މިއަހަރު ސެޕްޓެމްބަރު މަހު އޮތް ދިވެހި ރާއްޖޭގެ ރިޔާސީ އިންތިޚާބަށް އޭރު އިދިކޮޅުގައި އޮތް ޕްރޮގްރެސިވް އިއްތިހާދުގެ ރިޔާސީ ޓިކެޓް މިހާރު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގަތް މަރުހަލާ ހިންގާފައި ވަނީ ''ބަޣާވާތަކުން'' ކަމަށްބުނެ، ރައީސް ޔާމީންގެ މިހާރުގެ ބައެއް އަރިސް ބޭފުޅުންނާއި ބައެއް ސަޕޯޓަރުން ދަނީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕަށް ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ.

އެ ތުހުމަތު އެންމެ ބޮޑަށް އަމާޒުވެފައިވާ ބޭފުޅަކީ އޭރު އެ އިއްތިހާދު ލީޑުކުރަން ހުންނެވި، ޕީޕީލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަބުދުއްރަޙީމް އަބުދުﷲ (އަދުރޭ) އެވެ. އެ ތުހުމަތުތަކާއިގުޅޭގޮތުން އެއިރު އެކަން ހިނގައިދިޔަގޮތް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސްޕެޝަލް އެޑްވައިޒަރަކަށް މިހާރު ހުންނެވި އަދުރޭ ވަނީ ވިދާޅުވެ ދެއްވާފައެވެ.

Ad
rt

ސަންގު ޓީވީން ރޭ ގެނެސްދިން ''ޚަބަރަށްފަހު'' ޕްރޮގްރާމްގައި، ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕާއި އަދުރޭއާއި ދިމާއަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓްގެ ކަންތަކުގައި ބަޣާވާތެއްގެ ލަގަބުދޭންޖެހޭ ވަރުކަމެއް ހިނގާފައިވޭތޯ ޕްރެޒެންޓާ ސުވާލުކުރުމުން އަދުރޭ ވާހަކަ ފެއްޓެވީ މި ހިސާބުންނެވެ.

''އަޅުގަނޑު ޤަބޫލެއް ނުކުރަން އެއްވެސް ވަރެއްގެ ބަޣާވާތެއް ހިނގިކަމަކަށް، އެހެން މިދެންނެވީ އަޅުގަނޑަކަށް ނޭނގެ ކޮންކަމަކަން އެ ބޭފުޅުން އެ އިޝާރާތް ކުރައްވަނީ، އެހެންނަމަ ވަރަށް ފަސޭހަވާނެ އެވާހަކަ ކިޔާލަދޭނަން'' އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު ޕީޕީއެމް/ޕީއެންސީ ލީޑަރާޝިޕުން މަސައްކަތް ކުރީ ރައީސް ޔާމީނާއެކުގައި އެމަނިކުފާނުގެ ލީޑާޝިޕްގެ ދަށުގައި ވިދާޅުވިގޮތަކަށް ކަމަށެވެ. ހުރިހާ ކަމެއްވެސް ކުރަމުން ދިޔައީ ރައީސް ޔާމީން ވިދާާާޅުވި ގޮތައް ކަމަށެވެ. އެނޫން ގޮތަކަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

''އެމަނިކުފާނު މިވެނިކަމެއް މިވެނި ގޮތަކަށް ކުރާށޭ ވިދާޅުވީމަ އެކަމެއް ކުރަނީ، އަޅުގަނޑުމެންނާ ރައީސް ޔާމީނާއި މިދިޔަ ފަސް އަހަރުގެ ތެރޭގައި ގިނައިން މުއާމަލާތް ހިންގާފައި ހުންނާނީ ނޯޓުގެ ޒަރީއާއިން، އެއީ ރައީސް ޔާމީން ވަރަށް ގިނަ ދުވަހު ބަންދުގައި ހުންނެވީ، އެހެންވީމަ ނޯޓު ފޮނުއްވައި މިވެނިކަމެއް މިވެނިގޮތަކަށް ކުރާށޭ ވިދާޅުވި ގޮތަކަށް ކުރަމުން އައީ، ބަޣާވާތުގެ ގޮތުގައި ފަހަރެއްގައި ވެދާނެ ސިފަކުރަނީ ރިޔާސީ ކެންޑިޑޭޓްގެ ކަންތައް ކަމަށް، އެހެންކަމަށްވަންޏާ އަޅުގަނޑު ބޭނުން އޭގެ ތަފްސީލަށްދާން،'' އަދުރޭ ވިދާޅުވިއެވެ.

ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް

އަދުރޭގެ ވިދާޅުވީ، ރައީސް ޔާމީން ފުރަތަމަ މިނިވަންވުމާއެކު، 2023 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ދެ ޕާޓީގެ ސެނެޓުން ނިންމާއޮތް ކަމަށް އެމަނިކުފާނަށް ދެންނެވި ކަމަށެވެ. އަދި އެއީ ރައީސް ޔާމީން ފުރަތަމަ ފަހަރު ޖަލަށް ގެންދިޔަ ދުވަހު ނިންމި ނިންމުމެއްކަމަށް ދެންނެވި ކަމަށެވެ.

''އެހެންވީމަ އަޅުގަނޑުމެން ބޭނުމޭ މިރޭ ސެނެޓު ބައްދަލުވުމެއް ބާއްވާފައި މަނިކުފާނަށް ޓިކެޓް އަރުވަން، އެދުވަހު ވިދާޅުވީ، ނޫނެކޭ ތިމަންނައަށް މާ މުހިންމޭ އިންޑިއާ ސިފައިން ތިބޭ މައްސަލަ، އެންމެ ފުރަތަމަ އެމީހުން ބޭރުކުރެވޭތޯ އެ މަސައްކަތޭ ފައްޓާނީ، އެހެންވެ ހަމަ އެޔާއެކު އެ ހިސާބުން އެ މަސައްކަތަށް އަޅުގަނޑުމެން ނުކުތީ،'' އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ޔާމީން ''އިންޑިއާ އައުޓް'' ހަރަކާތް ކުރިއަށް ގެންދަން ބޭނުންފުޅުވުމުން، ދެ ޕާޓީގެ ލީޑާޝިޕުން ވެސް ފުރިހަމައެއްބާރުލުމެއް ދެއްވި ކަމަށާއި، އެކަމުގައި އަމަލީގޮތުން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

''ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ވެސް މޭމަތީގައި އިންޑިއާ އައުޓް ޖަހައިގެން ނުކުތީ، އަޅުގަނޑުމެން ރަށް ރަށަށް ދަތުރުވެސް ކުރިން، އަޅުގަނޑުމެން މަގުމަތީ މުޒާހަރާވެސް ކުރިން، ރައީސް ޔާމީން ވިދާާޅުވިގޮތައް އެކަންކުރީ، އެކަންކުރިއަށް ގެންގޮސްތިއްބާ އޭރު އޮތް ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވީ ގަރާރެއް، އެހިސާބުން ހުއްޓާލަން ވިދާޅުވީމަ ހުއްޓާލައިގެން ތިބީ،'' އަދުރޭ ވިދާޅުވިއެވެ.

އޭގެ ކުރިން ރައީސް ޔާމީނާއި މަޝްވަރާ ކުރެއްވުމަށްފަހު، ބޮޑު ޖަލްސާއެއް ބާއްވައި، ރިޔާސީ ޓިކެޓް އެމަނިކުފާނަށް އެރުވިކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އެ ހިސާބުން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ރައީސް ޔާމީނާއި މުޚާތަބު ކުރަނީ ޕީޕީއެމް/ޕީއެންސީ ރިޔާާސީ ކެންޑިޑޭޓްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވިއެވެ.

''އެހެން އެކަން ކުރިއަށް ދަނިކޮށް އެމަނިކުފާނަށް ހުކުމްކޮށް ދެވަނަ ފަހަރަށް ޖަލަށް ގެންދިޔައީ، ގެންދިޔައީ މަވެސް އެމަނިކުފާނު ވިދާޅުވިގޮތައް ކަންކުރަމުން ދިޔައީ،'' އަދުރޭ ވިދާޅުވިއެވެ.

ރަނިންމޭޓަކަށް ޖަމީލްގެ ނަން

''އެހެންމެ ފަހުން ރިޔާސީ އިންތިޚާބަށް ހުޅުވައިލީމައި އެމަނިކުފާނު އަޅުގަނޑުމެންނަށް ނޯޓެއް ފޮނުވީ ނައިބު ރައީސަކަށް ނަގައިދޭނެ ތިން ބޭފުޅެއްގެ ނަން ފޮނުވައިދޭށޭ، އަޅުގަނޑުމެންނަށް ރައީސަށް ނޯޓަކުން ދެންނެވިން އަޅުގަނޑުމެންގެ އަސާސީ ގަވާއިދުގައި އޮންނަނީ ރިޔާސީ ކެންޑިޑޭޓުގެ ރަނިން މޭޓެއް ކަނޑައެޅުމަކީ ރިޔާސީ ކެންޑިޑޭޓަށް ލިބޭ ބާރެއްގެ ގޮތުގައޭ، އެހެންވީމަ އަޅުގަނޑުމެން ބޭނުމެއްނޫނޭ އަޅުގަނޑުމެން ބުނާ މީހަކު އެ މަގާމަށް އަންނާކަށް، ރައީސް ނަމެއް ދޭށޭ،'' އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ނައިބު ރައީސަކަށް ގެންނަން ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅަން ރައީސް ޔާމީން ދެއްވީ އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދުގެ ނަން ކަމަށެވެ. އަދި ނަން ލިބުމާއެކު އޭނާ ސީދާ ޖަމީލަށް ގުޅުއްވި ކަމަށާއި އަދި އޮފީހަށް ވަޑައިގަންނަވަން ދައުވަތު ދެއްވި ކަމަށެވެ.

''ޖަމީލު އޮފީހަށް ވަޑައިގަތީމައި އަޅުގަނޑު ޖަމީލަށް މަރުޙަބާ ދެންނެވީ، ދެންނެވިން އަޅުގަނޑުމެންނަށް ރައީސް ޔާމީން އަންގަވައިފިއޭ އެމަނިކުފާނުގެ ބައިވެރިއަކީ ޖަމީލް ކަމަށް، އަޅުގަނޑުމެން ލީޑާޝިޕުން މިތިބީ އެއްބާރުލުންދޭށޭ، ކުރިއަށް ވަޑައިގަންނަވަންވީގޮތެއް ވިދާޅުވާށޭ، ވަރަށް ރަނގަޅަށް ދިޔައީ، ދެން ޖަމީލު ނުކުމެވަޑައިގެން ވަޑައިގަތީ، އަޅުގަނޑުވެސް މަސައްކަތް ނިންމާފަ ގެއަށް ދިޔައީ،'' އަދުރޭ ވިދާޅުވިއެވެ.

ޔާމީނަށް ފެނިވަޑައިގަންނަވާ ކެންޑިޑޭޓެއްގެ ނަމާއި ރަނިންމޭޓެއްގެ ނަން ދޭން އެދުނު

އަދުރޭ ވިދާޅުވީ، އޭނާ އޭގެ ދެތިން ދުވަސްފަހުން ދެ ޕާޓީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުންނާއެކު ވަޑައިގަތީ އަވަށްޓެރި ސްރީލަންކާ އަށް ކަމަށެވެ. އަދި އެ ދަތުރަކީ ރައީސް ޔާމީންގެ މަންމާފުޅު އަވަހަރާވެގެން ޖަނާޒާގައި ބައިވެރިވެލެއްވުމަށް ކުރެއްވި ދަތުރެއް ކަމަށެވެ.

''އެދަތުރުގައި ފުރަން ލަންކާ އެއާޕޯޓުގައި ތިއްބާ ޑރ. ޖަމީލު ގުޅުއްވީ، ގުޅުއްވާފަ ވިދާޅުވީ، ރައީސް ޔާމީން ވިދާޅުވިއޭ، މި ސަރުކާރުގެ ކަންތައްތައް ހުރިގޮތުން އެމަނިކުފާނަށް ކުރިމަތިނުލެވޭ ހާލަތެއް އަތުވެދާނޭ، ޕީއެންސީގެ ނަމުގައި ކެންޑިޑޭޓަކު ރެޑީކުރާށޭ، ޕީއެންސީގެ ސެނެޓްގެ ތެރޭގައި ބާއްވާށޭ ޕްރައިމަރީއެއް،'' އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވިގޮތުގައި ލަންކާ ދަތުރު ނިންމައި، މާލެ އައިސް އެކަމާ ލީޑާޝިޕްގައި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެކަން އެހެން ކުރަން ނުފެންނަ ކަމަށާއި، ރައީސް ޔާމީނަށް ފެނިވަޑައިގަންނަވާ ކެންޑިޑޭޓަކާއި ރަނިންމޭޓެއްގެ ނަން ދެއްވަން ރައީސް ޔާމީން އަރިހުގައި ދެންނެވި ކަމަށެވެ.

''ދެން އަޅުގަނޑުމެން މާލެ އައިސް މަޝްވަރާކޮށްލާފައި ވާހަކަ ދައްކާފައި އަޅުގަނޑުމެން ދެންނެވިން ރައީސްއަށް ތިހެން ނަހައްދަވާށޭ، ރައީސް ދެއްވާށޭ ދެނަން، ކެންޑިޑޭޓަކާއި ރަނިންމޭޓަކާ، ކޮންމެ ދެ ނަމެއް ދެއްވިޔަސް އަޅުގަނޑުމެން މިތިބީ ކުރިއަށް ދާށޭ، ނޫނެކޭ، އެހެންނެއްނޫނޭ، ނަން ދޭށޭ، ތިން ފަހަރަށް އަޅުގަނޑުމެން ރައީސަށް ލިޔުނިން ރައީސް ބޭނުންފުޅުވާ ކެންޑިޑޭޓަކާއި ރަނިން މޭޓެއްގެ ނަން ދޭށޭ،''

ޔާމީންގެ ފަރާތްޕުޅުން ތިން ޕްލޭނެއް

އަދުރޭ ވިދާޅުވީ އެ މުއާމަލާތް ލިޔެކިޔުމުން ބަދަލުކުރެއްވިކަމަށާއި، ލީޑާޝިޕް އޮތީ ރައީސް ޔާމީން ބޭނުންފުޅު ގޮތަކަށް ކުރިއަށް ދާންކަމަށް ދެންނެވި ކަމަށެވެ.

