ސްޕެއިން އަދި ބާސެލޯނާގެ ޒުވާން މިޑްފީލްޑަރ ގަވީގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން މި ސީޒަންގައި ދެން އޭނާއަށް ނުކުޅެވޭނެކަން ބާސާއިން ޔަގީންކޮށްދީފިއެވެ.
އުމުރުން 19 އަހަރުގެ ގަވީގެ ކަނާއަތު ފައިގެ ކަކުލަށް އަނިޔާވެފައި ވަނީ ޔޫރޯ ކޮލިފައިންގައި ރޭ ޖޯޖިއާ އަތުން ސްޕެއިން މޮޅުވި މެޗުގައެވެ. އަނިޔާގެ ސަބަބުން މެޗުގެ 26 ވަނަ މިނެޓުގައި އޭނާ ބަދަލުކުރި އިރު ދަނޑުން ފައިބައިގެން ދިޔައީ ރޮމުންނެވެ.
ބާސާއިން ބުނީ ގަވީގެ ކަކުލަށް ލިބިފައިވާ އަނިޔާއިން ސަލާމަތްވުމަށް ސާޖަރީ ކުރަން ޖެހޭ ކަމަށާއި، އޭނާ އެނބުރި ކުޅުމުގެ ތެރެއަށް އަންނަން އަށްމަހާއި ދިހަ މަހާއި ދެމެދު މުއްދަތެއް ނަގާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މި އަނިޔާގެ ސަބަބުން އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ފްރާންސްގައި އޮންނަ އޮލިމްޕިކްގައި ގަވީއަށް ކުޅެވިދާނެ ކަމާއި މެދުވެސް ވަނީ ސުވާލު އުފެދިފައެވެ.
ގަވީއަކީ ސްޕެއިންގެ އިތުރުން ބާސާގެ މިޑްފީލްޑްގައި ވެސް މިހާރު އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. މިހާތަނަށް އޭނާ ބާސާއަށް 111 މެޗު ކުޅެފައިވާއިރު ސްޕެއިން ގައުމީ ޓީމަށް ވަނީ 27 މެޗު ކުޅެ ފަސް ލަނޑު ޖަހައިދީފައެވެ.
ރޭ މެޗުގެ ކާމިޔާބީ ސިފަކުރަމުން ސްޕެއިންގެ ކޯޗް ލުއިސް ޑި ލަ ފުއެންޓޭ ބުނީ މިއީ އޭނާގެ ހަޔާތުގައި ވެސް އެންމެ ހިތްދަތި މޮޅު ކަމަށެވެ. ސަބަބެއްގޮތުގައި އޭނާ ފާހަގަކުރީ މެޗުގެ ކުރީ ކޮޅު ގަވީއަށް ލިބުނު ސީރިއަސް އަނިޔާއެވެ.