ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރައީސްކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އިސްވެ ހުންނަވާ، އަލަށް އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕާޓީއަށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ކިޔަން ނިންމައިފިއެވެ.

ޔާމީން އަލަށް އުފައްދަން ނިންމާފައިވާ ޕާޓީގެ ރަސްމީ ''އެކްސް'' ހޭންޑް ވެސް މިރޭ ޢާންމުކުރައްވާފައިވާއިރު، އެ ޕާޓީގެ ލޯގޯ ވެސް މިރޭ ވަނީ ދައްކައިލާފައެވެ.

Ad
rt

މި ޕާޓީގެ ރަސްމީ ކުލައެއް ކަމަށް ކަނޑައަޅާފައި ވަނީ ދަނބު ކުލަ އެވެ.

ޔާމީން ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީގެ ލީޑާޝިޕުން ޕާޓީގެ މަސައްކަތަށް އެމަނިކުފާނަށް އެއްވެސް އެއްބާރުލުމެއް ނުދެއްވާކަމަށް ހާމަކުރެއްވުމަށް ފަހުއެވެ.

މި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅަން މާދަމާ ހުށަހަޅާނެކަމަށް ވެސް މިކަމުގައި އިސްކޮށް އުޅުއްވާ ޔާމީންގެ ޓީމުން ވަނީ ބުނެފަ އެވެ.

މި މަސައްކަތުގައި އިސްކޮށް އުޅުއްވާ، ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ޤާނޫނީ ވަކީލު މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެފައިވާގޮތުގައި މި ޕާޓީގެ އެންމެ ބޮޑު ޓާގެޓަކަށް ވާނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބެވެ.