ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ދިވެހި ރައްޔިތުންނަށް ގެނެސްދެއްވާނެ ކަމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ، ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެން، ދެއްވި ފުރަތަމަ ތަޤުރީރުގައެވެ.
އެ ތަޤުރީރުގައި ދެއްކެވިވާހަކަފުޅުގައި ޑރ. މުޢިއްޒު ވިދާޅުވީ، ބިންވެރިކަމާއި ގެދޮރުވެރިކަމަކީ، ރާއްޖޭގައި ވަރަށް ޙައްސާސީ މައްސަލައެއް ކަމަށާއި، އެކަމުގެ ސަބަބުން، އާއިލީ، އިޖުތިމާޢީ މައްސަލަތައް ނުކުންނަ ކަމަށެވެ. އަދި ދީނީ، އަޚްލާޤީ މައްސަލަތައް އުފަންވެ، ޞިއްޙީ އެތައް ގެއްލުންތަކަކަށް ރައްޔިތުން ހުށަހެޅޭ ކަމަށެވެ.
''އިރާދަކުރެއްވިއްޔާ، ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ދިވެހީންނަށް ގެނެސްދޭނީ، މި ފެށުނު ރިޔާސީ އާ ދައުރުގައި. އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް، އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ ތިޔަބޭފުޅުންގެ މި އާ ސަރުކާރުން.'' ރައީސް ޑރ. މުޢިއްޒު ވިދާޅުވެފަވެއެވެ.
ރައީސް ވިދާޅުވީ، އެކަމުގެ ކަރުދާހީ ގިނަ މަސައްކަތެއް ހުރީ ލިޔެ، ކުރަހައި ނިމިފައި ކަމަށާއި، ވަރަށް އަވަހަށް، ޒަމާނީ އާ ޝަހަރުތަކެއްގެ ޒީނަތްތެރި މަލަތައް، ދިވެހި ފަޅުފަޅުން އުފުލިލާނެ ކަމަށެވެ.
ރާއްޖެއަށް ދެމެހެއްޓެނިވި ޢަދުލުވެރި ތަރައްޤީގެ ނިޒާމެއް ބޭނުންވާ ކަމަށާއި، މި ފަށާ އާ ސަރުކާރުން ތަރައްޤީގެ ހަރަކާތްތައް ކުރިއަށް ގެންދާނީ މި ވިސްނުމުގެ ތެރެއިން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެއީ ސަރަހައްދީ ތަރައްޤީ ނުވަތަ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތަރައްޤީއާއި ރަށްވެހިކަމުގެ މަންފާ ބެހެވިގެންދާ ގޮތަށް އެކަށައެޅޭ ޒަމާނީ މަފުހޫމެއް ކަމަށް ވެސް ވިދާޅުވިއެވެ.
''އެކަމަށްޓަކައި އިރާދަކުރެއްވިއްޔާ، މެދުރާސްތާގެ އަމާޒުތަކަކާއި، ދުރު ރާސްތާގެ އަމާޒުތަކެއް ކަނޑައަޅާލެވޭނެ. އަދި މިކަމުގައި ތިޔަ ލޮބުވެތި ދިވެހި ރައްޔިތުންގެ އުންމީދުތަކާއި ވިސްނުންތައް އަޅުގަނޑުމެންނާ ހިއްސާ ކުރެއްވުމަށް އެކަމުގެ ފުރުޞަތު އަޅުގަނޑުމެން ހުޅުވާލާނަން.'' ރައީސް ޑރ. މުޢިއްޒު ވިދާޅުވެފަވެއެވެ.
ރައީސް މުޢިއްޒު ވަނީ، ރާއްޖޭގެ ޢިލްމީ އެކި ދާއިރާތަކާއި، ފަންނީ އެކި ދާއިރާތަކުގެ ބޭފުޅުން، އެ ބޭފުޅުންގެ ޢިލްމީ ދިރާސާތަކާއި ތަޖުރިބާއިން އެކަމުގައި ސަރުކާރަށް އެހީތެރިވެވަޑައިގެން ދެއްވުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ލަހެއްނުވެ އެކަމަށް ފުރުޞަތު ހުޅުވައިލެވޭނެ ކަމަށާއި، ބޭނުމަކީ ދިވެހިރައްޔިތުންގެ ހުވަފެންތަކާއި ތަޞައްވުރުތަކުގެ އެހީގައި ރައްޔިތުން އެދޭގޮތަށް ދިވެހިރާއްޖޭގެ މުސްތަޤްބަލް ކުރަހައި ބައްޓަންކުރުން ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!