''އަޅުގަނޑުމެން އޮންނާނެ ލިޔެކިޔެމުން ދަންނަވާފައި ރައީސް ކޮންމެގޮތަކަށް ނިންމެވިޔަސް އެގޮތަކަށް ކުރިއަށްދާށޭ ލީޑާޝިޕުން މިއޮތީ އިނގޭތޯ، އޭގެ ފަހުން ރައީސް ނޯޓެއް ފޮނުއްވީ އެކަން ކުރަންވީ ގޮތް، ޕްލޭ ''އޭ''، ޕްލޭން ''ބީ''، ޕްލޭން ''ސީ'' ހައްދަވާފައި، ''އޭ'' އަކީ ކޮބައިކަން، ''ބީ'' އަކީ ކޮބައިކަން، ''ސީ'' އަކީ ކޮބައިކަން،''

މަސައްކަތްކުރީ ޔާމީން އެންގެވިގޮތައް އަކުރުން އަކުރަށް،

އަދުރޭ ވިދާޅުވީ، އޭނާ އާއި ދެ ޕާޓީގެ ލީޑާޝިޕުން ވެސް މަސައްކަތްކުރަމުން އައީ ރައީސް ޔާމީންގެ އިރުޝާދާއިއެއްގޮތައް އަކުރުންއަކުރަށް އެކަމެއް ތަންފީޒުކުރުމުގެ މަތީގައި ކަމަށެވެ.

''އެންގެވިގޮތައް އެކަންކުރީ އަކުރަންއަކުރަށް، ވިދާޅުވި ޕީޕީއެމް މީހަކު ވެސް ބޭނުމިއްޔާ ޕީއެންސީއަށް ބަދަލުވެގެން ފުރުސަތުދޭށޭ، އަދި ރަނިންމޭޓަކު އިޚްތިޔާރުކުރާކަމަށްވާނަމަ އެމީހަކު ވެސް ޕީއެންސީއަށް ވަދެގެން ފުރުސަތުދޭށޭ، އޭނަ ވެސް ޕީއެންސީއަށް ބަދަލު ކުރާށޭ، އެގޮތައް އެކަންކުރީ، އެ ގޮތައް އެކަންކޮށްގެން ޑރ، މުޢިއްޒު ޓިކެޓް ކާމިޔާބުކުރީ،'' އަދުރޭ ވިދާޅުވިއެވެ.

ޑރ. މުޢިއްޒު އެމަނިކުފާނުގެ ރަނިންމޭޓަކަށް އިޚްތިޔާރު ކުރެއްވީ ހުސެން މުހައްމަދު ލަތީފް ކަމަށާއި، ހުސެން މުހައްމަދު ލަތީފް އޭރު ހުންނެވީ ޕީޕީއެމްގައި ކަން އަދުރޭ ފާހަގަކުރެއްވިއެވެ. އަދި ހުސެން، މުޢިއްޒުގެ ރަނިންމޭޓަކަށް ހަމަޖެއްސުމާއެކު ޕީއެންސީއަށް ސޮއިކުރެއްވި ކަމަށް ވެސް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، އެ މަސައްކަތް ކުރެއްވީ އަކުރެއް ފިއްޔެއް ތަފާތުނުކޮށް ކަމަށާއި، އެންމެ ފަހުވަގުތު ވެސް ޔާމީނަށް ކުރިމަތިލެވޭކަމަށްވަންޏާ މުޢިއްޒު މަޑުޖައްސާލައި، ޔާމީނަށް ފުރުސަތު ދޭން އޭރު ވެސް އޮތީ ނިންމާފައި ކަމަށެވެ.

އިންތިޚާބު ބޮއިކޮޓް ކުރަން އެންގުން

އެހެންއެކަން ވެފައިވަނިކޮށް، އިންތިޚާބަށް އެންމެ ދުވަހަކަށް ވެފައި އޮއްވާ ސުޕްރީމް ކޯޓުން ރައީސް ޔާމީނަށް ކުރިމަތިނުލެވޭނެކަމަށް ޙުކުމްކުރިކަމަށް އަދުރޭ ވިދާޅުވިއެވެ. އެ ހިސާބުން ޕްލޭން ''އޭ'' ދިޔައީ ކަމަށާއި، ދެން އޮތީ ޕްލޭން ''ބީ'' ކަމަށް އަދުރޭ ވިދާޅުވިއެވެ.

