ގްރީންހައުސްގައި ގަސް އިންދާނެގޮތުގެ ތަމްރީން ޕްރޮގްރާމެއް ނަރުދޫގައި ފެށިގެން ކުރިއަށް

ނަރުދޫގައި ކުރިއަށް ގެންދާ ގްރީންހައުސްގައި ގަސްއިންދާ ހައްދާނެ ގޮތް ދަސްކޮށްދިނުމުގެ ޕްރޮގްރާމްގެ ތެރެއިން، ފޮޓޯ: ނަރުދޫ ކައުންސިލް

ށ.އަތޮޅު ނަރުދޫގައި ގްރީންހައުސްގައި ގަސްއިންދާ ހައްދާނެ ގޮތް ދަސްކޮށްދިނުމުގެ ހާއްސަ ޕްރޮގްރާމެއް ފަށައިގެން ކާމިޔާބު ކަމާއިއެކު ކުރިއަށް އެބަގެންދެއެވެ.

މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ ފަރާތުން ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ޕްރޮޖެކްޓެކެވެ.

ޖުމްލަ 16 ބައިވެރިންނާއިއެކު މި ޕްރޮގްރާމް އެ ރަށުގައި ފަށާފައި ވަނީ ފާއިތުވި އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުއެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން ނަރުދޫ ކައުންސިލުގެ ރައީސް މުހައްމަދު މުސްތަރުޝިދު ބުނީ ގްރީންހައުސްގައި ގަސްއިންދައި ހައްދާނެ ގޮތް ދަސްކޮށްދިނުމުގެ މި ޕްރޮގްރާމަކީ ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅު 26 ރަށެއްގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި، މި ޕްރޮގްރާމް ހިންގަން ނިންމާފައިވަނީ ދަނޑުވެރި ރަށްތަކުގައި ކަމަށްވުމުން، އެގޮތުގެ މަތީން ނަރުދޫގައި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ކަމަށެވެ.

މި ޕްރޮގްރާމްގައި ގްރީންހައުސް ތައްޔާރުކުރާނެ ގޮތާއި މުޑުވަށް ކުރާނެ ގޮތުގެ އިތުރުން، މިކަމާއިގުޅޭ ތިއަރީ ކްލާސްތަކާއި ޕްރެކްޓިކަލް ކްލާސްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އޭނާ އިތުރަށް ބުނީ ގްރީންހައުސްގައި ގަސްއިންދައި ހެއްދުމަކީ އެ ރަށަށް ކޮންމެވެސް ވަރަކަށް އައު ކަމެއް ނަމަވެސް ބައިވެރިންގެ ފަރާތުން ގްރީންހައުސްގައި ގަސްއިންދާ ހެއްދުމަށް މިހާރު ވަރަށް ބޮޑު ޝައުގުވެރިކަމެއް ފެންނަމުން އަންނަ ކަމަށެވެ.

ނަރުދޫއަކީ އެ އަތޮޅުގައި ފުޅާދާއިރާއެއްގައި މިހާރު ވެސް ދަނޑުވެރިކަން ކުރަމުން އަންނަ ރަށެކެވެ. އެ ރަށުގެ ޒުވާނުން ހިމެނޭހެން ގިނަބަޔަކު އަންނަނީ ދަނޑުވެރިކަމުން ރަނގަޅު އާމްދަނީއެއް އަންނަނީ ހޯދަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި