ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކުއްލި ކައުންސިލް ބައްދަލުވުމެއް މިއަދަށް އެޖެންޑާކޮށްފިއެވެ.

މި ބައްދަލުވުން އޮންނާނެކަން އަންގައި ކައުންސިލް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ޕާޓީގެ ސެކްރެޓަރީ ޖެނަރަލް (އެސްޖީ) އަޒްލީން އަހްމަދު މެސެޖެއް ފޮނުއްވީ މިއަދު 12:27 ހާއިރު ކަމަށް ޖޭޕީގެ ކައުންސިލް މެންބަރަކު މައުލޫމާތު ދެއްވިއެވެ.

Ad
rt

މި ބައްދަލުވުން 2:30 އަށް އެޖެންޑާކޮށްފައިވާއިރު، އެޖެންޑާގެ 4 ވަނަ ނަންބަރުގައި އޮތީ ކުއްލިކަމެއްގައި ވޯޓަށް އަހަންޖެހޭ ކަމެއް އޮތްނަމަ އެކަމަކަށް ވޯޓަށް އެހުމެވެ.

އެޖެންޑާގައި މިފަދަ ނަންބަރެއް އޮތުމުން އެފަދަ ހުށަހެޅުމެއް އޮތީތޯ ސާފުކޮށްލަން ޖޭޕީގެ އެސްޖީ އަޒްލީން އަށް ގުޅުމުން ''ތިލަދުން'' އަށް ވިދާޅުވީ، އެފަދަ ކަމެއް އޮތްނަމަ އެނގިވަޑައިގަންނަވާނީ ރިޔާސަތަށް ކަމަށެވެ. އަދި އެފަދަ ކަމެއް އޮތްކަން ސާފުވެފައި ނެތްކަމަށް ވިދާޅުވިއެވެ.

ކުއްލި ކައުންސިލް ބައްދަލުވުމެއް މިއަދަށް އެޖެންޑާކޮށްފައި މިވަނީ އެ ޕާޓީއާއި، ވެރިކަން ކުރާ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އާއި އެއްކޮށްލުމުގެ ވާހަކަތަކެއް ފެތުރިފައި ވަނިކޮށެވެ.

ޖޭޕީގެ ޓީމެއް ވަރަށް ފަހުން ރައީސް ޑރ. މުހައްމަދު މުޢިއްޒާ ވެސް ބައްދަލުކުރައްވާފައިވާއިރު، އެ ބައްދަލުވުމަކީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރުމަށް ޖޭޕީން އެދުމުން ބޭއްވި ބައްދަލުވުމެއްކަމަށް އެނގިފަވެއެވެ.