''ޕްލޭން ''ބީ'' އަށް ބަލާއިރު ކޯޓުން ނިންމީ ރައީސް ޔާމީނަށް ކުރިމަތި ނުލެވޭކަމަށް، މާދަމާ ދެއެއްޖަހާއިރަށް މުއްދަތު ހަމަވޭ، އެހެންވީމަ ޕީޕީއެމުން މީހަކު ނެރޭކަށް ފުރުސަތެއްނެތް، އެއީ ނެރޭ މީހަކު އެބަޖެހޭ ސެނެޓް ބާއްވައިގެން އެކަން ގެންދާނެ ގޮތެއް ކަނޑައަޅަން، މީހަކު އިޚްތިޔާރު ކުރާނީ ކިހިނެއްތޯ، އެވަގުތެއް ނެތް، އަދި އައްޔަނު ކުރާ މީހެއްގެ ރެކޯޑް ސާފުކުރާނީ ކިހިނެއްތޯ، ކުރަންޖެހޭ ބައިވަރުކަންތައްތައް، އެހެންވީމަ އެކަން ކުރެވޭނެ މަގެއްނެތް، ނެތި އޮއްވާ ކުއްލިއަކަށް ރައީސް ޔާމީން މި އެންގެވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ އިންތިޚާބު ބޮއިކަޓް ކުރާށޭ، އެ ނޯޓުގެ ކަންތައް ހިނގާދިޔަގޮތަކީއެއީ، ޖަމީލު އެބަވިދާޅުވޭ އަޅުގަނޑު ނޯޓު އޮޅުވާލީއޭ، އެހެންވީމަ އަޅުގަނޑު ބޭނުން ރައްޔިތުންނަށް ސާފުކޮށްލަދެން'' އަދުރޭ ވިދާޅުވިއެވެ.

ޔާމީންގެ ހާއްސަ ނޯޓެއް

''އެދުވަހު ޖަމީލު ގުޅުއްވާފަ ވިދާޅުވީ އަޅުގަނޑުމެން އެސްޖީ ތޮލާލްގެ އަރިހުގައި ރައީސް ޔާމީންގެ ވަރަށް ހާއްސަ ނޯޓެއް އެބައޮތޭ، ވަރަށް އަވަހަށް ދެ ޕާޓީގެ ސެނެޓް ބާއްވައިދޭށޭ، ވަގުތުން ވަގުތައް އަޅުގަނޑުމެން އެކަންކުރީ، ވަޑައިގަތީ ޖަމީލާއި، ޝިޔާޒާއި އާދަމް ސަމީމް އާއި ތިން ބޭފުޅުން، ވަޑައިގެން ތިން ބޭފުޅުން ސްޓޭޖަށް އަރައިވަޑައިގެން ޖަމީލު އެ ނޯޓު އަޅުގަނޑުމެން ސެނެޓަރުންނަށް އިއްވާދެއްވީ، އަޅުގަނޑެއްނޫން،'' އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، އެ ނޯޓު އިއްވާ ނިމުމާއިއެކު، ރައީސް ޔާމީންގެ ދަރިކަލުން ޒޭން އެއީ ރައީސް ޔާމީންގެ ނޯޓެއްކަން ދެ ޕާޓީގެ ސެނެޓަރުންނަށް ޔަގީންކޮށްދެއްވި ކަމަށެވެ. އަދި މަސައްކަތް ކުރިއަށް ގެންދަން އޭނާ އާއި ހަވާލުވީ އެ ހިސާބުން ކަމަށެވެ.

''އެ ނޯޓުގައި އޮތީ ތިމަން މަނިކުފާނަށް ސަރުކާރުން ކޮށްފައިވާ ހުކުމަކީ އަދި ތިމަންމަނިކުފާނުގެ އިންތިޚާބީ ހައްގު ނިއުޅައިގަތުމަކީ އެއީ ބޭއިންސާފުން ކޮށްފައިވާކަމެއްކަމަށް، ނުވަތަ ނުހައްގުން ކުރިކަމެއްކަމަށް ޤަބޫލުކުރަންޏާ އެގޮތައް ދެ ޕާޓީގެ ސެނެޓަށް ފެންނަކަމަށްވަންޏާ ތިމަން މަނިކުފާނަށް ފެނިވަޑައިގަންނަވަނީ އިންތިޚާބު ބޮއިކޮޓްކުރާށޭ،'' އަދުރޭ ވިދާޅުވިއެވެ.

