އާ ސަރުކާރު ކުރިއަށްދާނީ ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުމަކީ މައިގަނޑު ދެ އަސާސް ކަމަށްދެކި، އެ ދެ އަސާސްގެ މަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ، ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެން، ދެއްވި ފުރަތަމަ ތަޤުރީރުގައެވެ. އެމަނިކުފާނު ތަޤްރީރުކުރެއްވީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވެވި ހުވައި ކުރުމުގެ ރަސްމިއްޔާތުގައެވެ.
އެމަނިކުފާނު ވިދާޅުވީ، ދައުލަތެއްގެ ސަލާމަތާއި ދުނިޔޭގައި އެ ބައެއްގެ އާރާއި ބާރާއި، ޤަދަރާއި އިޙްތިރާމު ނެގެހެއްޓުމަށްޓަކައި މައިގަނޑު ދެ ބާވަތެއްގެ ބިނާކުރުމެއް ބިނާކުރާ ކަމަށެވެ. އެއީ، ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުން ކަމަށް ވިދާޅުވިއެވެ. ނުވަތަ އެހެން ޢިބާރާތަކުން ދަންނަވާނަމަ، ގެދޮރާއި، ދިފާޢީ ބުރުޒުތަކާއި، މަގުތަކާއި، ފާލަންތަކާއި، އޮފީސްތައް ބިނާކުރުމާއި، ހެޔޮވިސްނުން ހުރި ސިކުނޑިތަކެއް ލިބިފައިވާ، އަޚްލާޤު ރަނގަޅު މުޖުތަމަޢެއް ބިނާކުރުން ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން، އެއީ ޤައުމުގެ ފަސްގަނޑު ބިނާކުރުމާއި، ޤައުމުގެ ސިކުނޑިތައް ބިނާކުރުންކަމަށާއި، މި ފެށުނު ރިޔާސީ ދައުރުގެ ސިޔާސަތަކަށް ވާނީ، މި ދެ ބާވަތުގެ ބިނާކުރުން ވަޒަން ހަމަކޮށް ކުރިއަށް ގެންދިޔުން ކަމަށް ވިދާޅުވިއެވެ.
''ޢިލްމާއި ހުނަރު. އަޚްލާޤާއި ދީން. އުޅުންތެރިކަމާއި މަސައްކަތްތެރިކަން. މިކަންކަން ދިވެހި ދަރީންގެ ކިބައިގައި އަށަގެންނެވުން. ހަމައެހެންމެ، ރާއްޖޭގެ ބިނާވެށްޓަށް އާދަޔާ ޚިލާފު އިންޤިލާބީ މުއްސަނދިކަމެއް ގެނައުން. އަޅުގަނޑު އެކުލަވައިލާ ސަރުކާރު ކުރިއަށްދާނީ، އިރާދަކުރެއްވިއްޔާ މި ދެ އަސާސުގެ މަތީގައި.'' ރައީސް ޑރ. މުޢިއްޒު ވިދާޅުވެފަވެއެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި، ކަށަވަރުކުރަން ބޭނުންފުޅުވަނީ، ރާއްޖޭގެ ބާރުތަކުގެ މިނިވަންކަން ކަމަށާއި، ވަކިން ޚާއްޞަކޮށް، ޢަދުލު އިންޞާފުގެ ނިޒާމުގެ ތެރެއަށް، ސަރުކާރުގެ ކުޑަވެސް ނުފޫޒެއް ވަންނާނެ ޖާގަ ނުދިނުން ކަމަށެވެ.
''މީގެ މާނައަކީ، ފަހަރެއްގައިވެސް ދިވެހިރައްޔިތުންނާއި ދިވެހި ދައުލަތަށް ޚިޔާނާތްތެރިވުމުން، އެފަދަ ކުށްތައް ކުރާ މީހުންނާ މެދު ސަރުކާރުން ލޯ މަރާލުމެއް ނޫން. އެއާ ޚިލާފަށް، މީގެ މާނައަކީ ސަރުކާރުން، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް ނިމުން. އެކަން މި ނިންމީ.'' ރައީސް މުޢިއްޒު ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!