މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ އަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއިން ރޭ ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ އަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހު ބާއްވަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

Ad
rt

މާދަމާ އިން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 13 ގެ ނިޔަލަށް، އެ އިންތިޚާބުގައި ވާދަކުރަން ކުރިމަތިލާން ހުޅުވާލާނެ ކަމަށް ވެސް ހަބީބު ވަނީ ވިދާޅުވެފަ އެވެ.

މާލެ ސިޓީ ކައުންސިލްގެ އިތުރު ތިން ކައުންސިލަރަކު އިސްތިއުފާ ދެއްވާފައިވުމާއެކު، މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނާ އެކު ހުސްވެފައިވާ ކައުންސިލަރުންގެ ގޮނޑިއަށް ތިން ކައުންސިލަރުން ހޮވުން ވެސް މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނާއެކު ހަމަ އެއްދުވަހެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ހަބީބު ވަނީ ރޭ ވިދާޅުވެފައެވެ.

މާލޭ ސިޓީގެ މޭޔަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވުމާއި ގުޅިގެންނެވެ.

މާލޭ ސިޓީ ކައުންސިލުން ތިން މެންބަރަކު އިސްތިއުފާދެއްވީ އައު ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމަށެވެ. މިގޮތުން މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރާއި މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް އިސްތިއުފާދެއްވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމާ ހަވާލުވުމަށެވެ. ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ސްޓޭޓް މިނިސްޓަރަކަށް ވަޑައިގަތުމަށެވެ.

ހުސްވެފައިވާ މާލޭ މޭޔަރުކަމަށް ކުރިމަތިލާނެކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ، ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކުރާއި، ދަ ޑިމޮކްރެޓްސްގެ ފަރާތުން މާލެ ސިޓީ ކައުންސިލްގައި ކައުންސިލަރެއްގެ ގޮތުގައި ހުންނެވި ސައިފް ފާތިހް އެވެ. އަދި އަލަށް އުފައްދަން މަސައްކަތްކުރާ ޕީއެންއެފްގެ ފަރާތުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ކުރިމަތިލައްވާނެ ކަމަށް ވަނީ ޢިއުލާން ކުރައްވާފައެވެ. އެމްޑީޕީގެ ފަރާތުން ކުރީގެ ވަޒީރު އަހްމަދު މަޚްލޫފް ކުރިމަތިލައްވާނެކަން ޢިއުލާންކުރައްވާފައި ވިޔަސް، އެ ޕާޓީގެ ފަރާތުން މޭޔަރުކަމަށް ނުކުންނަވާނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ކަމަށް ވެސް ވަނީ އަޑު ފެތުރިފައެވެ.