ނޯޓު އޮޅުވައެއް ނުލަން

އަދުރޭ ވިދާޅުވީ، އޭނާ ނޯޓު އޮޅުވާލިކަމަށް ޖަމީލު ތުހުމަތުކުރައްވާ ސަބަބަކީ އޭނާ އެ ނޯޓާއި ގުޅިގެން ވޯޓަށް އެހުން ކުރިއަށް ގެންދަން ނިންމި ގޮތުންނެވެ.

''އަޅުގަނޑު އޮޅުވާލިއްޔޭ ޖަމީލް އެ ވިދާޅުވާ ތަންކޮޅަކީ އަޅުގަނޑު ވޯޓަށް އެހީ ދެ ބަޔަކަށް ބަހާާާލައިގެން، އަޅުގަނޑު ފުރަތަމަ ވޯޓަށް އެހީ ރައީސް ޔާމީނަށް ކުރަމުންދާ އަނިޔާއަކީ ނުހައްގުން ކުރާ އަނިޔާކަމަށްވަންޏާ ވޯޓު ދޭށޭ، އެ ނޯޓުގައި އެބަބުނޭ އެކަން ގަބޫލުކުރަންޏާއޭ މިކަން ކުރަން ފެންނަނީ،'' އަދުރޭ ވިދާޅުވިއެވެ.

''އެހެންވީމަ އަޅުގަނޑު ޤަބޫލުކުރަނީ ފުރަތަމަ އެއޮތީ ވިދާޅުވެފައި ވާހަކައެއް އެމަނިކުފާނަށް ކޮށްފައިވާ ހުކުމަކީ އަދި އެމަނިކުފާނުގެ އިންތިޚާބީ ހައްގު ނިއުޅައިގަތުމަކީ ބޭއިންސާފުން ކުރިމަތިނުލެވޭގޮތައް ހެދުމަކީ އިންސާފުން ބޭރުން ކުރިކަމެއްކަމަށް ޤަބޫލުކުރަންޏާ އިންތިޚާބު ބޮއިކޮޓްކުރާށޭ، އެހެންވީމަ އަޅުގަނޑު ފުރަތަމަޖެހޭނީ ސެނެޓަރުން ގަބޫލުކުރޭތޯ އެއީ ނުހައްގުންކުރާ އަނިޔާކަމަށް، އެހެންވީމަ ވޯޓަށް އެހީމަ އިއްތިފާގުވި އެ އަނިޔާކަމަށް، ދެންތާ ޖެހޭނީ ބޮއިކޮޓް ކުރާނީތޯ ނޫންތޯ ބަލަން،'' އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ސެނެޓުގެ މަސައްކަތް އެހިސާބަށް ދިޔަތަނުން ޖަމީލު ފުންމައިގެން ތެދުވެވަޑައިގެން ތިހެން ނެހެދޭނޭ ވިދާޅުވި ކަމަށެވެ. އަދި ވޯޓަށް އަހަންޖެހޭނީ ދެކަމަށް އެއްކޮށް ކަމަށް ވިދާޅުވި ކަމަށެވެ.

''އެހިސާބަށް ދިޔައީ ޖަމީލު ފުންމައިގެން ތެދުވީ، ތެދުވެފަ ވިދާޅުވީ ތިހެނެއް ނެހެދޭނޭ، މިއީ އަޅުގަނޑު އެކަނި އިންތަނެއްނޫނޭ، ދެ ޕާޓީގެ ސެނެޓް އޮތްތަނެއް، ތިހެނެއް ނެހެދޭނޭ، ދެކަމަށް އެއްކޮށޭ ވޯޓަށް އަހަންޖެހޭނީ، އަޅުގަނޑު ދެންނެވިން، އަޅުގަނޑޭ ރިޔާސަތުގައި މީނީ، މިވަގުތު ދެ ޕާޓީ ހިންގުމުގެ މަސްއޫލިއްޔަތު ރައީސް ޔާމީން ހަވާލުކޮށްފައި އޮތީ އަޅުގަނޑާއޭ، އެހެންވީމަ އަޅުގަނޑަށޭ ގެންދާނެ ގޮތެއް އިންގޭނީ، މިކަމަކީ މެންބަރުން ތެރޭގައި ބަހުސްނުކޮށް ގޮތް ނިންމޭވަރަށްވުރެ ބޮޑު މައްސަލައެކޭ،'' އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، އެ ހިސާބުން އެކަން އެއްގޮތަކަށް ވެސް ކުރިއަށް ގެންދެވޭގޮތް ނުވެގެން ލީޑާޝިޕްގެ މަޝްވަރާއަށް ދެފަހަރުމަތިން ބައްދަލުވުން މެދުކަނޑާލަން ޖެހުނުކަމަށެވެ. އަދި އަލުން މަސައްކަތް ފަށައި، އެއް ގަޑިއިރުގެ ބަހުސް ކުރިއަށް ގެންދަން ނިންމި ކަމަށެވެ.

