއް ދެމުންގެންދަވާނެ އެވެ. އަދި އަބަދު ވެސް ދެމި ތިބޭނީ ފަލަސްތީނާ އެކުގައި ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ހޯމަ ދުވަހު، ރައީސް ޑރ. މުޢިއްޒު، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންއާ، ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި ފަލަސްޠީނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ އެންމެ ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކުރައްވާފައެވެ.

އަންކާރާގެ ޕްރެޒިޑެންޝަލް ޕެލަސްގައި ކުރިއަށް ގެންދިޔަ ދެ ޤައުމުގެ ރަސްމީ ވާހަކަފުޅުތަކުގައި، ދެ ރައީސުން ވަނީ، ފަލަސްޠީނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް އައިސް، ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ދެ ރައީސުން ވެސް ވަނީ ފަލަސްޠީނުގެ ސުލްހައަށް ދާއިމީ ހައްލެއް ގެނެވޭނީ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ އިމުގެ ތެރޭގައި ފަލަސްޠީނުގެ މުސްތަޤިއްލު، މިނިވަން ދައުލަތެއް ޤާއިމުކޮށް، އިރުމަތީ ޤުދުސް އަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައިގެން ކަމުގައި ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، އިސްރާއީލުން ފަލަސްޠީނަށް ގަދަކަމުން ވެރިވެގަތުން ހުއްޓައިލާ، ޤާނޫނާ ޚިލާފަށް ހިފާފައިވާ ފަލަސްޠީނުގެ ބިންތައް ވަގުތުން އަނބުރާ ދޭން ޖެހޭ ކަމަށް ވެސް ދެ ރައީސުން އެއްބަސްވެ ވަޑައިގެންނެވިއެވެ.

މިމަހުގެ 26 އިން މިއަދުގެ ނިޔަލަށް ރައީސް، ތުރުކީވިލާތަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.