އެމެރިކާގެ ނިރުބަވެރިކަމުގެ ލިސްޓާއި ގުޅިގެން ރާއްޖެއަށް ލިބިދާނެ ގެއްލުން ބެލުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ރައްޔިތުންގެ މަޖިލިސް އަށް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސް މިއަދު ފަށައިފިއެވެ.
ނާޒިމް މަޖިލީހަށް މި ޤަރާރު ހުށަހެޅުއްވީ 2 އޯގަސްޓް 2022 ގައެވެ.
އެ ގަރާރުގެ ބަހުސް މިއަދު ފަށާފައިވާއިރު، މަޖިލީހުގެ މާދަމާގެ އެޖެންޑާގައި ވެސް އެ ގަރާރުގެ ބަހުސް ކުރިއަށް ގެންދަން ވަނީ ހިމަނާފައެވެ.
އެ ގަރާރުގައި ނާޒިމް ވިދާޅުވެފައި ވަނީ 31 ޖުލައި 2023 ގައި އެމެރިކާ ސަރުކާރު (ޔޫ.އެސް. ޑިޕާރޓްމަންޓް އޮފް ދަ ޓްރެޝަރީ) އިން 20 ދިވެއްސެއްގެ ނަމާއި އެފަރާތްތަކާއި ގުޅުން އޮންނަ 29 ވިޔަފާރިއެއް ފާހަގަކޮށް، އެފަރާތްތަކަށް ނިސްބަތްވާ މުދަލާއި ތަކެތި ބްލޮކްކޮށްފައިވާ ކަމަށެވެ. އަދި އެފަރާތްތަކާއެކު މުއާމަލާތް ކުރުމަކީ އެ މުއާމަލާތްކުރާ ފަރާތްތަކާމެދު ވެސް އެމެރިކާ ސަރުކާރުން ފިޔަވަޅު އަޅާނެ ކަމެއްކަން ކަނޑައަޅާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ހިންގެވި 6 މެއި 2021 ގެ ހަމަލާގެ ޕާލިމެންޓަރީ އިންކުއަރީ އިން ވެސް ޓެރަރިޒަމްގެ ބިރުވެރިކަން ރާއްޖޭގައި އޮތް މިންވަރު ވަޒަންކުރެވުމުގެ އިތުރުން އެއިންކުއަރީގެ ތެރެއިން ފާހަގަވި ކަންކަމުގެ މައްޗަށް ސަރުކާރަށް ރިކޮމެންޑޭޝަންތަކެއް ދީފައިވާ ކަމަށް ނާޒިމް ވަނީ މި ގަރާރުގައި ފާހަގަ ކުރައްވާފައެވެ. އަދި އެ ރިކޮމެންޑޭޝަންތަކަށް ޢަމަލު ކުރެވިފައިވާ މިންވަރާއި ބެހޭ މައުލޫމާތު ސަރުކާރުން ހާމަކޮށްކޮށްފައި ނުވާ ކަމަށް ވިދާޅުވެފަވެއެވެ.
މި ގަރާރު ހުށަހެޅުއްވީ އެމެރިކާ ސަރުކާރުގެ ނިންމެވުމަކީ ރާއްޖޭގެ ނަމަށާއި އިގުތިސާދަށާއި ދިވެހީންނަށް ނޭދެވޭ އަސަރުކުރާނެ ނިންމެވުމެއް ކަމަށް ބެލޭވެތީ ޓެރަރިޒަމްގެ ނުރައްކަލާއި ބިރުވެރިކަން އޮތް މިންވަރު ދިރާސާކުރުމަށްފަހު، އޭގެ އަސަރު ވީހާވެސް ކުޑަވާނެ ގޮތަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ދެކޭތީ، އެކަންކަން ބަލާ، ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރެއްވުމަށް ކަމަށް ވެސް ނާޒިމްގެ ގަރާރުގައި ވިދާޅުވެފަ ވެއެވެ.
އެމެރިކާގެ ޓްރެޝަރީން ނެރުނު ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ބޭރުގެ މާލީ މުއާމަލާތްތައް ނުކުރެވޭ ގޮތަށް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އެކަމަކު އެ ފަރާތްތަކާ މެދު ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން އެފަދަ ފިޔަވަޅެއް އަދި އަޅާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!