''ބަހުސްއަށް ހުޅުވާލާފައި އޮއްވާ އަނެއްކާ ޖަމީލު ވަޑައިގެންފި، ވިދާޅުވި ތިހެން ނަހަދާށޭ، ބޮއިކޮޓް ކުރަން ވޯޓަށް އަހާށޭ، އަޅުގަނޑު ދެންނެވިން ޖަމީލަށް، ނޫނެކޭ އަޅުގަނޑު ބަހުސް ކޮށްފައޭ މިކަންކުރާނީ، އިނގޭތޯ، ދެން ބަހުސް ފެށުނީ، ބަހުސް ފެށިގެން ވަކިހިސާބަކަށް ދިޔަތަނާ އަނެއްކާ މޭޒު ކައިރިއަށް ވަޑައިގެންފި، އެހިސާބުން ސެނެޓް ވަރަށް ހޫނުވި، ވިދާޅުވި ރިޔާސަތާދިމާއަށް ތިހެން ނުދެވޭނޭ، ވަރަށް ހަލަބޮލިވެއްޖެ އެތަން، އަޅުގަނޑު ދެންނެވިން ހުރިހާބޭފުޅުންނަށް ކެތްތެރިވެވަޑައިގަންނަވާށޭ، މިއީ ގައުމީ މައްސަލައެކޭ،'' އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، އެކަން ނިންމާނީ ސެނެޓަރުންނަށް ބަހުސްކުރުމަށް ފުރުސަތު ދިނުމަށްފަހުކަމަށާއި، ވޯޓަށް އަހާނީ އޭގެ ފަހުގައިކަމުގެ ޔަގީންކަށް ސެނެޓަރުންނަށް އޭނާ ދެއްވި ކަމަށެވެ.

''އަޅުގަނޑު އަމިއްލައަކަށް ގަބޫލެއްނުކުރަން ބޮއިކޮޓް ކުރަންޖެހޭ ކަމަކަށް، ސަބަބަކީ މިދައްކަނީ ގައުމީ ވާހަކަ، މި ބުނަނީ އަޅުގަނޑުމެން އިސްކަންދެނީ ޤައުމަށޭ. މޮޓޯއަކީ އެންމެފުރަތަމަ ޤައުމޭ، އެހެންކަމަށްވަންޏާ އަޅުގަނޑަށް ފުރުސަތު ނުލިބުނަސް މި ދެ ޕާޓީގައި ތިބި ފަސްދޮޅަސް ހާހެއްހާ މެންބަރުން މަގުމަތިކުރުމެއްނޫން އަޅުގަނޑު ޤަބޫލުކުރާގޮތެއްނޫން،'' އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަރަށް ބޮޑު ހައްގެއް ގެއްލިގެން ދިޔުމުން އެމަނިކުފާނު ހުންނަވާނީ ވަރަށް ނުތަނަވަސްކަން މަތީގައި، ވަރަށް ޖަޒުބާތުގައި ކަމަށް އެވަގުތު ސެނެޓަރުންނަށް ދެންނެވިކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ރައީސް ޔާމީނާއި، ދިވެހި ގައުމުގެ ހައްގުގައި އަމިއްލަ ބުއްދިން ގޮތްތަކެއް ހޯދަންޖެހޭ ކަމަށް ސެނެޓަރުންނަށް ދެންނެވި ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

''މިއީ ވަރަށް ހުތޫރަތްތެރި ދަނޑިވަޅެކޭ، ދިވެހި ރައްޔިތުން ތިބީ އޭރު އޮތް ސަރުކާރު ބަދަލުކުރަން އިންތިހާއަށް ބޭނުންވެފައި، ސަރުކާރު ބަދަލުކުރެވެން އޮތީ ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓަކު ނެރެގެން، އެހެންނޫނިއްޔާަ އަޅުގަނޑުމެންނަށް އަނެއްކާ ހިލޭސާބަހަށް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދެވެނީ، އެހެންވީމަ އެއީ ގޮތެއްނޫނޭ، ބަހުސްކުރާށޭ، އެހެންކިޔާފަ ބަހުސްއަށް ޖާގަދިނީ،'' އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، އެކަމުގައި ވޯޓަށް އެއްސެވީ އެއް ގަޑިއިރުގެ ބަހުސަކަށްފަހުގައި ކަމަށާއި، ފުރަތަމަ ވޯޓަށް އެހީ ބޮއިކަޓްކުރަން ފެނިވަޑައިގަންނަވާ ބޭފުޅުން ވޯޓު ދެއްވުމަށް ކަމަށެވެ. އަދި ރައީސް ޔާމީންގެ ހައްގަށްޓަކައި ލީޑާޝިޕްގެ އެންމެން އެގޮތައް ވޯޓު ދެއްވި ކަމަށެވެ.

