ޕާކިސްތާނުން، ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ''އެމިޑޯން ސަސްޕެންޝަން' ބޭސް، ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ބުނީ، ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ބޭހެއްކަމަށްވާ ''އެމިޑޯން ސަސްޕެންޝަން'' ގައި ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭ ކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓަރީ އޮތޯރިިޓީން އަންގާފަ ވާކަމަށެވެ.

Ad
rt

އެހެންކަމުން މިއަދުން ފެށިގެން ''އެމިޑޯން ސަސްޕެންޝަން' ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާކަމެއްކަމުގައި ޢާންމުކޮށް އަންގައި ޢިއުލާން ކުރާކަމަށް އެމްއެފްޑީއޭ އިން ބުނެފަވެއެވެ.

މީގެ އިތުރުން އެ އޮޓޯރިޓީން ވަނީ އަމިއްލަ ބޭނުމަށް ބޭސް ސިޓީ އަށް ވެސް މި ބޭސް އިމްޕޯޓު ކުރުމަކީ މަނާކަމެއްކަަމަށް އަންގާފައެވެ.

މިބޭސް ރާއްޖެ އެތެރެކޮށް ވިއްކާ ފަރާތްތަކުން ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ބޭސް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވެސް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންނަމަ އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7230021 އަށް ގުޅުމަށް އެ އިދާރާއިން އެދެއެވެ.