''ރައީސް ޔާމީނަށްޓަކައި، ޔާމީން ވިދާޅުވެފައި އޮތް ގޮތައް ކަންތައް ކުރަންވެގެން ދެ ޕާޓީގެ ލީޑާޝިޕް އެއްކޮށް ވޯޓު ދިނީ ބޮއިކޮޓް ކުރަން، އަޅުގަނޑު ނުދެން، އަޅުގަނޑު ނުދިނީ ކީއްވެ؟ އަޅުގަނޑު އިނީ ރިޔާސަތުގައި، ރިޔާސަތުގައި އިންނަ މީހާއަށް ވޯޓު ދެވޭނީ މައްސަލައެއްގައި ވޯޓަށް އަހައިގެން ދެ ފަރާތް އެއްވަރުވީމަ،'' އަދުރޭ ވިދާޅުވިއެވެ.

އަމިއްލަ ނަފްސާއި، ޕީޕީއެމް، ޕީއެންސީއަށް ވުރެވެސް މި ގައުމު ބޮޑު

އަދުރޭ ވިދާޅުވީ، ބޮއިކޮޓްކުރަން އޭނާގެ ތާއީދުނެތްކަމަށް ސެނެޓަރުންނަށް ދެންނެވި ކަމަށެވެ. އަދި ވޯޓު ހަމަހަމަވެގެން ނަތީޖާ ނެރެން ޖެހުނުނަމަ އިންތިޚާބު ބޮއިކޮޓް ނުކޮށް ކުރިއަށް ގެންދަން އޭނާ ވޯޓު ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

''އެއީ އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑަށް ވުރެވެސް، ޕީޕީއެމަށް ވުރެވެސް، ޕީއެންސީއަށް ވުރެވެސް މި ގައުމު ބޮޑު، ގައުމުގެ މަސްލަހަތު އަޅުގަނޑުމެން އިސްކުރަން ޖެހޭނީ'' އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ބޮއިކޮޓް ނުކޮށް އިންތިޚާބުގައި ބައިވެރިވާން ބޭނުންފުޅުވާ ސެނެޓަރުން ވޯޓު ދެއްވުމަށް އޭގެ ފަހުން ވޯޓަށް އެއްސެވިކަމަށެވެ. އަދި އެވަގުތި ބައްދަލުވުމަށް ވަޑައިގެން ތިއްބެވީ 69 ސެނެޓަރުންކަމަށާއި، އޮންލައިންކޮށް ބައިވެރިވި ސެނެޓަރުންނާއެކު 72 ސެނެޓަރުން އެ ބައްދަލުވުމުގައި ބައިވެރިވި ކަމަށް އަދުރޭ ވިދާޅުވިއެވެ.

ނިންމީ މުޅި އުމުރަށް ވެސް ފަޚުރުވެރިވާނެ ޤައުމީ ނިންމުމެއް

''ދެން ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން އިންތިޚާބު ބޮއިކޮޓް ނުކުރަން ފާސްވީ، އެއީކަންނޭގެ ބަޣާވާތެކޭ އެވިދާޅުވާ ވިދާޅުވުމަކީ، އެއީ ބަޣާވާތެއްކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން، އެއީ މި ޤައުމާއި މިޤައުމުގެ ރައްޔިތުންގެ ހައްގުގައި މި ފަހުގެ ތާރީޚްގައި ސިޔާސީ ޕާޓީއަކުން ނިންމި ވަަރަށް މުހިންމު ނިންމުމެއް، އެ ނިންމުންނިންމަށް ރިޔާސަތުގައި އިނދެވުންއެއީ އަޅުގަނޑުގެ އުމުރަށްވެސް ފަޚުރުވެރިވާނެ ކަމެއް، އަޅުގަނޑުގެ ހަޔާތުގައި ސިޔާސީގޮތުން ނިންމުމުނު އެންމެ ފުރިހަމަ ޤައުމީ ނިންމުންކަމަށް އަޅުގަނޑު ޤަބޫލުކުރަނީ އިންތިޚާބު ބޮއިކޮޓްނުކޮށް ކުރިއަށްދާން ނިންމި ނިންމުމަކީ، އެއީ އެއްގޮތަކަށް ވެސް ބަޣާވާތެއްނޫން''' އަދުރޭ ތަކުރާރުކޮށް ވިދާޅުވިއެވެ.